ނަޝީދުގެ ކަރު ބުރި ކޮށްލާނެ ކަމަށް ބުނުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރު ބުރިކޮށްލާނެ ކަމަށް ޕީޕީއެމްގެ ސަޕޯޓަރަކު ބުނި މައްސަލަ ހޫނުވެ، އާއްމުންގެ ފާޑު ކިޔުން ވަރަށް ބޮޑަށް އަމާޒު ވެއްޖެ އެވެ.


އިއްޔެ ހުޅުމާލޭގައި ޕީޕީއެމުން ބޭއްވި ރެލީއެއްގައި، އެ ޕާޓީގެ އަންހެން ސަޕޯޓަރަކު އެހެން ގޮވައިލީ އަޑުގަދަކުރާއެއް ބޭނުން ކޮށްގެންނެވެ.

އަންނަ މަހު 23ގައި އޮންނަ ރިޔާސީ އިންތިހާބު އޮޅުވާލައިފި ނަމަ، އިންޑިއާ އިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ސުބްރަމާނިއަމް ސުވާމީ މިދިޔަ ހުކުރު ދުވަހު ވިދާޅުވެފައިވާތީ އެކަން ކުށްވެރިކޮށް ދެއްކި ވާހަކަ، ޕީޕީއެމްގެ ސަޕޯޓަރު ނިންމާލީ ރައީސް ނަޝީދުގެ ކަރު ބުރިކޮށްލާނެ ކަމަށް ބުނަމުންނެވެ،

"ރާއްޖެ އަށް އަރާ އިދިކޮޅު ފަރާތްތައް، އިންޑިއާ އިން އަޔަސް، ކޮންމެ ތަނަކުން އަޔަސް، އަންނި އަޔަސް، ދެން ކަރު ބުރިކޮށްލާނީ. ކަރު ހަމަ ބުރި އަރުވާލާނީ،" ޕީޕީއެމްގެ ފިޔާތޮށި ޓީޝާޓާއި ދިދަތައް ހިފައިގެން ބޭއްވި އެ ރެލީގައި ސަޕޯޓަރު ބުންޏެވެ.

އާއްމު ތަނެއްގައި، އެހާ ފާޅުކަން ބޮޑު ގޮތެއްގައި މީހެއްގެ ކަރު ބުރިކޮށްލާނެ ކަމަށް ގޮވައިލުމުން، ސޯޝަލް މީޑިއާގައި ވަނީ އެ ކަމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. އަދި އެއީ، ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާ ކުރެވޭނެ ކަމެއް ކަމަށް ބުނެ، ފުލުހުން އެ މައްސަލަ ބެލުމަށް އާއްމުން އަންނަނީ އަޑުއުފުލަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މީހުންގެ މެދުގައި ރުޅިވެރިކަން އުފެދޭ ވާހަކަ ދެއްކުމާއި އަނިޔާވެރިކަމަށް ގޮވައިލުމަކީ ކުށެއް ކަމަށާއި އެކަމަކު، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން ހަރަކާތްތަކުން މިކަން އާއްމުކޮށް ފެންނަ ކަމަށެވެ.

އަދި މި ފަދަ ކަންކަން ހުއްޓުވުމަށް، ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ނުކުރާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އަލީ ޝާމިން ކިޔާ މީހަކު ކުރި ޓްވީޓެއްގައި ބުނީ ރައީސް ޔާމީންގެ ބޮލުގައި ފުއްޓައްކެއް ޖަހާނެ ކަމަށް މީހަކު ފޭސްބުކްގައި ލިޔުމުން، އެ މީހާ ހައްޔަރުކޮށް ފޯނު އަތުލާފައިވާ ކަމަށެވެ. އެހެންވެ، ކުރީގެ ރައީސްގެ ކަރު ބުރިކޮށްލަން، މީހަކު ފާޅުގައި ލައުޑް ސްޕީކަރަކުން ގޮވާލުމުން އެ މައްސަލަ ބަލަންތޯ އޭނާ ސުވާލު ކުރި އެވެ.

ރައީސް ނަޝީދުގެ ކަރު ބުރިކޮށްލަން، އާއްމު ތަނެއްގައި ގޮވައިލުމުން އެކަން ކުށްވެރި ކުރައްވައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިސްލާހީ ހަރަކާތުގައި އިސްކޮށް އުޅުއްވާ އައިމިނަތު ނާދިރާ ވިދާޅުވީ މި މައްސަލަ ފުލުހުން ބަލަން ޖެހޭ ކަމަށެވެ. އަދި މި ފަދަ ވާހަކަތައް ފާޅުކަން ބޮޑު ގޮތެއްގައި ދައްކަނީ، ސަރުކާރާއި މުއައްސަސާތަކުން އެކަށީގެންވާ ފިޔަވަޅު ނާޅާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރި ބައެއް މީހުން ބުނާ ގޮތުން، އެއީ މީހަކަށް ދިން މަރުގެ އިންޒާރަކަށް ވުމުން، ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން އެކަން ބަލަން ޖެހެ އެވެ.

ރައުނާ އައިމިނަތުގެ ނަމުގައި ޓްވީޓް ކުރި މީހަކު ބުނީ ކުށްވެރިއެއް ވިޔަސް އެމީހަކު މަރައިލަން ރާއްޖޭގެ ގާނޫނުގައި ނޯންނަ ކަމަށާއި ކުޑަކޮށް ނަމަވެސް، ހޭލުންތެރި މީހުން މި ފަދަ އެއްވުންތަކުގައި ތަމްސީލު ކުރަން ފެންނަ ކަމަށެވެ.

"މި މީހާއާ ދޭތެރޭ ފިޔަވަޅު އަޅަން ޖެހޭނެ،" އެ ޓްވީޓްގައި ބުނެފައި ވެ އެވެ.

ޕީޕީއެމުން ހިންގި ދޮރުން ދޮރަށް ކެމްޕޭނަށް އިޝާރާތްކޮށް، މިދިޔަ ޖޫން މަހުގެ ތެރޭގައި މީހަކު ވަނީ ހައްޔަރުކޮށްފައިވާ ސިޔާސީ ފަރާތްތައް މިނިވަން ނުކޮށް، ގޭގޭގައި ޓަކި ނުޖެހުމަށާއި އެހެން ނޫނީ (ރައީސް) ޔާމީންގެ ބޮލުގައި ވެސް ޓަކި ޖަހާނެ ކަމަށް ބުނެފަ އެވެ. މި އިންޒާރާ ގުޅިގެން އެ މީހާ ހައްޔަރުކޮށް ސުވާލުކޮށްފައި ވެ އެވެ.