ހައްގުތައް ނުދީ ބާއްވާ އިންތިހާބެއް ގަބޫލެއް ނުކުރާނަން: ފައިސަލް

ވޯޓުލުމުގެ ހައްގު ނިގުޅައިގަނެގެން ބާއްވާ އިންތިހާބެއް ގަބޫލު ނުކުރައްވާނެ ކަމަށް، އިދިކޮޅު ކޯލިޝަންގެ ރަނިން މޭޓް، ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.


އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ފައިސަލް ވަނީ ރިޔާސީ އިންތިހާބުގައި އެންމެ ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް އިން ކުރިން ނިންމި ނިންމުން ފާހަގަކުރައްވައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން ރޭ ވަނީ، 100 ދިވެހިން ހަމަވާ ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަން ނިންމައިފަ އެވެ. އެއީ ކުރީ އިންތިހާބުތަކުގައި ވެސް އަމަލުކުރި އުސޫލެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވެދިނުމަށް އިލެކްޝަންސްގެ އޮފިޝަލުން ހަމަޖެއްސުމަކީ ގިނަ ފަރާތްތަކެއްގެ ހައްގު ގެއްލި ވޯޓަށް ނުފޫޒު ފޯރާނެ ކަމެއް ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

"އިންތިހާބުގައި ވޯޓުލުމުގެ ހައްގަކީ ދިވެހި ރައްޔިތުންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއް. އެއީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއް. އެ ހައްގު ނިގުޅައެއްނުގަނެވޭނެ. އެ ހައްގު ނިކުޅައިގަނެވޭނެ ގޮތަކަށް ބޭއްވޭ އިންތިހާބަކީ ދިވެހި ރައްޔިތުން ގަބޫލު ކުރާނެ އިންތިހާބެއް ނޫން،" ފައިސަލް ވިދާޅުވި އެވެ.

"އިލެކްޝަން ކޮމިޝަނަށް ގޮވާލަން ރައްޔިތުން އެދޭ ފަދަ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ފަދަ ރިޔާސީ އިންތިހާބެއް ބޭއްވުމަށް،" ޖުމްހޫރީ ޕާޓީގެ ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހި ރައްޔިތުންގެ މުސްތަބުގަލް ބިނާވެގެންދާނީ އިންތިހާބުގެ ނަތީޖާ އަށް ކަމަށެވެ. އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި އެންމެ ބޮޑު އިސްކަމެއްދޭނީ އިންސާފު ގާއިމްކޮށް ދިނުމަށް ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރަކުން ދުވަހަކު ވެސް ވަކި މީހެއްގެ މެދުގައި ތަފާތު ކުރުން އޮންނަ ގޮތަކަށް އެއްވެސް އަމަލެއް ނުކުރާނެ،" ފައިސަލް ވިދާޅުވި އެވެ.

ޕާޓީތަކުގެ ރައީސުން ހިމެނޭގޮތަށް އެތައް ބަޔަކަށް އަނިޔާ ލިބެމުންދަނީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާތީ ކަމަށް ވިދާޅުވެ ފައިސަލް ވަނީ އެބޭފުޅުން މިނިވަން ކުރަން ގޮވާލައްވައިފަ އެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން މިހާރު ވެސް ހުންނެވީ ޖަލު ބަންދުގަ އެވެ. އަދި ދިގު މުއްދަތަކަށް ހުކުމް އިއްވާފައިވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އުޅުއްވަނީ ރާއްޖެއިން ބޭރުން ހިމާޔަތް ހޯއްދަވައިގެންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވި އަހުމަދު ޝަރީފް އިލެކްޝަންގެ ރައީސްއަކަށް އައްޔަން ކުރައްވާފައިވާއިރު ރިޔާސީ އިންތިހާބު މިނިވަން ނުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.