ރައީސް ޔާމީން، އއ. އާއި އދ. އަދި ކުޑަހުވަދު އަށް ދަތުރުފުޅެއް ފައްޓަވައިފި

ރައީސް އަބްދުﷲ ޔާމީން، އއ. އާއި އދ. ގެ ބައެއް ރަށްރަށަށް އަދި ދ. ކުޑަހުވަދު އަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.


ރައީސްގެ މި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން މިއަދު ހެނދުނު ވަނީ ދަނގެއްޗަށް ވަޑައިގެން، އެ ރަށުގެ ބަނދަރު ހުޅުއްވައި ދެއްވައިފަ އެވެ. އަދި ދަނގެތީގައި ގާއިމު ކޮށްފައިވާ ފެނުގެ ޚިދުމަތް ވެސް އިފްތިތާހު ކޮށްދެއްވި އެވެ.

ދަނގެއްޗަށް ފަހު، ދެން ރައީސް ޔާމީން ވަޑައިގަންނަވާނީ އދ. މަހިބަދޫ އާއި މާމިގިއްޔާއި އއ. މަތިވެރި އާއި ތޮއްޑު އާއި ދ. ކުޑަހުވަދު އަށް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސްގެ ދެ ދުވަހުގެ މި ދަތުރުފުޅުގައި، މަހިބަދޫގެ މަގު ހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަ ކޮށްދެއްވާނެ އެވެ. އަދި މާމިގިލީގެ ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވާނެ އެވެ.

މީގެ އިތުރުން، މި ދަތުރުފުޅުގައި މަތިވެރި އާއި ތޮއްޑު އާއި ކުޑަހުވަދޫގެ ރައްޔިތުންނާ ރައީސް ޔާމީން ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ޔާމީން މިދިޔަ ހަފުތާގައި ވަނީ ޅ. އަތޮޅުގެ ރަށްރަށަށް ވެސް ވަޑައިގެންފަ އެވެ.