ފަސް ވަޒީރުންނަށް ރުހުން ދޭން ކޮމެޓީން ފާސްކޮށްފި

ފަސް ވަޒީރަކަށް ރުހުން ދިނުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.


ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ފާސްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމަށާއި ޖެންޑަ އެންޑް ފެމިލީ މިނިސްޓަރު އައިމިނަތު ޒެނީޝާ ޝަހީދު ޒަކީ އަދި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރަކަށް އައްޔަން ކުރެއްވި އިރުތިޝާމް އާދަމަށާއި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމަށް ރުހުން ދިނުމަށެވެ.

ފިނޭންސް މިނިސްޓަރު މުނައްވަރު މީގެ ކުރިން ހުންނެވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގަ އެވެ. ނާޒިމް ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީއަކަށެވެ. ޒެނީޝާ އެންމެ ފަހުން ސަރުކާރުގައި މަސައްކަތް ކުރެއްވީ ފޮރިން މިނިސްޓްރީގަ އެވެ. އިރުތިޝާމް އޭގެ ކުރިން ހުންނެވީ ހެލްތު މިނިސްޓަރަކަށެވެ. އަދި އާސިމް އެންމެ ފަހުން ހުންނެވީ ބަންގްލަދޭޝް އަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުގަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓަށް ގެންނެވި ބަދަލުތަކުގައި މިނިސްޓަރެއްގެ މަގާމު ހުސްވެގެން، ބޭފުޅަކު އައްޔަން ކުރެއްވީ ހޯމް މިނިސްޓްރީއަށާއި ފޮރިން މިނިސްޓްރީއަށް އެކަންޏެވެ. ހޯމް މިނިސްޓަރު ކަމުން އުމަރު ނަސީރާއި ފޮރިން މިނިސްޓަރު ކަމުން ދުންޔާ މައުމޫން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.