ތިނަދޫގައި އިބޫއާ ސަލާމް ކުރަން ދިގު ސަފެއް، ބޮޑު ތަރުހީބެއް!

"ކިތަންމެ ބޯކޮށް ވާރޭ ވެހުނަސް، މި ތިބީ ސަފު ދޫކޮށްލާފައި ދާ ގޮތަކަށް ނޫން. މި ފަހަރު އިބޫއާ ސަލާމް ކޮށްފައި ނޫނީ ގެއަކަށް ނުވަންނާން. އެއީ އަހަރުމެންގެ ވާން އުޅޭ ރައީސް،" އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރަށަށް ވަޑައިގަތުމުން، ސަލާމް ކުރަން އެމްޑީޕީގެ ދިދަ ހިފައިގެން ސަފުގެ މެދެއްހާ ހިސާބުގައި ވާރެޔާ ތެމި ފޯވެގެން ހުރި އައިޝަތު އަލީ، 49، ބުނީ މިހެންނެވެ.


ގދ. ތިނަދޫން ފެނުނު ހަގީގަތަކީ މިއީ އެވެ؛ ރަށުގެ ބަނދަރު ސަރަހައްދުން ފެށިގެން ހަދަމުން އަންނަ ފާލަމާ ހަމައަށް އޮތް ސަފުގައި ތިބި މީހުންނާ ސަލާމް ކުރަން އިބޫ ސާޅީސް މިނިޓަށް ވުރެ، ގިނަ އިރު ހޭދަކުރެއްވި އެވެ. އާންމުންގެ ގިނަ ބަޔަކާއެކު އިބޫ ފޮޓޯ ނަންގަވައި، ހާލު އޮޅުން ފިލުއްވި އެވެ. ސަފުގެ މެދަކާ ހިސާބަށް އިބޫ އަށް ވަޑައިގެންނެވުނުތަނާ ވާރޭ ކަނި ޖަހަން ފެށި އެވެ. އެކަމަކު، ސަފުގައި ތިބި ކުދިބޮޑު އެކަކު ވެސް، އިބޫއާ ސަލާމް ކުރަން ބޭނުންވާތީ "ގުޑާލާކަށް" ބޭނުމެއް ނުވި އެވެ.

އިބޫ މިއަދު އިރުއޮއްސުނު ވަގުތު، ތިނަދޫއަށް ވަޑައިގަތުމުން، އެ ރަށު ރައްޔިތުން އޭނާ އަށް މަރުހަބާ ދަންނަވަނީ. ގިނަ ބަޔަކު އޭނާ އަށް މަރުހަބާ ދަންނަވަން ނުކުތް. - ފޮޓޯ: އެމްޑީޕީ

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިބޫ ތިނަދު އަށް ވަޑައިގެން ވަކިވަކިން ކޮންމެ މީހަކާ ސަލާމް ކުރައްވަމުން ގެންދެވި އިރު، ހުރީ އިދިކޮޅު ފަރާތްތަކަށް ތާއީދުކޮށް ހަދާފައިވާ ލަވަތައް ޖަހައިފަ އެވެ.

ދިހަހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ތިނަދޫން އިބޫ އަށް ދެންނެވި މަރުހަބާއަކީ ފަހުގެ ތާރީހެއްގައި ސިޔާސީ ބޭފުޅަކަށް އެ ރަށުން ދެންނެވި އެންމެ ހޫނު މަރުހަބާ ކަމަށް އެ ރަށުގެ އިދިކޮޅު ސަޕޯޓަރުން ގަބޫލު ކުރެ އެވެ. އެ ރަށު ބައެއް މީހުން ބުނި ގޮތުގައި، ކިތަންމެ ބޮޑެތި މިލިއަން ރުފިޔާގެ މަޝްރޫއުތައް ތިނަދޫގައި ހިންގި ނަމަވެސް، ރައްޔިތުން ތިބީ އަނިޔާވެރިކަމާއި އަޅުވެތި ކަމަށް ނޫނެކޭ ބުނަން ތައްޔާރަށެވެ.

"މަގުތަކުގައި ތާރު އަޅައި، އިސްލާމީ މަރުކަޒެއް ބިނާކޮށް، ބިން ހިއްކައި، މިއުޒިއަމް ޕާކް ހެދިޔަސް، އެތައް ބަޔަކަށް ނުހައްގުން ވަނީ އަނިޔާ ދީފައި. އެހެންވެ، ތިނަދޫ ރައްޔިތުން ބޭނުމެއް ނުވޭ އިތުރު ފުރުސަތެއް، މި ސަރުކާރަށް ދޭކަށް، އަހަރުމެން މި ތިބީ ބަދަލަކަށް އެދިއެދި ކެތްމަދުވެފައި،" ސަފުގައި ގޮނޑިއެއް ބަހައްޓައިގެން އިން އަހުމަދު ހުސައިން 54، ބުންޏެވެ.

އިބޫ އަށް މަރުހަބާ ދެންނެވުމަށް ތިނަދޫގައި މިއަދު ހެދި ސަފު.

އިބޫ މިއަދު ތިނަދު އަށް ވަޑައިގަތީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އާއި އިދިކޮޅު ކޯލިޝަންގެ އިސް ބައެއް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުންނާ އެކުގަ އެވެ. ތިނަދޫގައި މި ރޭ ބޮޑު ޖަލްސާއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އިބޫ ތިނަދު އަށް ވަޑައިގަތުމާ އެކު، އިދިކޮޅު ސަޕޯޓަރުން ދިޔައީ ތަފާތު ޝުއޫރު ފާޅު ކުރަމުންނެވެ. އެ ގޮތުން "މި ފަހަރު ބޭނުންވަނީ ބަދަލެއް"، "ރައީސް ޔާމީނަށް ފުރުސަތު ދެވޭކަށް ނެތް"، "އިބޫ ހޮވަން ރައްޔިތުން ތިބީ ކެތް މަދުވެފައި"، "ވޯޓު ފޮއްޓަށް ވޯޓު އަޅަން ތައްޔާރަށް ތިބިން،" ފަދަ ޝުއޫރުތައް ފާޅުކުރި އެވެ.

ތިނަދޫގައި ހުންނަވައި، "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވީ އެ ރަށުން ރައީސް ޔާމީނަށް ތާއީދު ކުރާ މީހުންގެ އަދަދު މަދުވެފައިވާ ކަމަށެވެ. އަދި ގިނަ ރައްޔިތުން ތިބީ ބަދަލަކަށް ބޭނުންވެގެން ކެތްމަދުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އިބޫ މިއަދު ތިނަދޫ އަށް ވަޑައިގެން، ކުޑަކުއްޖަކާއެކު ސެލްފީއެއް ނަންގަވަނީ. އެ ރަށަށް މިއަދު އިރުއޮއްސުނު އިރު ވާރޭވެހުނަސް، އިބޫ ވަނީ ސަލާމް ކުރުން ކުރިއަށް ގެންދަވާފައި. - ފޮޓޯ: އެމްޑީޕީ

ސައުދުﷲ ވިދާޅުވި ގޮތުގައި، ގިނަ ރައްޔިތުން ތިބީ މި ސަރުކާރާ މެދު ރުޅިގަދަވެފަ އެވެ. އެއީ ހައްގަކާ ނުލައި އަނިޔާވެރިވެ، ވަޒީފާތަކުން މީހުން ވަކި ކުރަމުންދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ އިންތިހާބުގައި ސަރުކާރަށް ލިބޭނީ އެންމެ ގިނަވެގެން، 10-15 ޕަސަންޓު ވޯޓުހެން މި ރަށުން،" އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިހާބަށް އިޝާރާތް ކުރައްވައި ސައުދުﷲ ވިދާޅުވި އެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ވެސް ވިދާޅުވީ ތިނަދޫ ރައްޔިތުން ތިބީ ރައީސް ޔާމީންގެ ވެރިކަން ނުނިމިގެން ކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ އަނިޔާވެރިކަމުން ސަލާމަތްވެ، އަމާންކަމާއި ސުލްހަ މަސްލަސްކަން ގާއިމުވެފައި އޮތް ރާއްޖެއެއް ކަމަށް އޭނާ ވިދާޅުވި އެވެ.