އިމްރާނަށް އަނިޔާ ދެނީ ހައްގުންތޯ ޝަހީމް ފުރަތަމަ ސާފު ކޮށްދެއްވާ: އަދާލަތު

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް އެންމެ ހެޔޮ އެދެނީ ތިމަންނާ ކަމަށް، ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ހަމަޖެއްސެވި ޑރ. މުހައްމަދު ޝަހީމް ދައުވާ ކުރައްވާ އިރު، ޓެރަރިޒަމްގެ ކުށް ސާބިތުކޮށް 11 އަހަރަށް އިމްރާން ޖަލަށް ލީ އިންސާފުންތޯ ފުރަތަމަ ސާފު ކޮށްދެއްވަން އަދާލަތު ޕާޓީން މިއަދު ގޮވާލައިފި އެވެ.


ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޝަހީމް ހަމަޖެއްސެވުމުން، އޭނާ އާއި އިމްރާނާ ގުޅުވައި އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ. އެއީ، ރައީސް ޔާމީންގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރުގެ މަގާމުން ޝަހީމް އިސްތިއުފާ ދެއްވީ އިމްރާނަށްޓަކައި ކަމަށް ވިދާޅުވުމަށް ފަހު، އޭނާ ޖަލު ބަންދުގައި ހުންނަވަނިކޮށް އަލުން ރައީސް ޔާމީންގެ ރަނިން މޭޓް ކަން ގަބޫލުކުރެއްވުމާ ގުޅިގެންނެވެ.

ރައީސް ޔާމީންގެ، ރަނިން މޭޓުގެ ގޮތުގައި ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމް އިއްޔެ ވިދާޅުވީ، އިމްރާނަށް އަދިވެސް އެންމެ ހެޔޮ އެދެނީ އޭނާ ކަމަށެވެ. އިމްރާން ގާތުން އެއްސެވިއަސް އެ ނޫން އެއްޗެއް ވިދާޅުނުވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

އިމްރާން ޖަލަށް ލުމުގެ ކުރިން އަދި މިހާރު ވެސް ރަހުމަތްތެރިންނާއި ގާތް މީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ ކޮބައިތޯ ސުވާލު ކުރަން ވެސް ނޫސްވެރިންގެ ގާތު ޝަހީމް އެދިވަޑައިގަތެވެ.

މި ވާހަކަތަކަށް ރައްދު ދެއްވައި އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ރައީސް އަލީ ނަޒީރު ވިދާޅުވީ ރައީސް ޔާމީންގެ ރަނިން މޭޓަކަށް ކޮންމެ ބޭފުޅަކު ހަމަޖެއްސެވިއަސް އެއީ، އަދާލަތަށް މުހިއްމު ކަމެއް ނޫން ކަމަށެވެ. ރަނިން މޭޓެއް ނަގަނީ އިންތިޚާބުގައި ކެމްޕޭން ކުރަން ކަން މިހާތަނަށް ރައްޔިތުންނަށް ފެނިފައިވާ މަންޒަރުތަކުން ސާފުވާ ކަމަށް ވެސް ވިދާޅުވި އެވެ.

އަދާލަތު ޕާޓީ އަށް މައްސަލައަކީ، ނަޒީރު ވިދާޅުވި ގޮތުގައި، އިމްރާން ދެކެ ލޯބިވާ ކަމަށް ރައީސް ޔާމީންގެ ރަނިން މޭޓު ދައުވާ ކުރެއްވި އިރު އިމްރާނަށް ހުކުމް އިއްވީ އިންސާފުންތޯ ނުވަތަ ނޫންތޯ ވިދާޅުވެ ނުދެއްވުމެވެ.

އިމްރާނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ، މެއި 1، 2015 ގައި އިދިކޮޅު ޕާޓީތަކުން ސަރުކާރާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގައި ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ކަމަށް ވާހަކަ ދެއްކެވި މައްސަލައިގަ އެވެ. އެ މުޒާހަރާގައި އިމްރާން އަޑުއުފުއްލެވީ މި ސަރުކާރުގައި ކޮރަޕްޝަނާއި އަނިޔާވެރިކަމާއި ފަސާދަ އިންތިހާ އަށް ބޮޑުވެފައިވާ ކަމަށް ވިދާޅުވެ އެވެ.

"ޝޭހް އިމްރާން ދެކެ ލޯބިވާ ކަމަށް ރަނިން މޭޓު ދައުވާ ކުރައްވާ އިރު ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި އިމްރާނާ ދޭތެރޭގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، އިންސާފުގެ ކަންފުޅެއް ވެސް ނެތި އިންތިހާ އަށް އަނިޔާވެރިވެ، އަމަލުކޮށްފައިވާ ކަމަށް އެތައް ބަޔަކު ދެކޭ. ޓެރަރިޒަމްގެ ހުކުމެއް އިއްވައި ދިގު މުއްދަތަށް ޖަލަށް ލީ އިންސާފު ނޫން ކަމަށް ބުނެ މިނިވަންކުރަން، ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވެސް އެ ވަނީ ގޮވާލާފައި. އެހެންވީމަ ރަނިން މޭޓު ފުރަތަމަ ސާފުކޮށްދެއްވާ އިމްރާނަށް އަނިޔާ ދެނީ އިންސާފުންތޯ ނުވަތަ ނޫންތޯ؟" ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިމްރާނަށް އަނިޔާދެނީ ނުހައްގުން ކަމަށް ރައްޔިތުން ދައްކާ ވާހަކަތައް މީޑިއާ މެދުވެރިކޮށް އާއްމު ކުރިޔަ ނުދިނުމަށް، އިމްރާންގެ ވާހަކަތައް ޝާއިއުކުރުން ވެސް އޮތީ މަނާކޮށްފައި ކަމަށެވެ. އެގޮތަށް މަނާކޮށްފައި އޮއްވައި، އިމްރާނަށް އެންމެ ހެޔޮ އެދެނީ ކާކުތޯ ސާފު ކުރައްވަން ނޫސްވެރިން ގާތު އެދުމަކީ ވެސް ހުތުރު ކަމެއް ކަމަށް ނަޒީރު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ރަނިން މޭޓް ޑރ. ޝަހީމް އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ނަޒީރު އެ އިޝާރާތް ކުރެއްވީ، ހުކުމް ތަންފީޒު ކުރަމުންދާ ގެންދާ ގައިދީންގެ ވާހަކަތައް މީޑިއާގައި ޝާއިއުކުރުން ހޯމް މިނިސްޓްރީން މަނާކޮށްފައި އޮންނަ އޮތުމަށެވެ.

ޝަހީމް ވިދާޅުވެފައިވާ ގޮތުގައި އިމްރާން ބަންދުގައި ހުންނަވަނިކޮށް، ރައީސް ޔާމީންގެ ފަހަތަށް އަލުން އަރާވަޑައިގަތީ، ރާއްޖޭގައި އިސްލާމީ ވަހުދަތު ދެމެހެއްޓުމަށާއި، އިދިކޮޅު ފަރާތްތަކުން ހިންގާ އަމަލުތަކަކީ އޭނާ އަށް ގަބޫލުކުރެއްވޭ ފަލްސަފާތަކަކަށް ނުވާތީ ކަމަށެވެ. އިދިކޮޅުގެ ފަލްސަފާ އަށް ތާއީދު ކުރެއްވުން ހުއްޓާލައްވައި، ރައީސް ޔާމީން ފަޅިއަށް އެރުމަށް ވެސް، އިމްރާނަށް ޝަހީމް ގޮވައިލެއްވި އެވެ.

"އަޅުގަނޑަށް ވުރެން އިމްރާނަށް ވަކި ހެޔޮ އެދޭ މީހަކު މި އުޑު ދަށުގައި ނުހުންނާނެ. ސަތޭކަ ޕަސެންޓް ޔަގީންކަމާ އެކު މި ދަންނަވަނީ. އިމްރާން ހުންނަވަން ޖެހޭނީ އަޅުގަނޑާ އެއްކޮށް. އަޅުގަނޑު މި ދަންނަވަނީ އިމްރާނަށް، ޒާތީ ކަމެއް ރައީސް ޔާމީނާ އޮވެއްޖިއްޔާ ފިލުވާލާފައި އަޅުގަނޑާ އެއްކޮށް ވަޑައިގަންނަވާށޭ،" ޝަހީމް ވިދާޅުވި އެވެ.