ވޯޓާސް ލިސްޓުގައި ޕީޕީއެމާއި އިދިކޮޅު ފަރާތްތަކުން ސޮއިކޮށްފި

މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި، ޕީޕީއެމާއި އިދިކޮޅު އިއްތިހާދުން ސޮއިކޮށް ނިންމައިފި އެވެ.


ކެންޑިޑޭޓުންގެ ފަރާތުން ކަނޑައަޅާ މަންދޫބުން ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ މުއްދަތު މިއަދު ހަމަވާއިރު، އިލެކްޝަންސް ކޮމިޝަނުން ބުނީ ޕީޕީއެމާއި އިދިކޮޅު ފަރާތްތަކުން ވެސް ލިސްޓާ ގުޅޭ އެއްވެސް މައްސަލައެއް މިއަދު ފާހަގަނުކުރާ ކަމަށެވެ.

ވޯޓާސް ލިސްޓްގައި ސޮއިކުރުމުގެ މަސައްކަތް އިލެކްޝަންސް އިން ފެށީ މިދިޔަ އާދިއްތަ ދުވަހު އެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ކޮންމެ ބޭފުޅެއްގެ ފަރާތުން 25 މަންދޫބުންނަށް، ލިސްޓްގައި ސޮއިކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އީސީން ބުނެފައި ވެ އެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ "އިލެކްޝަންސް އިން ދެއްކި ކޮންމެ ގަނޑެއްގައި" ކޯލިޝަނުން ސޮއިކޮށް ނިންމާފައިވާ ކަމަށެވެ. އެކަމަކު އެކަން ކުރިއަށް ދާ ގޮތުން، ކަންބޮޑުވުންތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ އެ ފަދަ މުހިއްމު ލިޔުމެއްގައި ސޮއިކުރުމުން، އޭގެ ކޮޕީއެއް ކެންޑިޑޭޓުންގެ މަންދޫބަށް ވެސް ލިބެން ޖެހޭ ކަމަށާއި އެކަމަކު އެކަމާ އީސީން ދެކޮޅު ހަދާ ކަމަށެވެ.

"ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރި އެ ލިސްޓު ކޮންމެ ކެންޑިޑޭޓަކަށް ވެސް އެބަ ލިބެންޖެހޭ. ސޮއިކޮށްފައި ދޭ ފަހުން، އެއަށް ބަދަލެއް ގެނައި ނަމަވެސް އަޅުގަނޑުމެންނަށް އެކަން އެނގޭނީ އޭރުން،" "މިހާރު" އާ ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޕީޕީއެމުން ސޮއި ކުރި ވޯޓާސް ލިސްޓުގެ ކޮޕީ ނުލިބޭތީ، އެ ޕާޓީން ކަންބޮޑު ނުވުމުން އެކަމާ ހައިރާންވާ އެވެ.

"އެތަނުގައި ޕީޕީއެމްގެ ވެސް އޮބްޒާވަރުން ތިބޭނެ. އަޅުގަނޑުމެންގެ ވެސް އޮބްޒާވަރުން ތިބޭނެ. އެހެންވިޔަސް އެބޭފުޅުން ކިހިނެއްތޯ ކަށަވަރު ކުރާނީ އިލެކްޝަންސް ކޮމިޝަނުން އެތަނަށް ފޮނުވާފައިވާ ލިސްޓާއި ދެން އޮބްޒާވަރުން އަތުގަ އޮންނާނެ ލިސްޓު. އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުން ޕީޕީއެމުން ލިސްޓުގައި ސޮއިކުރީ މާބޮޑަށް ނުވެސް ބަލައި، ލިސްޓުގެ އެންމެ ފަހު ގަނޑުގައި" މާރިޔާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އިދިކޮޅު އިއްތިހާދުން ވޯޓާސް ލިސްޓުގައި ސޮއި ކުރީ، ގެޒެޓް ކުރި ވޯޓާސް ލިސްޓު ވަރަށް ބޮޑަށް އަޅައި ކިޔުމަށް ފަހު ކަމަށެވެ. އަދި އަކްރަމް ވިދާޅުވި ގޮތުގައި، ކެންޑިޑޭޓުން ސޮއި ކުރުމަށް ފަހު، އެ ލިސްޓުގެ ކޮޕީ އެހެން މީހަކަށް ނުލިބޭނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ގެޒެޓްކުރި ވޯޓާސް ލިސްޓްގައި ސޮއިކުރަން ފަސް ދުވަހުގެ މުއްދަތެއް ދިނީ އިތުރު ވަގުތު ބޭނުންވާ ކަމަށް އެއް ކެންޑިޑޭޓަކު އެދިވަޑައިގަތުމުން ކަމަށެވެ. ދެ ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރި ލިސްޓް ނޫން އެހެން ލިސްޓެއް، ވޯޓުލާ މަރުކަޒުތަކުގައި ބޭނުން ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.