ހަ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރުކޮށްފި

ރާއްޖެ އަށް ހަ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު މިދިއަ ހަފުތާގައި ހައްޔަރުކޮށްފި އެވެ.


ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި، އޭގެ ތެރެއިން އެކަކީ ބަންގްލަދޭޝްގެ މީހެއް ކަމަށް ބުނެފައި ވިޔަސް ދެ ވަނަ މީހާއަކީ ކޮން ގައުމެއްގެ ރައްޔިތެއްކަމެއް ބުނެފައެއް ނުވެ އެވެ. އެކަމަކު އޭނާ ވެސް ރާއްޖެ އައީ އިންޑިއާ މަގުން ބަންގްލަދޭޝް އިން ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

ހަތަރު ކިލޯއަށް ވުރެ ގިނަ ކެނަބިސްއާ އެކު މިދިއަ ބުރާސްފަތިދުވަހު އަތުލައިގަތް ބަންގްލަދޭޝްގެ މީހާ ރާއްޖެ އައީ ކޮޗިން މަގުންނެވެ. ޖޫން 25 ގައި، ދެ ކިލޯގެ ކެނަބިސްއާ އެކު ހައްޔަރުކުރި މީހާ ބަންގްލަދޭޝް އިން ރާއްޖެ އައީ އިންޑިއާ މަގުން ކަމަށް ބުނެފައި ވިޔަސް، އެއީ ސީދާ ކޮން ސިޓީއެއްކަން ހާމަކޮށްފައެއް ނުވެ އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި ދެ މީހުންގެ ފޮށިތައް ބަލައިފާސްކުރީ އެމީހުންގެ އަމަލްތައް ހުރި ގޮތުން ޝައްކުވެގެންނެވެ. އޭގެ ތެރެއިން މިދިއަ ބުރާސްފަތިދުވަހު އައި މީހާގެ އަތުން މަސްތުވާތަކެތި ފެނުނީ އޭނާގެ ފޮށީގައި އޮތް ދެ ރަޖާގަނޑެއްގެ ތެރޭގައި ރައްކާކޮށްފައި ވަނިކޮށް ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

ދެ މީހުންނާއި އެ މީހުންގެ އަތުން އަތުލައިގަތް ކެނަބިސް ކަސްޓަމްސް އިން ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.