ފަނޑިޔާރުންގެ ކަންކަން ބަލަހައްޓާ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

ލ. ގަމުގައި ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ބޭއްވި ފޯރިގަދަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އަދުލު އިންސާފު ނެތުން ކަމަށެވެ.

ޖޭއެސްސީން ފަނޑިޔާރަކު އައްޔަން ކުރިޔަސް އަދި ވަކި ކުރިޔަސް އެކަން ކުރަމުން އަންނަނީ ސިޔާސީ ނުފޫޒުން ކަމަށް އިބޫ ތުހުމަތުކުރެއްވި އެވެ. އެހެންކަމުން އެކަންކަން އިސްލާހު ކުރުމަށް ޖޭއެސްސީއަށް ބަދަލުތައް ގެންނަވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

މިހާރު ޖޭއެސްސީ އެކުލެވިގެން ވަނީ ރައީސް ކަނޑައަޅާ މެމްބަރަކާއި ފަނޑިޔާރުންގެ އިތުރުން ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރައްވާ މެމްބަރުން ހިމެނޭ ގޮތަށެވެ. އެ ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވާ ބޭފުޅުން ކަމަށް އިދިކޮޅު ބޭފުޅުން ތުހުމަތު ކުރައްވަ އެވެ.

ޖޭއެސްސީ އަށް ގެންނަވާނެ ކަމަށް އިބޫ ވިދާޅުވި ކަންކަން

* ސިޔާސީ ނުފޫޒުން ޖޭއެސްސީ ސަލާމަތް ކުރުން

* ޖޭއެސްސީން ފަނޑިޔާރުންނަށް ފުރުސަތު ނުދިނުން

* ޖޭއެސްސީގެ މެމްބަރުންގެ ދައުރަކީ ތިން އަހަރު ކަމަށް ކަނޑައެޅުން

އިބޫ ވިދާޅުވީ ރާއްޖޭގައި ގާނޫނީ ދާއިރާއިން ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅުން އެބަތިއްބެވި ކަމަށެވެ. އެބޭފުޅުންނަށް ފަނޑިޔާރުކަން ކުރުމުގެ މަގު ތަނަވަސް ކޮށްދެއްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

ލ. ގަމަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ބަޔަކު ބަނދަރުން އިބޫއަށް މަރުހަބާ ދެންނެވިއިރު އޭގެ ތެރޭގައި ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރުން ވެސް ހިމެނޭ ކަމަށް އިބޫ ވިދާޅުވި އެވެ. އެ މީހުން ސަރުކާރާ ދެކޮޅުވެފައިވަނީ ނާއިންސާފުން ކަންކަން ކުރުމާއި ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކޮށްފައިވާތީ ކަމަށް އިބޫ ވިދާޅުވި އެވެ.