އިލްޔާސް ލަބީބު ފުލުސް އޮފީހަށް ހާޒިރުކޮށް ފޯނު އަތުލުމަށް ފަހު ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބް ކެފޭއެއްގެ ތެރޭގައި އިންނަވަނިކޮށް މިއަދު ހަވީރު ފުލުސް އޮފީހަށް ހާޒިރުކޮށް ފޯނު އަތުލައިފި އެވެ.


އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ އެ ޕާޓީގެ ސ. ހުޅުދޫ ދާއިރާގެ ރައީސް އިލްޔާސް ހައްޔަރުކޮށްގެން ފުލުސް އޮފީހަށް ގެންދިޔަ ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އޭނާ ދޫކޮށްލީ ފޯނު އަތުލުމަށް ފަހު ކަމަށް އެމްޑީޕީން ބުންޏެވެ.

އިލްޔާސް ލަބީބް ހައްޔަރުކުރި ކަމަށް ސޯޝަލްމީޑިއާގައި ފެތުރި ވާހަކަ ދޮގުކުރައްވައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ ފުލުސް އޮފީހަށް ހާޒިރުކުރީ ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.

އިދިކޮޅު އިއްތިހާދުން މާލޭގައި ބާއްވާ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އިލްޔާސްގެ ފޯނު އަތުލިއިރު އެ އިއްތިހާދުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ގިނަ ބޭފުޅުންނާ ގުޅޭ ތަހުގީގުތައް ފުލުހުން އަންނަނީ ކުރަމުންނެވެ. އެ މައްސަލަތަކުގައި ބައެއް ބޭފުޅުންގެ ފޯނު އަތުލައިގެންނާއި ފުލުސް އޮފީހަށް ހާޒިރުކޮށްގެން ވެސް ތަހުގީގު ކުރިއަށް ގެންދެ އެވެ.