މާލެ އާއި ހުޅުލެ ބްރިޖުން ގުޅާލައިފި: ރައީސް ޔާމީން

މާލެ އާއި ހުޅެލެ ބްރިޖުން މިހާރު ގުޅާލާފައިވާ ކަން ރައީސް އަބްދުﷲ ޔާމީން މ. ދިއްގަރުގައި މިއަދު އިއުލާން ކުރައްވައިފި އެވެ.


މާލެ އާއި ހުޅުލޭ ކޮޅުން ބްރިޖް، މައި ކަނޑާ ހަމައަށް ގެންދިޔައީ ކޮންކްރީޓް ޝީޓްތަކުންނެވެ. އެކަމަކު ކަނޑުގައި ޖަހާފައިވާ ބިޔަ ހަތް ތަނބުގެ ދެމެދުން ބްރިޖް ގުޅުވައިލީ ޗައިނާގައި ތައްޔާރު ކޮށްގެން ގެނައި "ސުޕަސްޓްރަކްޗާ" އިންނެވެ. އެ ބިޔަ ބައިތައް ގެނެސް ގުޅުވަން ފެށީ މާޗު 21، 2018 ގަ އެވެ. އަދި ކަނޑުގެ މެދުގައި ޖަހާފައިވާ ބިޔަ ދެ ތަނބުގެ ދެ ދެމެދު އެ ސްޓްރަކްޗާ އިން ޖުލައި 9، 2018 ގައި ގުޅައިލުމުން، ތާރީޚުގައި ފުރަތަމަ ފަހަރަށް މާލެ އާއި ހުޅުލެ، އިންސާނީ އުފެއްދުމަކުން ގުޅުނީ އެވެ. އެކަން އިއްޔެ އެ ވަނީ ނިމިފަ އެވެ.

މާލެ އާއި ހުޅުލެ ބްރިޖު ގުޅާލާފައި. --ފޮޓޯ: އަލީ ނިޝާން/މިހާރު

ދިއްގަރުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަށް ވެސް ނުކުރެއްވޭނެ ކަމަށް ފާޑުކިޔުން އަމާޒުކުރި ބްރިޖުގެ މަޝްރޫއު އެ އޮތީ ނިންމައިފަ އެވެ. ބްރިޖު މަތީގައި ދުއްވަން ބޭނުންވާ މީހަކަށް ދުއްވޭނެ އަދި ހިނގަން ބޭނުންވާ މީހަކަށް މިހާރު ހިނގޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މާލެ އިން ހުޅުލެ އަށް އެއްވެސް ދަތިކަމަކާ ނުލައި ދެވޭނެ،" ފަސް އަހަރުގެ ދައުރަށް އެމަނިކުފާނު ވެވަޑައިގެންފައިވާ އެންމެ މުހިއްމު އެއް ވައުދާ ގުޅޭ ގޮތުން ވިދާޅުވި އެވެ.

ދިއްގަރުގެ ބަނދަރު ހުޅުވުމާއި ނަރުދަމާގެ ނިޒާމް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި ދެން ކުރިއަށް އޮތީ ބްރިޖުގެ ނުނިމި ހުރި ކަންކަން ނިންމުމެވެ. އެއީ، ތާރުއެޅުމާއި ލޭންތައް ހެދުމާއި ލައިޓްތައް ހަރުކުރުން ފަދަ މަސައްކަތްތައް ކަން ފާހަގަކުރެއްވި އެވެ.

"އެ މަސައްކަތްތައް ނިމުމާ އެކު ބްރިޖު އާއްމުކޮށް ހުޅުވާލެވޭނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ބްރިޖު ނޭޅޭނެ ކަމަށް ބުނެ އެމަނިކުފާނަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުން ދަނިކޮށް، އެ މަޝްރޫއު ނިންމައިލީ، ރައްޔިތުންނަށް ވެވަޑައިގަތް ވައުދަކަށް ވާތީ އެވެ.

ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އަންނަ މަހުގެ ތެރޭގައި ބްރިޖު ހުޅުވުމަށެވެ.

ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާ އިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.