ވަކީލް މައުމޫން ހަމީދު: އިންތިހާބީ މަގާމުތަކަށް އަންނަ މީހުން ޖަވާބުދާރީ ކުރަން ރައްޔިތުންނަށް ފުރުސަތު އޮންނަން ޖެހޭނެ
28 ފެބުރުއަރީ 2018 - 06:29
ރާއްޖޭގެ އިންތިޚާބީ މަގާމުތަކާ މެދު އަބަދުވެސް ރައްޔިތުންގެ ޝަކުވާ ބޮޑެވެ. އިންތިޚާބުތަކުގައި ގާބިލް ކެންޑިޑޭޓުންނަށް ވުރެ ސިޔާސީ ޕާޓީތަކުގެ ފިކުރުގެ ކެންޑިޑޭޓުން ގިނަވުމާއި މަގާމަށް އިންތިޚާބު ވުމަށް ފަހު ރައްޔިތުން ލާބައަށް މަސައްކަތް ނުކުރާ ކަމުގެ ޝަކުވާއަކީ ގާނޫނު އަސާސީ އައި ފަހުން ވޭތުވެދިޔަ ނުވަ ވަރަކަށް އަހަރު ތެރޭގައި ވެސް ނިމުމެއް ނައި ޝަކުވާތަކެވެ.
މިކަމަށް ހައްލެއް ގެންނަން ގާނޫނީ ވަކީލް މައުމޫން ހަމީދު ހުށަހެޅުއްވަނީ ދެ ޚިޔާލެކެވެ. ސިޔާސީ ބައެއް ބޭފުޅުން މައްސަލަތަކުގައި ވެސް މަސައްކަތް ކުރައްވާ މައުމޫން މިދިޔަ ހަފުތާގައި ވަނީ އެ ދެ ޚިޔާލުގެ މައްޗަށް ބިނާކޮށް، ގާނޫނުއަސާސީއަށް ގެންނަން ފެންނަ އިސްލާހެއްގެ ގޮތަށް ދެ ޑްރާފްޓެއް އާންމު ކުރައްވައިފަ އެވެ. މިއީ މީގެ އަހަރުތަކެއް ކުރިން އޭނާ ތައްޔާރުކުރެއްވި ދެ ޑްރާފްޓެވެ.
މައުމޫންގެ އެއް ޚިޔާލަކީ ރައީސުލް ޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިޚާބު ކުރާއިރު، ކުރިމަތިލާ ކެންޑިޑޭޓުންނަށް ތާއީދު ނުކުރާ ނަމަ އެކަން ވޯޓުން ދައްކުވައި ދިނުމުގެ ފުރުސަތު ރައްޔިތުންނަށް ދިނުމެވެ. ދެވަނަ ޚިޔާލަކީ މަޖިލިސް މެމްބަރުން އިންތިޚާބުވުމަށް ފަހު، ޒިންމާ އަދާނުކުރާ ކަމަށް އެ ދާއިރާއެއްގެ ރައްޔިތުންނަށް ގަބޫލުކުރެވޭ ނަމަ، އެ މެމްބަރަކު އެ މަގާމުގައި ބަހައްޓަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދެވޭ ގޮތް ހެދުމެވެ.
ކުރިމަތިލާ ކެންޑިޑޭޓުންނަށް ތާއީދު ނުކުރާ ނަމަ، ކެންޑިޑޭޓުންނަށް "ނޫނެކޭ" ބުނެ ވޯޓު ލުމުގެ ހައްގު ރައްޔިތުންނަށް ދިނުމަށް މައުމޫން ތައްޔާރުކުރެއްވި ޑްރާފްޓްގައި އޮތީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބަށް ކުރިމަތިލާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާ ނަމަ އެގޮތަށް ވޯޓު ދިނުމުގެ ފުރުސަތު ރައްޔިތުންނަށް ދިނުމެވެ. އެގޮތުން، އިންތިޚާބުގައި ގިނަ މީހުން ވޯޓު ދިނީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާ ކަމަށް ވާ ނަމަ، އާ ކެންޑިޑޭޓުންނާ އެކު އަލުން އިންތިޚާބު ބާއްވަން އޭގައިވެ އެވެ.
މައުމޫން ވިދާޅުވި ގޮތުގައި އެ ބަދަލު ގެންނަން ހުށަހެޅުމުގެ އެންމެ ބޮޑު ބޭނުމަކީ އިންތިޚާބުތަކަށް ނެރެނީ ރައްޔިތުން ބަލައިގަންނަ ކެންޑިޑޭޓުންނަށް ހަދަން ބާރު އެޅުމެވެ. އަމިއްލަ ގޮތުން ކުރިމަތިލާ މަދު ކެންޑިޑޭޓުންތަކެއް ފިޔަވައި، ގިނައީ ޕާޓީތަކުން ނެރޭ ކެންޑިޑޭޓުން ކަން ފާހަގަކުރައްވައި، މައުމޫން ވިދާޅުވި ގޮތުގައި ޕާޓީއަކުން ނެރެނީ ރައްޔިތުން އެންމެ ހިތްހަމަޖެހޭ ކެންޑިޑޭޓަށް ނުވުމުގެ ފުރުސަތު އެބަ އޮތެވެ.
"މިސާލަކަށް ޕާޓީއަކުން ކެންޑިޑޭޓަކު ނެރޭނީ އެ ޕާޓީއެއްގެ ތެރޭގައި އޮންނަ އުސޫލުތަކެއްގެ ތެރެއިން. އެގޮތަށް ނެރޭ ކެންޑިޑޭޓަކު ނުވެދާނެ އެ ޕާޓީގެ ގިނަ މެމްބަރުން އެހާ ހިތްހަމަޖެހޭ ކެންޑިޑޭޓަކަށް. އަދި އެއްވެސް ޕާޓީއަކާ ނުގުޅޭ މީހުން ވެސް އެބަ ތިބި،" މައުމޫން ވިދާޅުވި އެވެ.
"އެހެންވީމަ ކެންޑިޑޭޓުން ކަމުނުދަންޏާ ރައްޔިތުންނަށް އެބަ އޮންނަން ޖެހޭ ކަމުނުދެޔޭ ބުނުމުގެ ފުރުސަތު. އޭރުން ޕާޓީތަކަށް ވެސް އަލުން މަޖުބޫރުވާނެ ރަނގަޅު ކެންޑިޑޭޓުން އިންތިޚާބުތަކަށް ނެރެން. މީގައި ކޮންމެ ގޮތެއް ވިޔަސް، ރައްޔިތުންގެ ހައްގު އެއީ ކޮމްޕްރޮމައިޒް ނުކުރެވޭނެ އެއްޗެކޭ އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ."
ރާއްޖޭގެ އިންތިޚާބީ ނިޒާމުގައި އެ ފުރުސަތެއް މިހާރަކު ނޯވެ އެވެ. އޮންނަނީ ހަމައެކަނި ތާއީދުކުރާ ކެންޑިޑޭޓުުގެ ނަމާ ދިމާލުގައި ފާހަގަ ޖެހުން އެކަންޏެވެ. ތާއީދު ނުކުރާ ނަމަ އެކަން ހާމަކުރުމުގެ ފުރުސަތެއް ވެސް ނެތެވެ. އެކަން ބަދަލުކުރަން ޖެހޭ ކަމަށް މައުމޫން ދެކެވަޑައިގަންނަވަ އެވެ.
"މިހާރު އެ ފުރުސަތު ނެތީމަ މިވާ ގޮތަކީ ބާތިލް ވޯޓަކަށް މިވަނީ. ބާތިލްވީމަ އެ ވޯޓެއް ނުގުނޭ،" އޭނާ ވިދާޅުވި އެވެ.
މައުމޫންގެ މި ޚިޔާލަކީ ކުރިއަރާފައިވާ އެހެން ގައުމުތަކުގައި ވެސް މިހާރު އޮތް ނިޒާމެކެވެ. މިސާލެއްގެ ގޮތުން އިންޑިއާ އާއި އެމެރިކާގެ ބައެއް ސްޓޭޓްތަކާއި ސްޕެއިންނާއި ފިންލެންޑާއި ގްރީސް އަދި ސްވިޑްން ފާހަގަކޮށްލެވެ އެވެ. މި ގައުމުތަކުގައި ބާއްވާ އާންމު އިންތިޚާބުތަކުގައި ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތަކުގެ އިތުރުން، ވޯޓު ކަރުދާހުގެ ތިރީގައި (ނަން އޮފް ދި އެބަވް ނުވަތަ ނަން އޮފް ދީޒް ކެންޑިޑޭޓް ފަދަ އިބާރާތަކުން) ޖަހާފައި އިތުރު ގޮޅިއެއް އޮންނާނެ އެވެ. އެއީ ކުރިމަތިލި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާ ނަމަ ފާހަގަ ޖަހާ ގޮޅި އެވެ.
ރާއްޖޭގައި ބޭއްވި އިންތިޚާބެއްގައި ވޯޓު ކަރުދާސްތައް ގުނަނީ: --މިހާރު ފޮޓޯ/ހުސެން ވަހީދު
މިހާރު މި ނިޒާމު އޮންނަ ގައުމުތަކުގައި ދެ ގޮތަކަށް އަމަލު ކުރެ އެވެ. ބައެއް ގައުމުތަކުގައި އޮންނަނީ، މައުމޫން ހުށަހެޅުއްވި ފަދައިން، އަލުން އިންތިޚާބެއް ބޭއްވުމެވެ. މާނައަކީ ގިނަ މީހުން ވޯޓު ދިނީ ކުރިމަތިލި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ކަމަށް ވާ ނަމަ، އާ އިންތިޚާބެއް ބާއްވާން ޖެހޭނެ އެވެ. އަލަށް ބާއްވާ އިންތިޚާބުގައި ކުރިން ވާދަކުރި އެއްވެސް ކެންޑިޑޭޓަކަށް ބައިވެރިއެއް ނުވެވޭނެ އެވެ. އެހެންވުމުން ޕާޓީތަކުން ވިޔަސް އަދި އަމިއްލަ ގޮތުން ވެސް އާ އިންތިޚާބަށް ނެރެން ޖެހޭނީ އާ ކެންޑިޑޭޓުންތަކެކެވެ. ބައެއް ގައުމުތަކުގައި ރިޔާސީ އިންތިޚާބުގައި ވެސް މިގޮތަށް ވޯޓު ދެވެ އެވެ.
އަނެއް ބައި ގައުމުތަކުގައި މިއީ ހަމައެކަނި ރަމްޒީ ކަމެކެވެ. މާނައަކީ ގިނަ މީހުން ވޯޓު ދިނީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ކަމަށް ވިޔަސް، އާ އިންތިޚާބަކަށް ދާކަށް ނުޖެހެ އެވެ. އޭގެ ބަދަލުގައި ދެވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓަކު ހޮވުނީ ކަމަށް ބަލަނީ އެވެ. އަވަށްޓެރި އިންޑިއާ އާއި އެމެރިކާގެ ނެވާޑާ ސްޓޭޓްގައި އޮންނަނީ އެގޮތަކަށެވެ. އެކަމަކު އުސޫލު އެހެން އޮތަސް، ލިބޭ ފައިދާއަކީ ރައްޔިތުންގެ ބަސް ވޯޓުން ހާމަކުރެވުމެވެ.
"މަގާމަށް އިންތިޚާބުވާ ފަހުން އެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ވިސްނުންތަކަށް ބަދަލުތަކެއް އައިސްފާނެ. އެކަމަކު ރައްޔިތުންނަށް މިޖެހެނީ ފަސް އަހަރުވެ، ދައުރު ހަމަވަންދެން މަޑުކުރަން. އެކަމަކު ރިކޯލް ވޯޓަކަށް ދެވޭ ނަމަ ރައްޔިތުންނަށް އޮންނާނެ ބާރު"
މިފަދަ ނިޒާމެއް ގެންނަ ނަމަ، މީގެ އަނެއް ކޮޅަށް ވެސް ވިސްނާލުން މުހިންމެވެ. މިގޮތަށް ބަދަލު ގެނައުމުން ކޮންމެ ފަހަރަކު އާ އިންތިޚާބެއް ބާއްވަން ޖެހޭ ހިސާބަށް ދާ ނަމަ، އޭގެ ސަބަބުން ނިކުމެދާނެ މައްސަލަތަކެވެ. މިސާލަކަށް ކޮންމެ ފަހަރަކު އާ އިންތިޚާބެއް ބޭއްވުމަކީ ބޮޑު ހަރަދެކެވެ. އަނެއް ކޮޅުން އިންތިޚާބު ކުރަން ޖެހޭ މަގާމުގައި މީހަކު ނެތި ދިގު މުއްދަތެއް ހޭދަވުމުގެ މައްސަލަ އެވެ. މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ބައެއް ގައުމުތަކުގައި އުސޫލުތަކެއް އޮންނަނީ ދުރާލާ ކަނޑައަޅައިފަ އެވެ.
އެގޮތުން ބައެއް ގައުމުތަކުގައި، އަލުން އިންތިޚާބު ބޭއްވޭނީ ކިހާ މިންވަރަކަށް ކަން އޮންނަނީ ގާނޫނުތަކުގައި ކަނޑައަޅައިފަ އެވެ. އަދި އިންތިޚާބު ކޮޅެއްގައި ނުޖެހެނީސް، މަގާމުގައި ހުރި މީހެއްގެ ދައުރު ހަމަވެއްޖެ ނަމަ ވަގުތީ ގޮތުން އެހެން މީހަކު އައްޔަން ކުރާ އުސޫލުތަކެއް ވެސް ބައެއް ގައުމުތަކުގައި އޮވެ އެވެ. އެހެންވެ، މި ނިޒާމު ރާއްޖެއަށް ވެސް ތައާރަފްކުރާ ނަމަ، އެފަދަ ބަދަލުތަކެއް ގެނެވިދާނެ ކަމަށް މައުމޫން ދެކެވަޑައިގަންނަވަ އެވެ.
"އަޅުގަނޑު ދައްކައިދޭން ބޭނުންވަނީ މިއީ ކުރެވިދާނެ ކަމެއް ކަން. މިއީ އަދި އެންމެ ފުރިހަމަ ޑްރާފްޓެކޭ ނޫން މިދަންނަވަނީ. މީގައި ޑިސްކަސް ކޮށްގެން ގެންނަން ޖެހޭ އިސްލާހުތައް ވެސް ގެނެވިދާނެ،" މައުމޫން ވިދާޅުވި އެވެ.
"މި ޑްރާފްޓް އޭރު އާންމު ކުރީމަ މަޖިލީހުގެ ބައެއް މެމްބަރުން އަޅުގަނޑަށް ގުޅުއްވި. ދެން އަޅުގަނޑު މީތި ފޯރުކޮށް ދިނިން އެ ބޭފުޅުންނަށް."
މައުމޫންގެ ދެވަނަ ޚިޔާލަކީ މަޖިލިސް މެމްބަރަކު ޒިންމާ އަދާނުކުރާ ކަމަށް އެ ދާއިރާއެއްގެ ރައްޔިތުންނަށް ގަބޫލުކުރެވޭ ނަމަ، އެ މީހަކު އެ މަގާމުގައި ބަހައްޓަން ފެނޭތޯ ނުވަތަ ނޫންތޯ ބަލަން އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ވޯޓެއް ނަގަން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމެވެ. އެފަދަ ވޯޓުތަކަށް ކިޔަނީ ރިކޯލް ވޯޓު ނުވަތަ ރިކޯލް ރިފަރެންޑަމެވެ.
މައުމޫން ވިދާޅުވާ ގޮތުން މި ޚިޔާލުގެ މައްޗަށް ބިނާކޮށް، ދާދި ފަހުން އޭނާ އާންމުކުރެއްވި ޑްރާފްޓުގެ އަސްލަކީ 12 ވަރަކަށް އަހަރު ކުރިން ތައްޔާރުކުރެއްވި ލިއުމެކެވެ.
ގާނޫނު އަސާސީ އިސްލާހުކުރި ދުވަސްވަރު މައުމޫން އެ ޑްރާފްޓް ތައްޔާރުކުރެއްވީ މައުމޫންގެ ދައްތާފުޅު އަދި އޭރު ގާނޫނު އަސާސީ އިސްލާހުކުރި ޚާއްސަ މަޖިލީހުގެ މެމްބަރު އަލްމަރްހޫމް ޑރ. ފާތިން ހަމީދުގެ އެދިވަޑައިގަތުމަކަށެވެ. މައުމޫން ވިދާޅުވާ ގޮތުން، އޭރު ފާތިންގެ ވިސްނުންފުޅަކަށް ވީ އިންތިޚާބީ މަގާމުތަކުގައި ތިބޭ މީހުން ޖަވާބުދާރީ ކުރުވުމުގެ ބާރު ރައްޔިތުންނަށް ދެވޭ ފަދަ ގޮތަކަށް އޮތުމެވެ.
"މަގާމަށް އިންތިޚާބުވާ ފަހުން އެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ވިސްނުންތަކަށް ބަދަލުތަކެއް އައިސްފާނެ. އެކަމަކު ރައްޔިތުންނަށް މިޖެހެނީ ފަސް އަހަރުވެ، ދައުރު ހަމަވަންދެން މަޑުކުރަން. އެކަމަކު ރިކޯލް ވޯޓަކަށް ދެވޭ ނަމަ ރައްޔިތުންނަށް އޮންނާނެ ބާރު،" މައުމޫން ވިދާޅުވި އެވެ.
އޭނާގެ ޑްރާފްޓްގައި ހުށަހަޅާފައި އޮތީ މެމްބަރަކު ޒިންމާ އަދާނުކޮށްގެން ނުވަތަ ގާނޫނާ ޚިލާފްވެގެން ނުވަތަ ރައްޔިތުންގެ ފައިދާއަށް ވުރެ ބޮޑަށް ވަކި ޕާޓީއެއްގެ މަސްލަހަތުގައި މަސައްކަތްކޮށް އަދި ޒާތީ މަސްލަހަތު ކުރިއަރުވަން މަސައްކަތް ކުރާ ކަމަށް ގަބޫލުކުރެވޭ ނަމަ، ފެންނަ ނުފެންނަ ވޯޓަކަށް ދެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމެވެ.
އެގޮތުން ރިކޯލް ވޯޓަކަށް ދާން ބޭނުން ނަމަ އެ މެމްބަރަކު ނިސްބަތްވާ ދާއިރާގެ ތިން ބައި ކުޅަ އެއް ބައި މީހުން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅަން ޖެހެ އެވެ. އަދި އެފަދަ ޕެޓިޝަނަކާ ގުޅިގެން ނަގާ ރިކޯލް ވޯޓުގައި، އެ މެމްބަރަކު ވަކިކުރަން ޖެހޭ ކަމަށް ރައްޔިތުންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ އެ މެމްބަރަކު މަގާމުން ވަކިވާނެ އެވެ.
ރިކޯލް ވޯޓަކީ އެހެން ގައުމުތަކުގައި މިހާރު ވެސް އޮތް ނިޒާމެކެވެ. އެމެރިކާގެ ގިނަ ސްޓޭޓްތަކެއްގެ އިތުރުން ކެނެޑާ އާއި އާޖެންޓީނާ އާއި ކޮލަމްބިއާ ފަދަ ގައުމުތަކުގައި މި ބާރު ރައްޔިތުންނަށް އޮވެ އެވެ. ގިނަ ގައުމުތަކުގައި މި ބާރު އޮންނަނީ ހަމައެކަނި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ގަވަރުނަރު ނުވަތަ މޭޔަރުން މަގާމުން ދުރުކުރުވުމަށެވެ. ފަހުގެ ތާރީޚުގައި އެމެރިކާގެ އެކި ސްޓޭޓްތަކުގައި ގިނަ އަދަދެއްގެ ސެނެޓް މެމްބަރުންނާއި ގަވަރުނަރުން އަދި މޭޔަރުން އެ ވޯޓުގައި މަގާމުން ދުރުކޮށްފައިވެ އެވެ.
މައުމޫންގެ މި ދެ ޚިޔާލަކީ އިންތިޚާބީ މަގާމުތަކަށް އެކަށީގެންވާ މީހުން އައްޔަން ކުރަން ރައްޔިތުންނަށް ފުރުސަތު ލިބި، ޒިންމާ އަދާ ނުކުރާ ނަމަ ރައްޔިތުންގެ ސީދާ ވޯޓަކުން ޖަވާބުދާރީ ކުރެވޭނެ ފަދަ ބަދަލުތަކެއް، ގާނޫނު އަސާސީއަށް ގެނެވިދާނެ ފަދަ ހުށަހެޅުމެކެވެ. މި ބަދަލު ގެނެސްފި ނަމަ، އެކަން ވެގެންދާނީ އިންގިލާބީ ބޮޑު ބަދަލަކަށެވެ. އެކަމަކު އެ ފުރުސަތު ރައްޔިތުންނަށް ލިބޭނީ ގާނޫނު އަސާސީ އިސްލާހު ކޮށްގެންނެވެ. މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތު ކޮންޓްރޯލްކުރާ ބޮޑެތި ޕާޓީތަކުން، އެ އިސްލާހުތަކަށް ތާއީދުކުރާނެތޯ މިއީ އުފެދޭ ބޮޑު ސުވާލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިފޯމް
03 March 2018
މައުމޫނުގެ ހުށަހެޅުމަށް ވަރަށް ތާއީދު. އަދި ވިސްނާލަންޖެހޭ ދެމައްސަލައެއް އެބައޮތް. 1. ނިސްބަތުން ބަލައިރު މަޖްލިސް މެމްބަރުން ރާއްޖޭގައި ބޭނުންވާވަރަށްވުރެ ގިނަހެން ހީވޭ. 2. ތާކުން ތާކުނުޖެހޭ ތައުލީމެއްނެތް މީހުންގެ ކެންޑިޑޭޓުންނަށް ހުށަހެޅުމުގެ ފުރުސަތުކުޑަ ކުރަން ބަދަލުތަކެއް ކުރަންޖެހޭ. މައުމޫނުގެ ފުރަތަމް ޚިޔާލުން މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ. އެކަމަކު ކެންޑިޑޭޓުންނަށް ހުށައެޅޭ މީހުަންގެ ޕްރޮފައިލްގައި ތައުލީމާއި ބެހޭ މަޖުބޫރު މިންގަޑުތަކެއް ކަޑައެޅުން މުހިއްމުކަމެއްކަމަށް ދެކެން. ރިފޯމް ބާރަސް ކުރިއަށް. ދިވެހީންނަށް ގޮވާލަނީ ޕާޓީތަކަށް ހަށިހުސްކޮށްލުމަށް ވުރެ މާމުހިއްމު ރިފޯމްއަށް ގޮވާލާ، އަދި ހެޔޮވިސްނޭ، އަޚްލާގު ރަގަޅު މީހުން ބިނާކޮށް އެމީހުން ލީޑަރުންނަށް ހެދުން.
މާއީ
01 March 2018
ފުރަތަމަ ކުރަންޖެހޭ ކަމަކީ ޤާނޫނު އަސާސީގައިވާގޮތަށް ލާމަރުކަޒީ އުސޫލުން މިގައުމު ހިންގުމަށް ބާރު އަޅާ ޤާނޫނު އަސާސީ އޭގެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރަންވީއެވެ. އެހެން ނޫންނަމަ ނޫބާ ވެރިން ކޮންމެ ކަމެއްވެސް އޭގެ ނާޖާއިޒު ފައިދާ ނަގާ ހަތިޔާރަކަށް ބޭނުން ކުރަން ފަށާފާނެއެވެ، އޭރުން މަގުސަދު ހާސިލު ނުވެ ދެން ލިބޭ ގެއްލުން މާބޮޑުވާނެއެވެ. މިގައުގެ މިހާރު ކަންތައް ހިނގަމުންދާ ގޮތުން އިބުރަތް ލިބިގަންނަން ޖެހެއެވެ.
ފެމުނު
01 March 2018
ތީގަ ހަމަޖެހޭ އޮއްޓރުހުރި ހަމަޖެހޭ އެއްވެސް ވާހަކައެއް ނއެހް. އެހެންނޫނަސް މައުމޫނު ހަމީދަކީ ގާނޫނީ ކަކޭލުކަން ކުރެވޭވަރުގެ މީހެއްނޫ. އޭނަ ފެންަޅައިގެން ގާނޫނު މޮޑެން ކަމުގޮއްސާނެ.
ގައްދޫ އަލަ
01 March 2018
ތިއީ ސުޓްރެޓިޖިކަލް ވިސްނުމެއްނެތް ،އިޤުތިސާދީ،އިޖުތިމާޢީ ވިސްނުމެއްނެތް އިސްލާހެއް.ގައުމުގެ ބަޖެޓާއި ނުބައްދަލު އިންތިޚާބުތަކެއް ބޭއްވުމަށް މަގުފަހި ވުމާއި، ތިބުނާ ރައްޔިތުން އެދޭމީހާ ނުފެނި ކޮންމެ ފަހަރަކު ނޫނެކޭ ބުނެ ،މުޅި ސިސްޓަމް ޑެޑްލޮކް އަކަށް ގޮސްދާނެ.ގާނޫނީ ހުސްކަމަކަށް މަގުފަހިވެ،ވެރިކަމުގައި އޭރު ތިބި ބަޔަކު ޑިކްޓޭޓަރުންނަށް ،ޚުދުމުހުތާރުވުމަށް ލިބޭ ފުރުސަތެއްކަމުގައި މިކަންވާނީ..ވިސްނުންކޮށި ކަމުގެ އިންތިހާ.
ާަގޮހޮރޭ
01 March 2018
ޥަރަަައް ރަންގަޅު ގޮތެެެެެެއް
އަބްދުއްލާ
28 February 2018
މިއީ ދުނިޔޭގެ އެއްވެސް ގައުމަކު އޮންނަކަމެއްނޫން ދެއިރު ދެދަޅަޔަށް އިންތިހާބަށް ހަރަދުކޮށް ދަވްލަތުގެ އާމްދަނީ ހުސް ދަވްލަތާރައްޔިތުންގެ ތަރައްގީ އަށް ހަރަދުކުރަން ހުރި ފައިސާ ހަރަދުކުރަންޖެހެނީ ހުސް އިންތިހާބުތަކަށް . މިކަހަލަ ވިސްނުން ކޮށި އިގްތިސާދާ އާމްދަނީ މެނޭޖް ނުދަންނަ މީހުން ކޮންމެ އެއްޗެކޭވެސް ކިޔާފާނެ . އެހެންވިމަދޯ ވަކާލާތު ކުރާ މައްސަލަތައްވެސް ކާމިޔާބު ނުވަނީ
ހާސް
03 March 2018
ވަރަސް ހާސްވާހެންހީވޭ. އަދި އެހިސާބަކަށް ނުދޭ އިގޭ.
ބޮޑުކަކުނި
28 February 2018
ޤާނޫނު އަސާސީގެ އެއްވެސް މާއްދާއެއް އިސްލާހް ކުރުމުގެ ބާރު މިހާރު މިއޮތް އޮތުން ވަރަށް ނުބައި . ޢެބައިވެސް ބަދަލު ކުރަންފެނޭ . ޚާއްޞަ މަޖިލިސް އެކުލަވައި ލެވިގެން ނުވަތަ މަތިގެއާއި ތިރިގެ ހަދައިގެްވެސް އެތަނުން ބަހެއް ކިޔައިގެން ވެސް . ނިކަން ދެކިބަލަ މިވެރިޖަމުގައި ގަނެލި ގަނޑު . ޢެކަހާލި މިކހާލި މެން .
ކޮޓރިކުލި
28 February 2018
މިހާރުގެ ވޯޓުލުމުގެ ނިޡަމުން މަގޭ ހައްޤު ފޭރިަނެފައިވަނީ ނުހައޤުން . ކެންޕޭނުތަކުގައި ގޮވަނީ ކޮންމެ މީހަކުވެސް ހައްޤު އަދާކުރަން ވޯޓު ދޭށޭ . ޏުރުހުމުން ހުރެ ވޯޓު ދޭން ޖެހުނީމާ ހުރިހާ ނަމެއްގާ ނުބައިފާހަގަ ޖެހިން . ދންވެސް ވީ އެވަރު . 2 ނަމުގައިވެސް ޖެހީ ނުަބައި ފާހަގަ . ޥޯޓު ނުގުނީމާ އކަމުގެ ފައިދާ ކުރީ މަށކށްނޫން . މިބުނީ މަކުރި މަސައްކަތުން ފައިދާނެގީ ދެ ކެނޑިޑެޓުންނޭ . މގޭ ހައޤު އޮތީ ކނިވަށީގަ .
ބޮލައްތުރާ
28 February 2018
ތިގޮތަށް ތިކަން ވެއްޖެއްޔާ ވޯޓުލާން ދާނަން. އުމުރުން 28 އަހަރުވީ، އަދި ދުވަހަކުވެސް ވޯޓެއް ނުލަން. ކަމުދާ ކެނޑިޑޭޓެއް ކުރިމަތި ނުލާތީ.
ވަރަށް ބޯބޮޑުތާ
28 February 2018
ޢަދި އަވަސް ... ތިކަން ނުވާނެ....ބޯދާޚިޔާލެއް
ޢަލީ.
01 March 2018
ބޯދާ ޚިޔާލެކޭ؟ ބޯދާ ޚިޔާލަކީ ރައްޔިތުންގެ ފައިސާއަށް ޚިޔާނަތްތެރިވެ ވެރިމީހާގެ ކައިރީގައި އުޅޭ އެންމެން ބިލިޔަރުންނަށް ވެގެން ދާއިރުވެސް ބަލަހައްޓައިގެން ހެވިފަ ހުރުން، އެ ކާ ބަޔަކު ކަނީ ދިވެހި އެންމެންގެ ވެސް ފައިސާ ކަން ނޭނގުން. ދިވެހި އެންމެހާއި ރައްޔިތުންގައި އަހަރެމެންގެ އެންމެންގެ ދަރިންގެ ދަރިންގެ ހައްގުކަން ނޭނގުން.