ވޯޓު ކަރުދާސްތަކެއް ގުނަނީ: ވޯޓު ކަރުދާހުގައި ފާހަގަ ޖެހުން ފިޔަވައި އިތުރު އެއްޗެއް ލިޔެ ނުވަތަ ކުރަހައިފި ނަމަ ވޯޓު ބާތިލްވާ ގޮތަށް ހަދަން ސަރުކާރުން ވަނީ އިސްލާހު ހުށަހަޅާފައި --ފޮޓޯ/މިހާރު
24 ޖޫން 2018 - 19:22
ވޯޓު ކަރުދާހުގައި އިތުރު އެއްޗެއް ކުރަހައިފި ނަމަ ނުވަތަ އެއްޗެއް ލިޔެފި ނަމަ އެ ވޯޓެއް ބާތިލްވާ ގޮތަށް އިންތިޚާބުތަކާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގައި ހިމަނައިފި އެވެ.
ރިޔާސީ އިންތިޚާބުގެ ގާނޫނާއި އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި އިއްވާއިރު، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ގިނަ އިސްލާހުތަކެއް ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ކަމަށް ވަނީ އެނގިފަ އެވެ.
އެގޮތުން ވޯޓު ކަރުދާހުގައި ފާހަގަ ޖެހުން ފިޔަވައި، އިތުރަށް އެއްޗެއް ކުރަހައިފި ނަމަ ނުވަތަ ލިޔެފި ނަމަ އެ ވޯޓެއް ބާތިލްވާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުން ހިމެނޭ ކަމަށް ވެސް ވަނީ އެނގިފަ އެވެ. އަދި އިންތިޚާބުގައި ވޯޓު ދިން މީހުންގެ އަދަދު ކަނޑައެޅުމުގައި ބާތިލް ވޯޓު ހިމަނައިގެން ނުވާނެ ކަމަށް އޮންނަ އޮތުން އުވާލަން ވެސް އެ އިސްލާހުގައި ހިމަނާފައިވާ ކަމަށް ވަނީ އެނގިފަ އެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން ވޯޓު ކަރުދާހުގައި އިތުރު އެއްޗެއް ކުރެހިޔަސް ނުވަތަ ލިޔުނަސް އެ ވޯޓެއް ބާތިލް ނުވާތީ އޭގެ ސަބަބުން ވޯޓަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުން، އެފަދަ ވޯޓުތައް ބާތިލްވާ ގޮތަށް މީގެކުރިން ވެސް އެ ގާނޫނަށް އިސްލާހެއް ހުށަހެޅި އެވެ. އެކަމަކު އޭރު އެ އިސްލާހު އަނބުރާ ގެނައީ އެވެ.
އިންތިޚާބުތަކާ ބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން ވޯޓާސް ލިސްޓް އާންމު ކުރަން ޖެހެނީ އިންތިޚާބުގެ 45 ދުވަސް ކުރިން ކަމަށް ވިޔަސް، އިންތިޚާބުގެ 90 ދުވަސް ކުރިން އެ ލިސްޓް އާންމު ކުރަންޖެހޭ ގޮތަށް އެ އިސްލާހުގައި ހިމަނާފައިވާ ކަމަށް ވަނީ އެނގިފަ އެވެ. އަދި ވޯޓުލެވޭ މީހުން ވޯޓުލާ ތަންތަނުގެ މައުލޫމާތު އެނގޭނެ ލިސްޓް އިންތިޚާބުގެ 45 ދުވަސް ކުރިން އާންމު ކުރަންޖެހޭ ގޮތަށް ވެސް އެ އިސްލާހުގައި ހިމަނާފައިވެ އެވެ.
މީގެ އިތުރުން މޮނީޓަރުން ފިޔަވައި، ވޯޓުލާން ދާ މީހުން ވީޑިއޯ ނުވަތަ އަޑު ރެކޯޑް ކުރެވޭ ވަސީލަތްތައް ވޯޓުލާ މަރުކަޒަށް ވެއްދުން މަނާކުރަން ވެސް އެ އިސްލާހުގައި ހިމަނާފައިވާ ކަމަށް ވަނީ އެނގިފަ އެވެ. އަދި އިންތިޚާބީ ކުށްތަކަށް ކަނޑައެޅޭ އަދަބުތައް ބޮޑުކުރަން ވެސް އެ އިސްލާހުގައި ހިމަނާފައިވާ ކަމަށްވެ އެވެ.
ރިޔާސީ އިންތިޚާބުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހެޅީ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ކެންޑިޑޭޓުން ދައްކަންޖެހޭ 40،000ރ. ގެ ބަދަލުގައި 50،000ރ. އަށް އެ އަދަދު ބޮޑު ކުރުމަށް ވެސް ވަނީ އެނގިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަށްދު
25 June 2018
ޔާމީނަށް ނޫން ކޮންމެމީހަކަށް ވޯޓް ލިޔަސް މިފަހަރު އެވޯޓް ބާތިލުވާނެ ހުރިހާވާހަކައެއް ދައްކާކަށް ބޭނުމެއްނޫން އެއީ އެކަންއޮތްގޮތް
އިސްމާޢީލް ނަޞީރު
25 June 2018
"މިހާރު ގާނޫނު އޮންނަ ގޮތުން ވޯޓު ކަރުދާހުގައި އިތުރު އެއްޗެއް ކުރެހިޔަސް ނުވަތަ ލިޔުނަސް އެ ވޯޓެއް ބާތިލް ނުވާތީ އޭގެ ސަބަބުން ވޯޓަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުން، އެފަދަ ވޯޓުތައް ބާތިލްވާ ގޮތަށް މީގެކުރިން ވެސް އެ ގާނޫނަށް އިސްލާހެއް ހުށަހެޅި އެވެ. އެކަމަކު އޭރު އެ އިސްލާހު އަނބުރާ ގެނައީ އެވެ" މިފަހަރުވެސް ހަމަ އެގޮތަށް އިސްލާޚް އަނބުރާ ގެންނާނެކަމަށް ފެންނަނީ...................
ގުންޑޮޅި
25 June 2018
ވޯޓުގެ ބަސްމާނަކުރާ ސަފްހާގައިބުނާގޮތުން ކުރެހުމޭ ލިޔުމޭ ކިޔަނީ ތިމާނޫން އެހެން މީހެއްގެ ނަން ލިޔެފަ އޮންނަ އޮތުމަށް ކަމަށް ލިޔެ ޝާއިއުކުރާނެތާ ދޮއްތޯ.
ޒައިޝް
25 June 2018
ބާޠިލް ވިޔަސް މިފަހަރު ވޯޓު ކަރުދާހުގައި މަޒްމޫނެއް ލިޔުން އޮތީ.. އަދި އެއް ނެތް ރައީސްއަކަށް ގެންނަން ހެޔޮވާވަރު މީހަކު ކުރިމަތިލާފައެއް!
އުނބުށެން
25 June 2018
އީސީން ނަން ނުހިމަނާ މީހަކަށް ތާއީދު އޮތްވަރު ދައްކަން ބޭނުންވެދާނެތީ އަމިއްލައަށް ނަންޖަހައި ފާހަގަލުން ފަދަ ކަމެއްކޮށްގެން މޮނިޓަރުންގެ ގޮތުގައި ތިބެގެން އެ "ވޯޓް" ގުނާ ހެދުންފަދަ ކަމެއް ހިނގައިދާނެތީ އެޅި ފިޔަވަޅެއްކަމަށް ވެދާނެއެވެ. މިހެން ހެދިޔަސް އެކަން ކުރެވޭނެއެވެ. އެކަމަކު އެއްދޮނުގައި ދެބުޅި ޖަހާލާހެން، ދެން އެންމެ ބޭނުންވާ ދެވަނަ މީހަކަށް ޞައްޙަ ވޯޓެއް ދިނުމުގެ މަގު ބަންދުވާނެތާއެވެ.
މިރަށުމީހާ
25 June 2018
ވޯޓު ކަރުދާހުގައި ކުރެހުން ނުވަތަ ލިއުން މާނަކުރުމަކީ ދަތި ކަމެއް. ފާހަގަ ޖަހާއިރު އިތުރު ތިކެއް ވެސް އޮވެދާނެ، ފާހަގައިން ކެނޑިގެން ރޮނގުކޮޅެއްވެސް ވަކިން އޮވެދާނެ. އަތްތުރުތުރު ލާމީހުން ގެ ފާހަގަ ހުރޭ ކެނޑި ކެނޑިފަވެސް. ވަރަށް ފަސޭހަކޮށް ވޯޓު ބާޠިލް ކޮށްލެވޭނެ މިހާރުދެން.
ވަރުނުލާ
25 June 2018
ޢަންނިއައް ކުރިމަތި ނުލެވޭނަމަ އެމީހުން ވޯޓް ކަރުދާހުގަ އަމިއްލައައް އަންނިގެ ނަން ލިޔާނެ މިކަމައް އެބަޖިހޭވިސްނަން
ޢިބަ
25 June 2018
ތިޔައީ ވޯޓު އޮޅުވާލަން ރާވާ ރޭވުމަކަށް ވާނީ.ތިޔަކަހަލަ ކިތަން މެ ރޭވުމެއް ރާވާނެ
ތުއްތުނާ
25 June 2018
ރައްޔިތުން މި ތިބީ ވޯޓުން ރައީސް އަބްދުﷲ ޔާމީނު ބަލިކޮށް އަތްޖަހަން ތައްޔާރަށް........
ނޫނު
25 June 2018
ވޯޓުތަށް ގުނާގަޑީ ހުށިޔާރު ނުވެއްޖެނަމަ ޕިންކީން އިދިކޮޅު ވޯޓުތަކުގައި ކުރަހާ ބާތިލުކުރަން އެއުޅެނީ. ވަގުންނަށް ވައްކަން ނޫން ކަމެއް ނޭނގޭނެ ކުރާކަށް.
ނޭފަތުފޫޅު
25 June 2018
ވޯޓު ގުނާ ވަގުތު އެއްވެސް ގަލަމެއް ފަންސުރެއް ވޯޓު ގުނާ މޭޒު ގައި ބޭނުން ކުރުން އަބަދު ވެސް މަނާކަމެއް. މޮނީޓަރުން ސަމާލުވާޏް ޖެހޭނެ ކަންކަން މިއީ. މޮނީޓަރުން ލޯ ހުޅުވައިގެން ފަރުވާތެރި ވާންޖެހޭނެ.
ޙަސީނާ
25 June 2018
މީހުނަށް ވަގަށް ގޮވާއިރު މިހާތަނަށް ވައްކަމެއް ސާބިތުވެގެން ޝަރުޢީ ހުކުމެއް އެމީހެއަގެ މައޮޗަށް އައިސް ތަންފީޒު ކުރެފައިވާ ސިޔާސީ ލީޑަރަކީ ރައީސް ނަޝީދު
ކަސީނާ
25 June 2018
ތިޔަބުނާ ސާބިތެއްވީ ކިހިނެއްތޯ. ދަންވަރު މީހުން ނިދާ ގަޑީގައި ކޯޓަށްގެންގޮސްގެން ނޫންތޯ. ތިގޮތަށް ކިތަންމެ ބަޔަކަށް އެބަހުރި ކުށް ސާބިތުކުރުވާފަ. އެވެރިކަމުގައިވެސް ތިގޮތަށް ސާބިތު ކުރުވިނަމަ މިއަދު ޔާމީން ވެސް އޮންނާނީ ޖަލުގައި. މިވެރިޔާވެސް އަދި ޖަލަށްލާތަން ކަލޭމެންނަށް ފެންނާނެ.
ދޮގެއްތަ؟
25 June 2018
ކިތަންމެ ރުޅިއެއް އަޔަސް ވައްކަމުގެ ހުކުމާއި ޓެރަރިޒަމްގެ ހުކުމް އޮތީ ކާކަށްކަން އެންމެނަށް އެނގޭ. ކަލޭމެނަށްވެސް އެނގޭ. ހަޖަމުގެ މައްސަލަ އުޅޭތީ ގަބޫލު ކުރަން ދަތިވަނީނު.