މޮރީޝަސްގައި މިދިޔަ މަހު ބޭއްވި ބެޑްމިންޓަން މުބާރާތުން ވަނަ ހޯދި ދިވެހި ކުޅުންތެރިންނަށް މަރުހަބާ ކިޔަން ހާއްސަ ރަސްމިއްޔާތެއް މޮރީޝަސް ކޮމާޝަލް ބޭންކުން (އެމްސީބީ) އިއްޔެ ބާއްވައިފި އެވެ.
މިދިޔަ މަހު އޮތް ޔޮނެކްސް މޮރީޝަސް އިންޓަނޭޝަނަލް ޗެލެންޖު ގައި ދިވެހި ކުޅުންތެރިން ވަނީ ރިހި މެޑެއްޔާއި ބްރޮންޒް މެޑަލް ހޯދައިފަ އެވެ.
އެމްސީބީ މޯލްޑިވްސްގެ މެނޭޖިން ޑައިރެކްޓަރު ޑިޒައިރީ ލިއޯ ވިދާޅުވީ ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިންނަށް ކުރިޔަށް އޮތް ތަނުގައި ވެސް އެމްސީބީން އެއްބާރުލުން ދޭނެ ކަމަށެވެ. އެގޮތުން 2015 ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ސްޕޮންސަރަކަށް ވީ ފަހުން ރާއްޖޭގައި ކުޅިވަރު ޕްރޮމޯޓް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްސީބީއަކީ ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގެ ބޭންކް ޕާޓުނަރެވެ. ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގެ ބެޑްމިންޓަނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ލިއޯ ވިދާޅުވި އެވެ.
ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވީ ބައިނަލްއަގްވާމީ ބޭންކަކުން ރާއްޖޭގެ ބެޑްމިންޓަން ޓީމު ސްޕޮންސަރުކޮށްދޭތީ އެކަމާ ވަރަށް އުފާކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ބެޑްމިންޓަން ޓީމު އަންނަނީ ރަނގަޅު ނަމެއް މި ކުޅިވަރުގައި ބިނާކުރަމުން. މި އަހަރު އަޅުގަނޑުމެންގެ ޓީމު އެންމެ ރަނގަޅު ނަތީޖާއެއް މި ހޯދީ،" މޫސަ ވިދާޅުވި އެވެ.