ކަރެކްޝަނަލް ސާވިސްގެ ނަން ނޭޝަނަލް ޕްރިޒަން ސާވިސް އަށް ބަދަލުކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ނަން ނޭޝަނަލް ޕްރިޒަން ސާވިސްގެ ނަމަށް ބަދަލު ކުރަން ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.


ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މާވަށު ދާއިރާގެ މެމްބަރު އަހުމަދު އަޒްހާން ފަހުމީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.

އެ ބިލުގައި އިސްލާހު ހުށަހަޅާފައި ވަނީ އެ ބިލް މަޖިލީހުން ފާސްވެ، ތަސްދީގު ކުރާ ދުވަހުން ފެށިގެން ކަރެކްޝަނަލް ސާވިސްގެ ނަން ނޭޝަނަލް ޕްރިޒަން ސާވިސް އަށް ބަދަލު ކުރުމަށެވެ. އަދި ކަރެކްޝަނަލް ސާވިސް މިހާރު ވެސް އޮންނަ ގޮތަށް، ނޭޝަނަލް ޕްރިޒަންސް ސާވިސްއަކީ ސިވިލް ސާވިސްގައި ނުހިމެނޭ އަދި ޔުނިފޯމް އެޅި އޮފިސަަރުން ހިމެނޭ މަދަނީ ޚިދުމަތެއް ކަމުގައި ހަމަޖެއްސުމަށް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.

މީގެ އިތުރުން ވެސް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ އެހެން މާއްދާތަކަށް ވެސް އެ ބިލުގައި އިސްލާހު ހުށަހަޅާފައިވެ އެވެ. މިހާރު އެ ގާނޫނު އޮންނަ ގޮތުން ކަރެޝަންސްގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދެވެނީ މިނިސްޓަރަށް ކަމަށް ވިޔަސް، އެ ބިލުގައި އިސްލާހު ހުށަހަޅާފައި ވަނީ ޕްރިޒަންސް ސާވިސްގެ ހުރިހާ މުވައްޒަފުންނަށް ވެސް މަގާމުގެ ކުރިއެރުން ދިނުމުގެ ބާރު ކޮމިޝަނަރަށް ދިނުމަށެވެ. އެކަމަކު ޝަރަފްގެ ނިޝާން ދޭނީ މިހާރު ވެސް އޮންނަ ގޮތަށް މިނިސްޓަރު ކަމަށް އެ އިސްލާހުގައިވެ އެވެ.

ޕެރޯލްގެ ދަށުން މީހުން ދޫކުރުމާއި ބޯޑުގެ ޒިންމާ އަދާ ކުރުމަށް ޕްރިޒަން ސާވިސްގެ އިދާރީ އޮނިގަނޑުގައި ވަކި ޑިޕާޓްމެންޓެއް އުފައްދަން ޖެހޭ ގޮތަށް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ. އަދި ހުކުމް ތަންފީޒު ކުރަމުންދާ މީހެއްގެ ޕެެރޯލް ބާތިލްކޮށްފި ނަމަ، އެ ހުކުމަކާ ގުޅިގެން އަލުން ޕެރޯލަށް ނޭދެވޭ ގޮތަށް ވެސް އެ ބިލުގައި އިސްލާހު ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން ހުކުމް ތަންފީޒު ކުރަމުންދާ މީހެއްގެ ޕެރޯލްއާ މެދު ޕެރޯލްގެ ބޯޑުން ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހިގެން އެ ނިންމުން މުރާޖާކޮށް ދިނުމަށް އެދި އެ ބޯޑަށް ހުށަހެޅުމުން، އެ ބޯޑުގެ ނިންމާ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ، ޝަރީއަތަށް އެ މައްސަލަ ހުށަހަޅަން ޖެހޭ މުއްދަތު 20 ދުވަހަށް ކުރު ކުރުމަށް ވެސް އެ ބިލުގައި އިސްލާހު ހުށަހަޅާފައިވެ އެވެ.