އިންތިހާބާ ބެހޭ މައުލޫމާތު ސަފީރުންނަށް ދެއްވައިފި

އަންނަ މަހު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ އާންމު މައުލޫމާތުތައް ފޮރިން މިނިސްޓްރީން ރާއްޖޭގައި ތިއްބަވާ އެހެން ގައުމުތަކުގެ ސަފީރުންނާ މިއަދު ހިއްސާ ކޮށްފި އެވެ.


މިނިވަން އިންތިހާބެއް ބޭއްވުމަށް ގިނަ ގައުމުތަކަކުން ރާއްޖެއަށް ގޮވާލަމުން ދަނިކޮށް ފޮރިން މިނިސްޓްރީގައި މިނިސްޓަރު ޑރ. މުހައްމަދު އާސިމް މިއަދު ވަނީ ހަތް ގައުމެއްގެ ސަފީރުންނާ ބައްދަލު ކުރައްވާފަ އެވެ. އޭގެ ތެރޭގައި އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ އާއި ޗައިނާގެ ސަފީރު ޒަންގް ލިޒޯންގް ހިމެނިވަޑައިގަންނަވަ އެވެ. އެ ބައްދަލު ކުރެއްވުމުގައި ފޮރިން ސެކެޓަރީ އަހުމަދު ސަރީރާއި މިނިސްޓްރީގެ ވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުކުރެއްވުމުގައި ވޯޓާސް ރަޖިސްޓްރީ އާއި ކެމްޕެއިން ކުރުމުގެ ފުރުސަތުތަކުގެ އިތުރުން ވޯޓުލުމުގެ ކަންކަން ހިނގާނެގޮތް ހިއްސާ ކޮށްފައިވާ ކަމަށެވެ.

މިނިވަން މުއައްސަސާތަކަށް މިހާރުގެ ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތުތަކާއެކު ރިޔާސީ އިންތިހާބުގެ މިނިވަންކަން ގެއްލިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ. އަދި ވޯޓާސް ލިސްޓާއި ރީ ރަޖިސްޓްރީ ކުރުމުގައި ދިމާވި ކަންތައްތަކުގެ ސަބަބުން އިންތިހާބުގެ ޔަގީންކަން ގެއްލިއްޖެ ކަމަށް ބުނެފަ އެވެ.