ޖޭޕީގެ ހަތަރު ނައިބު ލީޑަރުން އިންތިޚާބުކޮށްފި

ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް އަލަށް އިންތިޚާބުކުރާ ހަތަރު ލީޑަރުން މިއަދު ފަތިހު ހޮވައިފި އެވެ.


ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދާ، ޖޭޕީގެ ކޮންގްރެސްގައި އިންތިޚާބުކުރާ ހަތަރު ޑެޕިއުޓީ ލީޑަރުންގެ މަގާމަށް ފަސް ބޭފުޅަކު ކުރިމަތިއްލެވިއިރު، އެންމެ ގިނަ ވޯޓު ހޯއްދެވީ ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަދި މިދިޔަ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު އެ ޕާޓީއާ ގުޅިވަޑައިގެންނެވި އަބްދުﷲ އަމީނެވެ. އޭނާ އަށް 237 ވޯޓު ލިބިވަޑައިގަތެވެ.

ކުރީގެ ނައިބު ރައީސް އަދި މިދިޔަ ފެބްރުއަރީ މަހު ޖޭޕީ އަށް ސޮއިކުރެއްވި ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އަރިހުގައި ފެށުނީއްސުރެ ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާ އަމީންގެ އިތުރުން ޑެޕިއުޓީ ލީޑަރުންނަށް ދެން އިންތިޚާބުވީ މިހާރު ވެސް އެ މަގާމުގައި ތިއްބެވި އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް (227 ވޯޓު) އާއި ޑރ. ހުސެއިން ރަޝީދު ހަސަން (224 ވޯޓު) އާއި ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަދި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒް (އެފްއޭ) އެވެ. ޑެޕިއުޓީ ލީޑަރުގެ މަގާމަށް އަލަށް ވާދަކުރެއްވި ފަޔާޒަށް 167 ވޯޓު ލިބިވަޑައިގަތެވެ.

ޑެޕިއުޓީ ލީޑަރުންގެ މަގާމަށް ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ނާކާމިޔާބުވީ، ކުރީގެ މިނިސްޓަރު އަދި މިހާތަނަށް ވެސް އެ މަގާމު ފުރުއްވަމުން އައި އަބްދުﷲ ކަމާލުއްދީނަށެވެ. އޭނާ އަށް ލިބިވަޑައިގަތީ 106 ވޯޓެވެ.

ޖޭޕީގެ އިންތިޚާބުތަކުގެ ވޯޓު ފައިނަލް ކުރުމުގެ ކަންކަން މިއަދު ފަތިހު ކުރިއަށް ގެންދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ކެބިނެޓުގައި މަސައްކަތް ކުރައްވާފައިވާ އަބްދުﷲ ކަމާލުއްދީން ޖޭޕީއާ ގުޅިވަޑައިގަތީ 2012 ވަނަ އަހަރު އެވެ. އޭގެ ކުރިން އުޅުއްވީ، މައުމޫން އުފެއްދެވި ޑީއާރުޕީގަ އެވެ. ޖޭޕީގެ ލީޑަޝިޕްގައި އިސް ދައުރެއް އަދާކުރައްވާފައިވާ އަބްދުﷲ ކަމާލުއްދީނަކީ، މި ފަހަރުގެ ކޮންގްރެސް އިންތިޒާމް ކުރުމުގެ ކޮމެޓީގެ ޗެއާމަން ވެސް މެ އެވެ.

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދަށް އަލަށް ގެނައި ބަދަލާ އެކު އެ ޕާޓީގެ ލީޑަރުގެ މަގާމު ހުސްވެފައިވާ ހާލަތެއްގައި އެންމެ އިސް ބޭފުޅަކީ ޑެޕިއުޓީ ލީޑަރުންގެ ތެރެއިން ކައުންސިލުން ކަނޑައަޅާ ޑެޕިއުޓީ ލީޑަރެކެވެ.

ޖޭޕީގެ ލީޑަރުގެ މަގާމު ހުސްވީ އެމަގާމަށް އެއްވެސް މީހަކު ކުރިމަތި ނުލުމުންނެވެ. އެ މަގާމުގައި މިހާރު ހުންނެވި ގާސިމް އަށް ކުރިމަތި ނުލެއްވުނީ ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން ހުށަހެޅި މައްސަލާގައި އިއްވާފައިވާ ތިން އަހަރުގެ ޖަލު ހުކުމާ ގުޅިގެންނެވެ.

ޖޭޕީގެ ރައީސަކަށް ހޮވާފައި ވަނީ އެ ޕާޓީއާ ދާދި ފަހުން ގުޅިވަޑައިގެންނެވި އަލީ ވަހީދެވެ. އެއީ ޖޭޕީގައި އިދާރީ ގޮތުން އެންމެ އިސް މަގާމެވެ. ނައިބް ރައީސަކަށް އިންތިޚާބު ކުރީ ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމެވެ.

ޖުމްހޫރީ ޕާޓީގެ 32 މަގާމަކަށް ބޭފުޅުން އިންތިޚާބު ކޮށްފައިވާއިރު އޭގެ ތެރޭގައި ޕާޓީގެ ކައުންސިލާއި ޔޫތު ވިންގުގެ އިތުރުން އަންހެނުން ލީގް ހިމެނެ އެވެ.