ދެ ހަފުތާ ފަހުން އާ ރަންވޭގައި ޓެސްޓު ފްލައިޓުތައް ޖައްސާނެ: ސައީދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތް ނިންމައި، ކުރިއަށް އޮތް ދެ ހަފުތާ ފަހުން، ޓެސްޓް ފްލައިޓު ޖައްސަން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.


ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ހިންގާ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް މަޝްރޫ އެވެ. މި މަޝްރޫއުގެ ދަށުން، ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ އާ ރަންވޭ އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

ރަންވޭގެ އިތުރުން ޕަސެންޖާ ޓާމިނަލެއް ވެސް ހަދާ އިރު، ސަރުކާރުން ލަފާ ކުރާ ގޮތުގައި މި މަޝްރޫއު ނިމުމުން، އަހަރަކު 7.5 މިލިއަން މީހުންނަށް ހިދުމަތް ދެވޭނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގެ ފަހުގެ މަސައްކަތް ކުރަނީ. - ފޮޓޯ: އެމްއޭސީއެލް

"މިހާރު" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ސައީދު ވިދާޅުވީ އާ ރަންވޭގެ އެންމެ ފަހު ތާރު ފަށަލަ އެޅުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ރަންވޭގައި ލައިޓް ހަރުކުރުމާއި ރަންވޭގެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއަރައިގެން ދާއިރު، އެންމެ ރަންވޭއެއް އޮވެގެން ޓޫރިޒަމް އިތުރަށް ފުޅާކޮށް، ރިސޯޓުތައް ހުޅުވޭކަށް ނެތެވެ. ރިސޯޓުތައް ނުހުޅުވޭ ނަމަ، އިތުރު އާމްދަނީއެއް ރާއްޖެ އަށް ނުލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އުތުރުކޮޅުގައި ފަހު ތާރު ފަށަލަ އަޅާ ނިންމާފައި. ދެން އޮތީ ރަންވޭގެ މެދުގައި އޮތް ބައިގެ މަސައްކަތް އެކަނި. ފޮޓޯ: އެމްއޭސީއެލް

"އިތުރު އާމްދަނީ ލިބޭނެ ވަސީލަތެއް ނެތް ނަމަ، ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެގެން ނުދާނެ. އެހެންވީމަ، އިތުރު ރަންވޭއެއް އަޅަން ޖެހޭ. ޓާމިނަލް ބޮޑު ކުރަން ޖެހޭ. ރާއްޖެ އަންނަ މަތިންދާބޯޓަށް ތެޔޮ އެޅޭނެ އިންތިޒާމުތައް މިހާރަށްވުރެ ފަހި ކުރަން ޖެހޭ،" ސައީދު ވިދާޅުވި އެވެ.

ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއުގެ ދަށުން، އާ ރަންވޭ ހަދަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ.

މި ލޯނުގައި ރަންވޭގެ އިތުރުން 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި 80،000 ޓަނުގެ ކާގޯ ފެސިލީޓީއެއް ހެދުން ވެސް ހިމެނެ އެވެ.