ރައީސް ޔާމީނަށް އިތުބާރު ކުރަން، ދެރަ ގޮތެއް ނުހަދާނެ: ޑރ. ޝަހީމް

ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓު ކަން ގަބޫލުކުރެއްވީ އެމަނިކުފާނަށް ފުރިހަމަ އަށް އިތުބާރު ކުރައްވާތީ ކަމަށާއި އޭނާއާ ދޭތެރޭގައި ދެރަ ގޮތެއް ނުހައްދަވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.


ރަނިން މޭޓު ކަމަށް ހަމަޖެއްސެވި ފަހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމް ވަނީ، އެ މަގާމް، އޭނާ ގަބޫލުކުރެއްވި ސަބަބާ ގުޅޭ ގޮތުން އުފައްދާ ސުވާލުތަކަށް ވަރަށް ޖޯޝާ އެކު ޖަވާބު ދެއްވައިފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުން ފައްޓަވަމުން ޝަހީމް ވިދާޅުވީ އޭނާ އެ މަގާމާ ހަވާލުވެވަޑައިގަތުމާ އެކު، ޖަލަށް ނުލާނެތޯ އާއި ރައީސް ޔާމީންގެ އިތުބާރު އޮތްތޯ އަދި މަސައްކަތްތަކުން އެއްފަރާތް ނުކުރާނެތޯ ފަދަ ސުވާލުތައް ކުރާނެ ކަމަށެވެ. އެ ހުރިހާ ސުވާލުތަކަށް ވެސް ޝަހީމްގެ ޖަވާބަކީ މިއެވެ؛

"އިސްލާމީ ކަންތައްތައް ގާއިމްކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިހާތަނަށް ދެއްވާފައިވާ އެއްބާރުލުމާއި އެހީތެރިކަމުގެ މައްޗަށް ބިނާކޮށް، އަޅުގަނޑު އެމަނިކުފާނަށް ވަރަށް ފުރިހަމަ އަށް އިތުބާރުކުރަން."

ރައީސް ޔާމީންގެ ރަނިން މޭޓް ޑރ. ޝަހީމް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އިސްލާމް ދީނުގައި އޮންނަނީ އަދުލަށް ހުކުމްކޮށް، ހައްގު ބަސް ބުނެ، އަނިޔާވެރިކަމާއި ވައްކަމާ ދެކޮޅު ހެދުން ކަމަށް ވާއިރު، އެ ނޫން މިސްރާބަކަށް މި ސަރުކާރުގެ ކަންކަން ހުރި ކަމަށް ތުހުމަތުކުރާއިރު ވެސް ރައީސް ޔާމީންގެ ފަހަތްޕުޅަށް އަރާވަޑައިގަތީ ކީއްވެތޯ ސުވާލުކުރުމުން ޝަހީމް އެއްސެވީ "100 ޕަސެންޓް ފުރިހަމަ އިންސާނަކީ ކޮބައިތޯ" އެވެ.

އެއްވެސް އިންސާނަކީ 100 ޕަސެންޓް ފުރިހަމަ އިންސާނެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކި މީހުން މާކްސް ދޭނީ އެކި މިންވަރަށް. އަޅުގަނޑު ރައީސް ޔާމީންގެ ފަހަތަށް އެރުމުގައި އަޅުގަނޑު ޖެހި މާކްސް އަޅުގަނޑަށް ފުދޭ. ރައީސް ޔާމީނާ ދޭތެރޭގައި އަޅުގަނޑުގެ އިތުބާރު އެބަ އޮތް،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާޒީއަށް ބަލާއިރު ވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަރަށް ބޮޑު އެއްބާރުލުމެއް އޭނާ އަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.

އެގޮތުން ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާއި ވަހުދަތު ދެމެހެއްޓުމަށްޓަކައި އެހީއަށް ރައީސް ޔާމީން އެދިވަޑައިގަތުމުން އެކަން ގަބޫލުކުރެއްވީ، ރާއްޖޭގެ ދީނީ އިލްމުވެރިންނާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ވިދާޅުވި އެވެ. އެ އެންމެންގެ ވެސް ލަފާ ލިބުނީ، އޭނާ ވިދާޅުވި ގޮތުގައި، އިސްލާމީ ވަހުދަތު ދެމެހެއްޓުމަށްޓަކައި ރައީސް ޔާމީނަށް އެއްބާރުލުން ދިނުމަށެވެ.

ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ރަނިން މޭޓު ކަމަކީ އޭނާ ޝައުގުވެރިވި އަދި އުއްމީދު ވެސް ކުރި މަގާމެއް ނޫން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ އިސްލާމީ އުސޫލެއް އޮވެ، އެއީ އެ މީހަކު އެ ކަމަކަށް ދަހިވެތިވެގެން ނެތް ކަމެއް އެ މީހަކާ ހަމައަށް އަތުވެއްޖެ ނަމަ އެކަމުގައި މުސްލިމުންގެ މަޝްވަރާއާ އެކު ގަބޫލުކޮށްފި ނަމަ ﷲ އެ ކަމުގައި އެ މީހަކަށް ތައުފީގު ދެއްވައޭ،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަގާމް ގަބޫލުކުރެއްވުމުގައި އަމަލުކުރެއްވީ ރަސޫލާގެ ސުންނަތާ އެއްގޮތަށެވެ.

ރައީސް ޔާމީންގެ ކެބިނެޓުގައި ހުންނެވުމަށް ފަހު އިސްތިއުފާ ދެއްވި ސަބަބު ވެސް ޝަހީމް ތަފްސީލްކޮށްދެއްވި އެވެ. އެއް ސަބަބަކީ ވަރަށް ގާތް އަަޚެއް ކަމަށްވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ބަންދުކުރުމުގެ އިތުރުން ސަރުކާރުގެ މަގާމުން އިސްތިއުފާ ދެއްވަން އޭރު އޭނާ ހުންނެވި އަދާލަތު ޕާޓީން އެންގުން ކަމަށް ވިދާޅުވި އެވެ.

ސަރުކާރުން ވަކިވުމަކީ، ޝަހީމް ވިދާޅުވި ގޮތުގައި، އޭނާގެ ނަޒާހަތްތެރިކަމުގެ ގޮތުން އޭރު ކުރަން ޖެހުނު ކަމެކެވެ. އޭނާގެ ވަފާތެރިކަމަށް ރައީސް ޔާމީން، މާކްސް ދެއްވަން ފެއްޓެވީ އެ ހިސާބުން ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ރަނިން މޭޓް ޑރ. ޝަހީމް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ޝަހީމް ވިދާޅުވީ އިސްތިއުފާ ދެއްވައި، ސިޔާސީ ދާއިރާއާ ދުރުގައި ހުންނެވީ އިދިކޮޅު ފަރާތްތަކާ ގުޅެން ބޭނުން ނުވާތީ ކަމަށެވެ. އޭރުވެސް އިދިކޮޅުން ގެންގުޅުނީ އޭނާ ގަބޫލުކުރައްވާ ފަލްސަފާއެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ރައީސް ޔާމީން ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެން، އިސްލާމީ އެންމެހާ ކަންކަން ބެލެހެއްޓުމާއި ކެބިނެޓުގެ ސޯޝަލް ސެކްޓަރު އޭނާއާ ހަވާލުކުރައްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވައިފަ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި މިހާތަނަށް ތަޖުރިބާ ކުރެވުނު ކަންކަމަށް ބަލާއިރު ނައިބު ރައީސުންނަކީ މާ ބޮޑެތި ޒިންމާތަކެއް އޮންނަ ބޭފުޅުން ނޫނެވެ. ޝަހީމްގެ ދައުރު އެ ނޫން ގޮތަކަށް ފެންނާނެ ކަމުގެ ޔަގީންކަން އޮތީ ކިހާ ވަރަކަށްތޯ ދެންނެވުމުން ވިދާޅުވީ، "ކުރީގެ ނައިބު ރައީސުން ގޮތަށް އަޅުގަނޑުގެ ވަކި ޓީމެއް، ވަކި ޚާއްސަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ނުތިބޭނެ" ކަމަށެވެ.

އޭނާ އެ އިޝާރާތް ކުރެއްވީ އިތުބާރު ނެތް ކަމުގެ ވޯޓާ އެކު މަގާމުން ދުރުކުރި އަދި މިހާރު އަމިއްލަ އަށް އަރުވާލެއްވިގެން އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ، ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދަށެވެ. ރައީސް ޔާމީނާއި ޖަމީލްއާ ދެމެދު ޚިޔާލުތަފާތުވުންތައް އުފެދުނު އެއް ސަބަބަކީ، އޭރު އަޑުފެތުރުނު ގޮތުން ނަމަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުންނަކީ ނައިބު ރައީސްގެ ޓީމު ކަމަށް ސިފަވުމެވެ.

"އަޅުގަނޑުގެ ޓީމެއް ނޯންނާނެ، ވީޕީގެ ޓީމެއް ނޯންނާނެ. ރައީސުލްޖުމްހޫރިއްޔާގެ ޓީމަކީ ވައިސް ޕްރެޒިޑެންޓުގެ ވެސް ޓީމު. އަޅުގަނޑުގެ ވަޒީރުންނެއް ނުތިބޭނެ. އަޅުގަނޑުގެ އެމްޕީންނެއް ނުތިބޭނެ. އެހެންވީމަ އަޅުގަނޑަށް ޔަގީނެއް ނޫންތޯ، އެއިން ފިލާވަޅު ލިބިގަންނަން ޖެހޭ ފަދަ ހިތާމަވެރި ހާދިސާއެއް އަޅުގަނޑަށް ކުރިމަތި ނުވާނެ ކަން،" ޝަހީމް ވިދާޅުވި އެވެ.

ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު

3

ވިލިމާލެ ދާއިރާ