ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުން އާސަންދައިގެ ހުރިހާ ހިދުމަތެއް މިއަދުން ފެށިގެން ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.

އެ ހޮސްޕިޓަލުން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ އެހެން ހޮސްޕިޓަލްތަކެކޭ އެއްގޮތަށް، ޓްރީޓޮޕުން ފަރުވާ ހޯދާ މީހުންނަށް ވެސް އާސަންދައިގެ ހުރިހާ ފަސޭހައެއް ލިބޭނެ ކަމަށެވެ.

މީގެ ކުރިން އެ ހޮސްޕިޓަލުން އާސަންދަ ލިބެނީ އެޑްމިޓްކޮށްގެން ފަރުވާ ހޯދާ ބަލިމީހުންނަށް އެކަންޏެވެ. ނަމަވެސް ޑޮކްޓަރަށް ދެއްކުމުން ފެށިގެން ގޮސް އާސަންދައިން ކަވަރުކޮށްދޭ އެހެން ހުރިހާ ހިދުމަތެއް ވެސް، ރާއްޖޭގައި ހުޅުވި އެންމެ ޒަމާނީ ހޮސްޕިޓަލުން މިހާރު ލިބޭނެ އެވެ.

"އެހެން ހޮސްޕިޓަލްތަކުން އާސަންދަ ލިބޭ ގޮތަށް، މިއަދުން ފެށިގެން ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދާ މީހުންނަށް އާސަންދަ ލިބޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

އެ ހޮސްޕިޓަލުން ވަނީ ދިވެހިންނަށް ހާއްސަ އަގުތަކެއް ކަނޑައަޅައިފަ އެވެ. އެގޮތުން ޑޮކްޓަރަށް ދައްކަން މީގެ ކުރިން 525ރ. ހޭދަކުރަން ޖެހެ އެވެ. ނަމަވެސް އޭގެ ތެރެއިން 200ރ. އާސަންދައިން ހަމަޖައްސައިދިނުމުން ބަލިމީހާގެ އަތުން މިހާރު ދައްކަން ޖެހޭނީ 325ރ. އެވެ.

އޮފިޝަލް ވިދާޅުވީ ޓްރީ ޓޮޕްގެ ބޭސް ފިހާރައިން ވެސް މާދަމާއިން ފެށިގެން އާސަންދަ ލިބޭނެ ކަމަށެވެ.

ރާއްޖޭގެ ބޮޑެތި މަހުޖަނުންތަކެއްގެ ހިއްސާ އޮންނަ ކުންފުންޏަކުން 110 މިލިއަން ޑޮލަރު (1.7 ބިލިއަން ރުފިޔާ) ހޭދަކޮށްގެން ތަރައްގީކުރި ހޮސްޕިޓަލުން އެވްރެޖްކޮށް ދުވާލަކު 150 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.