އިދިކޮޅު އިއްތިހާދުން މިރޭ މާލޭގައި ބޭއްވި ސައިކަލު ބުރުގައި ދުއްވި ބައެއް ސައިކަލު ފުލުހުން ޓޯކޮށް، ދުއްވި މީހުންގެ ލައިސެންސް ހިފަހައްޓައިފި އެވެ.
ފުލުހުން ބުނި ގޮތުގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފަށް އަދި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދުއްވި ބައެއް ސައިކަލުތައް ޓޯކޮށްފައިވާ ކަމަށެވެ. އަދި އެ ގޮތަށް ޓޯކުރި ބައެއް ސައިކަލުތައް ދުއްވި މީހުންގެ ލައިސެންސް ވެސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން ހިފެހެއްޓީ 11 ސައިކަލެވެ. އެ ސައިކަލުތައް މިހާރު ވަނީ ޓޯޔާޑަށް ގެންގޮސްފަ އެވެ.
މީގެ އިތުރުން އެމްޑީޕީގެ އޮފީސް ކުރިމަތީގައި މިރޭ ބޭއްވި އިއްތިހާދުގެ ޖަލްސާ އިން ވެސް މީހަކު ހައްޔަރުކުރި އެވެ.