ޓެބްލެޓުން އިންތިޚާބުގެ ނަތީޖާ އިއުލާނެއް ނުކުރާނެ، ވޯޓު ގުނުމުގެ މަރުހަލާ ތަފާތެއް ނުވާނެ: ޝަރީފް

އަންނަ މަހު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ، ޓެބްލެޓް މެދުވެރިކޮށް އިއުލާން ނުކުރާނެ ކަމަށާއި ވޯޓު ގުނުމުގެ މަރުހަލާ އަށް އެއްވެސް ތަފާތެއް ނާންނާނެ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް އިއްޔެ ދެއްވައިފި އެވެ.


ރިޔާސީ އިންތިޚާބުގެ ނަތީޖާ، ވޯޓު ލާ މަރުކަޒުތަކުން އީސީއަށް ފޮނުވުމަށް 550 ޓެބްލެޓު ހޯދުމުގެ މަސައްކަތް އެ ކޮމިޝަނުން އަންނަނީ ކުރަމުންނެވެ. މީގެ ކުރިން ބޭއްވި އިންތިޚާބުތަކުގައި، ވޯޓުގެ ނަތީޖާ އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބީ މައި މަރުކަޒަށް ފޮނުވަނީ ފެކްސް އާއި ނެޓްބުކް މެދުވެރިކޮށެވެ. އެކަމަކު، މިފަހަރު ނަތީޖާ ފޮނުވަން ހަމަޖައްސާފައި ވަނީ ޓެބްލެޓުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް ޝަރީފް (ކ) އަދި މެމްބަރު އަކްރަމް މަޝްވަރާ ކުރައްވަނީ. - ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ މިދިޔަ އިންތިޚާބުތަކުގައި ނެޓްބުކުން ކުރި ހުރިހާ މަސައްކަތެއް މިފަހަރު ކުރާނީ ޓެބްލެޓުން ކަމަށެވެ. ޓެބްލެޓު ބޭނުންކޮށްގެން ނަތީޖާ އިއުލާން ކުރަން އުޅޭ ކަމަށް ވާހަކަ ދެކެވުނަސް، ނަތީޖާ އިއުލާން ކުރާނީ ވޯޓު ފޮށި ބަހައްޓާ މަރުކަޒެއްގެ އެންމެ އިސް ވެރިޔާ ކަމަށާއި ޓެބްލެޓަކުން އެކަން ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނެޓްބުކްގައި ބޭނުން ކުރި ޕްރޮސެސް ހަމަ ޓެބްލެޓުގައި ބޭނުން ކުރާނީ. (ނަތީޖާ) އިއުލާން ކުރާނީ ހަމަ ވޯޓު ލާ މަރުކަޒުގައި ރައްޔިތުންގެ ކުރިމަތީގައި ގުނާ ނިންމުމަށް ފަހު ނަތީޖާ ހާމަކޮށް، އެތަނުގައި ތަތް ކުރުމަށް ފަހު އިލެކްޝަންސް ކޮމިޝަނަށް ނަތީޖާ ފޮނުވާނީ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ޓެބްލެޓުތައް ގަތުމުގެ މަރުހަލާ ކުރިއަށް ދާއިރު، އެ މަސައްކަތް ދިވެހި ކުންފުންޏަކާ މިހާރު އޮތީ ހަވާލުކޮށްފަ އެވެ. އެކަމަކު، ޓެބްލެޓް ގެންނަނީ ކޮން ގައުމަކުން ކަމެއް އަދި އެކަން ހަވާލުކުރީ ދިވެހި ކޮން ކުންފުންޏަކާ ކަމެއް ޝަރީފް ވިދާޅުވެފައެއް ނުވެ އެވެ.

"ޓެބްލެޓެއްގައި ހިމަނަން ނުޖެހޭ އެއްވެސް ފަންކްޝަނެއް ޓެބްލެޓުގައި ނީންނާނެ... ޓެބްލެޓުގައި ލިޔާ މައުލޫމާތެއް އެންޓާ ވާ ގޮތަށް ހުންނާނީ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ޓެބްލެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ސާފު ކުރަން ބޭނުން ނަމަ، އެއަށް ޖަވާބުދޭން އެ ކޮމިޝަން ތައްޔާރަށް އޮތް ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން ބޭނުން ނަމަ، ޓެބްލެޓުތައް ޗެކް ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ވޯޓު ފޮށި ބަހައްޓާ މަރުކަޒުތަކުން އިންތިޚާބުގެ ނަތީޖާ އިއުލާން ކުރުމުގެ ކުރިން، އިލެކްޝަންސް ކޮމިޝަނަށް އެނގޭނެތޯ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ޝަރީފް ވިދާޅުވީ ވޯޓު ލާ މަރުކަޒުތަކުން، ނަތީޖާ އިއުލާން ނުކުރަނީސް، އެ ކޮމިޝަނަށް އެއްވެސް ނަތީޖާއެއް ނޭނގޭނެ ކަމަށެވެ.

"މާކަރު ގެނައީމަ، އެ މާކަރަކީ އެއީ ވައިޓް ބޯޑު މާކަރެއްތޯ ބައްލަވަންވީ. އަޅުގަނޑުމެން މިތިބީ އެކަން ވެސް ރައްޔިތުންނަށް ހާމަކޮށްދޭން ތައްޔާރަށް،" އިންތިޚާބުތަކުގައި ވޯޓު ލީ ކަން އަންގައިދިނުމުގެ ގޮތުން އިނގިލީގައި ފާހަގަ ޖެހުމަށް ބޭނުން ކުރާ މާކަރަށް އިޝާރާތް ކުރައްވައި ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ މިފަހަރު، އިންތިޚާބަށް ހޯދާ ޓެބްލެޓުގެ ސިމް މެދުވެރިކޮށް ނަތީޖާ އިލެކްޝަންސަށް ފޮނުވާއިރު، އިންތިޚާބުގެ ކަންކަން ވަރަށް އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އިންތިޚާބު ކުރިއަށް ދާނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ފުރަތަމަ ބުރުން ރައީސަކު ހޮވާ މި އިންތިޚާބުގައި 262,135 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ. ރިޔާސީ އިންތިޚާބަށް، ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލުމަށް ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅި 95،739 ފޯމްގެ ތެރެއިން ރީ-ރަޖިސްޓްރީ ކޮށްދިނީ 78،964 ފޯމެވެ.

އެކި ސަބަބުތަކާ ހުރެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ނުވުމުގެ ސަބަބުން 5،626 ފޯމް ބާތިލް ކުރި އެވެ. ބާކީ ހުރި، 11،149 ފޯމަކީ އެކެއްގެ ނަމުގައި އެކި ފަހަރު މަތިން ލާފައި ހުރި ފޯމްތަކެކެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 472 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.