ކުރީގެ ދެ ފަނޑިޔާރުންގެ އިސްތިއުނާފު ރިވިއުކުރަން ސުޕްރީމް ކޯޓަށް

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ޖަލަށް ލާން ކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން މުރާޖައާ ކުރަން އެ ބޭފުޅުންގެ ފަރާތުން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.


ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލައިގައި އަބްދުﷲ ސައީދާއި އަލީ ހަމީދު އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ކުރި ހުކުމް ރަނގަޅު ކަމަށް ނިންމައި، ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައިވަނީ އެ ބޭފުޅުން ހުށަހެޅި އިސްތިއުނާފް ބަލައިނުގަނެ ބޭރުކޮށްލައިފަ އެވެ.

އެ ނިންމުމާ އެކު އެ ބޭފުޅުން މަގާމު ގެއްލިފައި ވިޔަސް، އެ ބޭފުޅުންގެ ވަކީލުން ވިދާޅުވަނީ ސުޕްރީމް ކޯޓުގެ އެ ނިންމުމަކީ އެ ކޯޓުގެ ރަޖިސްޓްރާގެ ނިންމުމެއް ކަމަށާއި އެ ނިންމުން ރިވިއު ކުރަން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅޭނެ ކަމަށެވެ. އެހެންވެ އެ ބޭފުޅުންގެ މަގާމު އަދިވެސް ނުގެއްލޭ ކަމަށް އެ ބޭފުޅުންގެ ވަކީލުން ގެންދަނީ ބުނަމުންނެވެ.

ވަކީލުން އެހެން ވިދާޅުވި ނަމަވެސް، އެ މައްސަލަ ބަލައިނުގަންނަން ނިންމި ނިންމުމުގައި ބުނެފައިވާ ގޮތުގައި، އެ މައްސަލަ ބަލައިނުގަންނަން ނިންމީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ. ސުޕްރީމް ކޯޓުގެ ގަވާއިދު އޮންނަ ގޮތުން ވެސް އެ ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމުގެ ހުއްދަ ދޭނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.

އަަބްދުﷲ ސައީދުގެ ވަކީލު ހިސާން ހުސައިން ކުރެއްވި ޓްވީޓެއްގައިވަނީ އިސްތިއުނާފު ބަލައިނުގަތުމަށް ނިންމި ނިންމުން ރިވިއު ކޮށްދިނުމަށް އެދި އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މަގާމުން ވަކިވުމުން ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ މަގާމަށް ބޭފުޅުން އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ރައީސް އަބްދުﷲ ޔާމީން ވަނީ ނަން ފޮނުއްވައިފަ އެވެ. އެ ގޮތުން އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރުމަށާއި އެ ކޯޓުގެ ބެންޗުގެ ހުސްވެފައިވާ ދެ މަގާމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި އެ ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަން ކުރަން މަޖިލީހަށް ވަނީ އެ ބޭފުޅުންގެ ނަން ފޮނުއްވައިފަ އެވެ. އަދި އެ މައްސަލައިގައި ގޮތެއް ނިންމުމަށް މިރޭ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ވަނީ ތާވަލު ކޮށްފަ އެވެ.