ޖަމީލް ރާއްޖެ ވަޑައިގަންނަވާނީ ރައީސް ޔާމީން ހައްޔަރު ކުރުމުން: އެމްޔޫއޯ

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން(އެމްޔޫއޯ) ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ދެ ހަފުތާ ތެރޭގައި ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި އޮތަސް އޭނާ ރާއްޖެ ވަޑައިގަންނަވާނީ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރުމުން ކަމަށް އެމްޔޫއޯ އިން ބުނެފި އެވެ.


ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި މައްސަލާގެ ތަހުގީގަށް ޖަމީލް އާއި އަކްރަމް ކަމާލުއްދީން 14 ދުވަސް ތެރޭގައި ފުލުހަށް ހާޒިރުވާން އިއްޔެ ފުލުހުން ވަނީ އަންގައިފަ އެވެ. އެކަމަކު އެ ދެ ބޭފުޅުން ވެސް ތިއްބެވީ އަމިއްލައަށް އަރުވާލެވިގެން އިނގިރޭސިވިލާތުގަ އެވެ.

އެމްޔޫއޯ އިން މިއަދު ނެރުނު ބަޔާނެއްގައިވަނީ ޖަމީލް ހާޒިރުކުރަން އުޅެނީ އެ އިއްތިހާދު ރޫޅާލަން ރައީސް ޔާމީން ކުރާ މަސައްކަތުގެ ދަށުން ކަމަށާއި އެފަދަ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާނުވަން ފުލުހުންނަށް އިލްތިމާސްކުރާ ކަމަށެވެ. ޖަމީލް ހުންނެވީ ފުލުހުންނަށް އެއްބާރުލުން ދޭން ކަމަށާއި އެކަމަކު ޖަމީލް ރާއްޖެ ވަޑައިގަންނަވާނީ ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ މައްސަލާގައި ރައީސް ޔާމީން ހައްޔަރު ކުރުމުން ކަމަށް އެ ބަޔާނުގައިވެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ކޮރަޕްޝަންގެ މައްސަލައަށް އިޝާރާތްކޮށް، އެ ބަޔާނުގައިވަނީ ސިޔާސީ ވާދަވެރިން ނައްތާލަން ކުރާ މަސައްކަތުގައި ފުލުހުން ބައިވެރިނުވެ، ކޮރަޕްޝަންގެ މައްސަލާގައި ރައީސް ޔާމީން ހައްޔަރުކުރަންޖެހޭ ކަމަށެވެ. އަދި ރައީސް ޔާމީން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވަނީ މަދު ފުލުހުންތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"މޯލްޑިވްސް ޕޮލިސް ސާވިސްގައި ގިނައީ ރައީސް ޔާމީންގެ ވަކިތަކުން ސަލާމަތްވެ ތިބެ، ފުލުހުންގެ މަސައްކަތްތައް ފަންނީ އަދި ގާނޫނީ މަގުން ކުރެއްވުމަށް ޝައުގުވެރިކަން ހުރި ސަލާމަތީ ޚިދުމަތްތެރިކަން ކަން ފާހަގަ ކުރެވޭ،" އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ފުލުހުންނަށް ގޮވާލާފައިވަނީ އިދިކޮޅު ފަރާތްތަކާއި މީޑިއާ ނައްތާލައި، ހައްގުތައް ހަނިކުރަން ސަރުކާރުން ކުރާ މަސައްކަތުގައި ބައިވެރިނުވުމަށެވެ.