ރިޔާސީ އިންތިޚާބުގެ ގާނޫނާއި އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ރިޔާސީ އިންތިހާބަށް ކުޑަ ދުވަސް ކޮޅަކަށް ވެފައިވަނިކޮށް މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި، ދެ ގާނޫނަށް ވެސް ސަރުކާރުން އިސްލާހު ހުށަހަޅާފައިވާ އިރު ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ވެސް ވަނީ ރިއާސީ އިންތިހާބުގެ ގާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ. އެ އިސްލާހުތައް މިއަދުގެ ޖަލްސާގައި އިއްވި އިރު އެ ކަމަށް ބަހުސްކޮށް ކޮމެޓީ އަށް ފޮނުވުމާ މެދު ގޮތެއް ނިންމުން ތާވަލު ކޮށްފައިވަނީ މާދަމާގެ ޖަލްސާއަށެވެ.

ރިޔާސީ އިންތިހާބުގެ ގާނޫނަށް ނިހާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ރާއްޖޭގެ އިތުރުން އެހެން ގައުމެއްގެ ރަށްވެހިކަން ހޯދާފައިވާ މީހަކު ބޭރުގެ ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ރިޔާސީ އިންތިހާބަށް ކުރިމަތިނުލެވޭނެ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އަށް އިސްލާހެއް ހުށަހެޅުއްވި އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގައިޑްލައިންގައި ހިމެނޭ ކަންކަމެވެ. އޭގެ އިތުރުން ވެސް އިސްލާހުތަކެއް ހުށަހެޅުއްވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަނުން އާންމު ކުރުމުން، ބްރޯޑްކާސްޓް ކުރާ ހުރިހާ ފަރާތްތަކުން އެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް އިސްތިހާރު ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށް، އިންތިހާބުތަކާ ބެހޭ ގާނޫނުގައި އޮންނަ މާއްދާ އިސްލާހުކުރަން ވެސް ހުށަހެޅުއްވި އެވެ.

މިހާރު އެ ގާނޫނުގައި ބުނެފައިވާ ގޮތުން ކެންޑިޑޭޓަކަށް ވަކި ވަގުތެއް ބްރޯޑްކާސްޓަރުން ކަނޑައެޅި ނަމަވެސް ވަކި ކެންޑިޑޭޓަކަށް އިތުރު ވަގުތު ދެވެ އެވެ. އެގޮތުން އެއް ކެންޑިޑޭޓަކަށް ދޭން ކަނޑައަޅާ ވަގުތަށް ވުރެ 10 ޕަސެންޓަށް ވުރެ އިތުރު ނުވާ ގޮތަށް ވަކިވަކި ކެންޑިޑޭޓުންނަށް ފުރުސަތު ދެވެ އެވެ.

އެ މާއްދާ އިސްލާހު ކުރަން ހުށަހަޅާފައި ވަނީ، ބްރޯޑްކާސްޓަރުން ކެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުން ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް ވަގުތު ދޭންވާނީ ހަމަހަމަކަމާ އެކުގައި ކަމަށެވެ. އަމިއްލަ މީޑިއާތައް ވެސް ހިމެނޭ ގޮތަށް ގެންނަ އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި ވަކި ކެންޑިޑޭޓަކަށް އިތުރު ވަގުތު ވިއްކުމުގެ ފުރުސަތެއް ވެސް ނޯވެ އެވެ.

ވޯޓު ކަރުދާހުގައި ރަނގަޅު ފާހަގަ ނޫން އެހެން ފާހަގައެއް ނުވަތަ އެހެން އެއްޗެއް ކުރަހައި ނުވަތަ ލިޔެފި ނަމަ އެ ވޯޓެއް ބާތިލުވާ ގޮތަށް އިސްލާހު ގެނައުމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ސަރުކާރުގެ ފަރާތުން ފަރެސްމާތޮޑާ ދާއިރާ މެމްބަރު ހުސައިން މުހައްމަދު ލަތީފް ރިޔާސީ އިންތިހާބުގެ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ކެންޑިޑޭޓުން ދައްކަންޖެހޭ 40،000ރ. ގެ ބަދަލުގައި 100،000ރ. އަށް އެ އަދަދު ބޮޑު ކުރުމަށް ވަނީ ހުށަހަޅާފަ އެވެ.

އެ އިސްލާހުތަކަކީ އިލެކްޝަން ކޮމިޝަންގެ އެދުމުގެ މަތިން ހުށަހަޅާފައިވާ އިސްލާހުތަކެކެވެ. ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.

ކުޑަ އިރުކޮޅަކަށް ކުރިއަށް ގެންދިޔަ މިއަދުގެ ޖަލްސާގައި ވަނީ ރޫސީ ވިލާތަށް ރާއްޖޭން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރު ކަމަށް، ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި މުހައްމަދު ހުސައިން ޝަރީފްގެ ނަން ދިރާސާ ކުރުމަށް ކޮމެޓީ އަށް ފޮނުވާފަ އެވެ.