ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓު ކަރުދާހުގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އޮފިޝަލުން ފާހަގަ ޖަހައިދޭ ގޮތަށް ކަނޑައަޅާފައި އޮތް އުސޫލާ ގުޅޭގޮތުން އަލުން މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް އީސީން މިއަދު ބުނެފި އެވެ.

އީސީން ކުރިން ނިންމާފައިވާ ގޮތުން އަންނަ ސެޕްޓެމްބަރު، 23ގައި ބާއްވާ ރިޔާސީ އިންތިހާބުގައި، ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓު ލުމަށް އެހީތެރިވާނީ ވޯޓު ލާ މަރުކަޒުގެ އިސްކޮށް ހުންނަ މީހާ ކަނޑައަޅާ އިލެކްޝަންސްގެ އޮފިޝަލެކެވެ.

އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ އެ އުސޫލާ މެދު ކަންބޮޑުވުން ފާޅުކޮށް ބައެއް ސިޔާސީ ޕާޓީތަކުން އީސީއަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި އެހެންވެ، އެކަމާ ގުޅޭގޮތުން އަލުން މަޝްވަރާކުރަން ނިންމާފައިވާ ކަމަށެވެ.

"އެކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައި އިރާދަކުރެއްވިއްޔާ މި ހަފުތާ ތެރޭގައި ގޮތެއް ނިންމާނަން،" އަކްރަމް ވިދާޅުވި އެވެ.

އީސީން ކުރިން ބުނިގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ވޯޓުލުމުގައި އޮފިޝަލުން އެހީވާން ނިންމީ، އެއްވެސް މީހެއްގެ ނުފޫޒެއް ނެތި، އެ މީހުންނަށް ވެސް ވޯޓު ލުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މި ނިންމުމާ މެދު އިިދިކޮޅު ކޯލިޝަނުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެެވެ.

އެގޮތުން އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އިލެކްޝަންސްގެ ނިންމުމުގެ ސަބަބުން އެތައް ހާސް ބައެއްގެ ހައްގު ގެއްލިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ކޮމިޝަނާ މެދު ކުރާ ތުހުމަތުތަކަކީ ހާމަކޮށް ކުރާ ތުހުމަތުތަކެއް. މިފަދަ އަމަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ކަންބޮޑުވުން އިތުރުވެގެން ދަނީ،" މާރިޔާ ވިދާޅުވި އެވެ.

ކުރިން އޮންނަ ގޮތުން، ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފާހަގަ ޖަހައިދެނީ އޭނާގެ އެހީތެރިއަކަށް ހަމަޖައްސާފައިވާ މީހާ އެވެ.