އުމްރާއަށް ގެންދިއުމުގެ ހުއްދައަށް ބޭންކް ގެރެންޓީ ހުުށަހަޅަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި

ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު، ހަތް ލައްކަ ރުފިޔާގެ ބޭންކް ގެރެންޓީއެއް ހުށަހަޅަންޖެހޭ ގޮތަށް ކުރިން އޮތްއޮތުން އުވާލައިފި އެވެ.


ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމާ ބެހޭ އުސޫލު ކުރިން އޮތްގޮތުން އުމްރާއަށް ގެންދިއުމުގެ ހުއްދައަށް އެދި ހުށަހަޅާ ކުންފުނިތަކުން އެކަމުގެ ޕްރޮޕޯޒަލް އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅާއިރު ހަތް ލައްކަ ރުފިޔާގެ ބޭންކް ގެރެންޓީއެއް އެއް އަހަރުގެ ދުވަހުގެ މުއްދަތަށް ހޯދުމަށް ފަހު ހުށަހަޅަން ޖެހޭނެ އެވެ.

އެކަމަކު އެ އުސޫލަށް މިއަދު ގެނައި އިސްލާހުގައި، ބޭންކް ގެރެންޓީ ހުށަހަޅަންޖެހޭ ކަމަށް ބުނާ ބައި ވަނީ އުނިކޮށްފަ އެވެ.

އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ހުށަހެޅޭނީ 100 ޕަސެންޓް ދިވެހިން ހިއްސާވާ ކުންފުނިތަކަށެވެ. އަދި އެ ކުންފުންޏެއްގެ އެއްވެސް ޑިރެކްޓަރެއްގެ މައްޗަށް ޚިޔާނާތުގެ ކުށެއް ސާބިތުވެފައި ނެތުމާއި އެފަދަ މައްސަލައެއް ކޯޓުގައި ހިނގަމުން ނުދިއުމުގެ އިތުރުން އެފަދަ ތުހުމަތެއް ޑިރެކްޓަރެއްގެ މައްޗަށް ނެތުމަކީ ވެސް އެ އުސޫލު ބުނާގޮތުން ޝަރުތެކެވެ.