ރޯދަ ހިފުމުގައި އަމަލުކުރަން ޖެހޭނީ އެ މީހަކު ހުރި ގައުމެއްގައި ނިންމާ ގޮތަކަށް: ޝަހީމް

ރޯދަ ހިފަން ފެށުމާއި އީދުކުރުމުގައި އަމަލުކުރަން ޖެހޭނީ އެމީހަކު ހުރި ގައުމެއްގައި ކަމާބެހޭ އިދާރާތަކުން ނިންމާ ގޮތަކަށް ކަމަށާއި 28 ރޯދަ ހިފުމަށް ފަހު އީދުކުރުން ހުއްދަ ނުވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވި އެވެ.


ޝަހީމް މިހެން ވިދާޅުވީ އެހެން ގައުމުތަކަށްވުރެ ފަހުން ރޯދަ ހިފަން ފެށި ސްރީ ލަންކާ އަށް އިއްޔެ އަކީ ރޯދަ މަހުގެ 28 ވަނަ ދުވަސް ކަމަށް ވިޔަސް އެ ގައުމުގައި އުޅޭ ދިވެހިން މިއަދު އީދު ކުރުމަށާއި މި މަހު ތެރޭ އެއް ރޯދަ ގަޟާކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގާފައި ވަނިކޮށެވެ.

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޝަހީމް ފޭސްބުކްގައި ލިޔުއްވާފައިވަނީ ހަނދު މަހެއްގައި އޮންނާނީ 29 ނުވަތަ 30 ދުވަސް ކަމަށް ވާއިރު 28 ރޯދަ ހިފާފައި އީދު ކުރުން ހުއްދަ ނުވާނެ ކަމަށެވެ.

"ރޯދައިގައި އަމަލު ކުރަން ޖެހޭނީ އެބަޔަކު ތިބި ތަނެއްގައި ނުވަތަ ބައްރެއްގައި އެ ބަޔަކު ރޯދަ ހިފަން ފަށައި އެ ގައުމަކާ އެކު. އަދި އެބަޔަކު ތިބި ގައުމެއްގެ އޮތޯރިޓީތަކުން ނިންމުމާ އެއްގޮތަށް،" ޑރ. ޝަހީމް ލިޔުއްވާފައިވެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެފައި ވަނީ އިސްލާމީ ގައުމުތަކަށް މިއަދު މިއީ އީދު ދުވަސްކަމަށް ވުމާ އެކު، ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިން ވެސް ރާއްޖެއެކޭ އެއްގޮތަށް އީދު ދުވަސް ފާހަގަކުރަމުން އަންނަ ކަމަށެވެ. ރާއްޖޭގައި މި އަހަރު ރޯދަ ހިފަން ފެށީ، ހަމަ ލޮލަށް ހަނދު ނުފެނު ނަމަވެސް، އިތުބާރު ހުރި ފަލަކީ ހިސާބަށް ބިނާކޮށެވެ. ސައޫދީ އަރަބިއްޔާ އާއި އިސްލާމީ ގިނަ ގައުމުތަކަށް ވެސް އެ ދުވަހުގެ އިރު އޮއްސުމަށް ފަހު ވެސް ހަނދު ފެންމަތީގައި ހުންނާނެކަން ފަލަކީ ހިސާބުން ކަށަވަރު ވިޔަސް، އެ ދުވަހުގެ އިރު އޮއްސުމަށް ފަހު ހަމަ ލޮލަށް ހަނދު ފެނިފައިނުވާތީ، އެ ގައުމުތަކުން ރޯދަ ހިފަން ފެށީ ފަހުންނެވެ. ލަންކާގައި ރޯދަ ހިފަން ފެށީ ރާއްޖެއަށް ވުރެ ދެ ދުވަސް ފަހުންނެވެ.