ކޯލިޝަން މެނިފެސްޓޯ އަށް އަދާލަތުން ހުށަހަޅާ ކަންތައްތައް އާއްމުކޮށްފި

ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށް އެކުގައި މަސައްކަތް ކުރާ އިދިކޮޅު ކޯލިޝަނަށް، އަދާލަތު ޕާޓީން ހުށަހަޅާ ސިޔާސަތުތައް މިއަދު އާއްމުކޮށްފި އެވެ.


އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ މުގައްރިރު އަލީ ނަޒީރު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން އިދިކޮޅުން އެއް ކެންޑިޑޭޓަކާއި ރަނިންމޭޓެއް ކަނޑައަޅާފައިވާއިރު، މިހާރު އެންމެ އިސްކަމެއް ދެނީ، އިދިކޮޅު ކޯލިޝަންގެ ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ މެނިފެސްޓޯއެއް އެކުލަވައިލަން ކަމަށެވެ.

ނަޒީރު ވިދާޅުވި ގޮތުގައި އަދާލަތު ޕާޓީގެ ފަރާތުން، އިދިކޮޅު ކޯލިޝަނަށް ހުށަހެޅި ސިޔާސަތު މައިގަނޑު ގޮތެއްގައި ބިނާވެފައި ވާނީ ތިން ކަމެއްގެ މައްޗަށެވެ. އެއީ ދިވެހީންގެ ދީނާއި ހެޔޮވެރިކަމާއި ފުދުންތެރި ދިރިއުޅުމެކެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އަދި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީީ ކޯލިޝަން މެނިފެސްޓޯ އަށް ކަންތައްތަކެއް ހުށަހަޅާއިރު، އެ ޕާޓީން އެންމެ އިސްކަމެއް ދޭނީ އިސްލާމް ދީނާ ގުޅޭ ސިޔާސަތުތަކަށް ކަމަށެވެ. އެގޮތުން، އިސްލާމް ދީން ހިމާޔަތްކޮށް، ރައްކާތެރި ކުރަން މުހިއްމު މަސައްކަތްތަކެއް ކުރަން ހުށަހަޅާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި، އިސްލާމީ އުސޫލާ އެއްގޮތަށް ދައުލަތް ހިންގުމާއި މިސްކިތްތައް ހިންގުމުގެ ނިޒާމު ހަރުދަނާކުރުން ހިމެނެ އެވެ. އަދި ޒަކާތާއި ވަގުފު ފަންޑަކީ ގާނޫނެއްގެ ދަށުން އުފައްދާ އެއްޗަކަށް ހަދައި އެކަމުގެ މަންފާ އަދި ފައިދާ ރައްޔިތުންނަށް ކުރާނެ ގޮތް ހެދުމަކީ ވެސް، އަދާލަތުން ހުށަހަޅާ ކަމެކެވެ.

އޭގެ އިތުރުުން އިސްލާމިކް ރިސާޗް ސެންޓަރެއް ހަދައި ދީނާ ގުޅޭ މުހިއްމު މައުލޫމާތުތައް ހޯދައި ފަތުރަން އަދާލަތު ޕާޓީން ބޭނުންވެ އެވެ. އަދި މިނިވަން، މުސްތަގިއްލު ކަމާ އެކު ހިންގާނެ ފިގުހު އެކަޑެމީއެއް އުފެއްދުމަކީ ވެސް، އިދިކޮޅު ކޯލިޝަނަށް އަދާލަތު ޕާޓީން ހުށަހަޅާ ސިޔާސަތެކެވެ.

އަދާލަތު ޕާޓީގެ ޚާރިޖީ ކޮމެޓީގެ ޗެއާމަން ޝިދާތާ ޝަރީފް ވިދާޅުވީ، ގުޅިފައިވާ އިދިކޮޅު ފަރާތްތަކުގެ ކޯލިޝަން ސަރުކާރެއްގައި އިންސާނީ ހައްގުތައް ހިމާޔަތް ކުރަން އިސްކަމެއް ދޭނެ ކަމަށެވެ. ސިޔާސީ ނުފޫޒުން އެއްކިބާ ވެފައިވާ ފަނޑިޔާރުގެ އެއް ހޯދައިދިނުމަށްޓަކައި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިފައިވާ ނިޒާމް ބަދަލުކުރުމާއި މިނިވަންކަމާ އެކު ނޫސްވެރިކަން ކުރެވޭނެ މާހައުލެއް ފަހިކޮށްދިނުމަކީ ވެސް އަދާލަތު ޕާޓީގެ ސިޔާސަތެކެވެ.

ޝިދާތާ ވިދާޅުވި ގޮތުގައި، ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދިނުމަށް، މައިމީހާ ބަނޑުބޮޑުވީއްސުރެ ތުއްތު އުމުރުން ދެ އަހަރު ވަންދެން ދައުލަތުން އިނާޔަތެއް ދޭން އަދާލަތުން ހުށަހަޅާނެ އެވެ. އެއީ، މާލީ ތަނަވަސްކަމެއް ނެތް އާއިލާތަކަށް ލިބޭނެ ލުޔެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ޖަލުތަކުގައި ގައިދީންނަށް އިހުމާލުވުން ހުއްޓުވައި ޖަލުގެ ހާލަތު ރަނގަޅު ކުރާނެ ކަމަށް ވެސް ޝިދާތާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ހިއުމަން ރައިޓްސް ކޮމެޓީގެ ޗެއާމަން އަހުމަދު ނުއުމާން ވިދާޅުވީ، ފުދުންތެރި ދިރިއުޅެއް ކަށަވަރުކޮށް ދިނުމަށް، ހުރިހާ އެންމެންނަށް ވެސް މުސާރަައިގެ ގޮތުގައި އެންމެ މަދުން ލިބޭނެ އަދަދެއް (މިނިމަމް ވޭޖް) ކަނޑައެޅުމަކީ ވެސް އަދާލަތު ޕާޓީގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އޭގެ އިތުރުން، ޓޫރިޒަމް ދާއިރާގައި ދިވެހިންނަށް އިސް މަގާމުތައް ފަހިކޮށްދިނުމާއި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރަން ޖަމިއްޔާތައް އުފައްދަން އަދާލަތުން ބޭނުންވެ އެވެ.

ނުއުމާން ވިދާޅުވީ އަދާލަތު ޕާޓީގެ ސިޔާސަތުގައި، ރާއްޖޭގެ އެކި ހިސާބުތަކުގައި ވަޒީފާގެ މަރުކަޒުތައް އަޅަން ހިމަނާފައި ވާނެ ކަމަށެވެ. އެކަމުގެ ސަބަބުން ވަޒީފާ ނުލިބިފައި ތިބި މީހުންނަށް، ކެރިއަ ގައިޑެންސް ފޯރުކޮށްދީ ރާއްޖޭގައި ހުރި ވަޒީފާތަކާ ބެހޭ މައުލޫމާތު ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމުގެ ސިޔާސަތުގައި އެންމެ އިސްކަމެއް ދީފައިވަނީ ބޯހިޔާވަހިކަމަށެވެ. އެގޮތުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްލެޓުތައް އަޅައި، އަމިއްލަ އަށް ގެދޮރު އަޅަން ބޭނުންވާ މީހުންނަށް އިސްލާމިކް ލޯން ދޫކުރުުން ހިމެނެ އެވެ.

ނަޒީރު ވިދާޅުވި ގޮތުގައި އަދާލަތު ޕާޓީން ހުށަހެޅި މެނިފެސްޓޯގައި އިދިކޮޅު ފަރާތްތަކަށް އެއްބަސްނުވެވޭ ކަންތައްތަކެއް ވެސް އެބަހުއްޓެވެ. ނަމަވެސް، މަޝްވަރާ ކޮށްގެން ހުރިހާ ޕާޓީތަކުން ވެސް އެ ކަންކަމަށް ހައްލު ހޯދާނެ ކަމަށް ވިދާޅުވި އެވެ.