އިލްޔާސް ހައްޔަރުކުރަން އަމުރު ނެރުނީ ސަރުކާރު ވައްޓާލަން ރާވާ ކަމުގެ ތުހުމަތުގައި: ވަކީލް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބް ހައްޔަރުކުރަން ފުލުހުން ކްރިމިނަލް ކޯޓުން އަމުރު ހޯދާފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން ރާވާކަމުގެ ތުހުމަތުކޮށްފައި ކަމަށް އިލްޔާސްގެ ވަކީލް ނާޒިމް ސައްތާރު މިރޭ ވިދާޅުވެއްޖެ އެވެ.


އެމްޑީޕީގެ ސ. ހުޅުދޫ ދާއިރާގެ ރައީސް ކަން ކުރައްވާ އިލްޔާސް މިއަދު ހަވީރު ފުލުސް އޮފީހަށް ހާޒިރުކުރީ ކެފޭއެއްގައި އިންނަވަނިކޮށެވެ. އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށް ފޯނު އަތުލުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.

އިލްޔާސްގެ ވަކީލް ނާޒިމް ވިދާޅުވީ އިލްޔާސަށް ކުރަނީ "އެހެން ބަޔަކާ ގުޅިގެން ސަރުކާރު ވައްޓާލަން ރާވާ ކަމުގެ ތުހުމަތު" ކަމަށެވެ. އެ މައްސަލާގައި އޭނާ ހައްޔަރުކުރުމުގެ އަމުރަކާއި ފޯނު އަތުލުމުގެ އަމުރެއް ފުލުހުން ހޯދާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ދެ އަމުރެއް، އޮތް. އެކަމަކު ފޯނު އަތުލާފައި އިލްޔާސް ދޫކޮށްލީ،" ނާޒިމް ވިދާޅުވި އެވެ.

ސަރުކާރު ވައްޓާލަން ރޭވުމުގައި ބައިވެރިވާ ކަމުގެ ތުހުމަތު އިލްޔާސްގެ މައްޗަށް ކުރިއިރު އިދިކޮޅު އިއްތިހާދުން "ބަޣާވާތެއްކޮށް" ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުގެ އިސްވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ. ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރު ސްރީ ލަންކާގައި ހުންނަވައި ކުރައްވަނީ "ބަޣާވާތަކުން" ސަރުކާރު ވައްޓާލުމުގެ މަސައްކަތްޕުޅެވެ.

އެ ތުހުމަތުތައް ކޮށްފައި ވަނިކޮށް، ނަޝީދާއި އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ. މުހައްމަދު ޖަމީލް އަހްމަދުގެ އިތުރުން އިދިކޮޅު އެމްޑީޕީގެ އިސް ބޭފުޅެއް ކަމަށްވާ އަކުރަމް ކަމާލުއްދީން ހައްޔަރުކުރަން އިއްޔެ ވަނީ ކޯޓު އަމުރު ނެރެފަ އެވެ. މި ތިން ބޭފުޅުންގެ އިތުރުން ވެސް މި ތުހުމަތު ކުރާ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރަން ލިސްޓެއް ހަދައި ކޯޓު އަމުރު ހޯދަމުންދާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. ނަޝީދު ހައްޔަރުކުރުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރުނީ ދެ މައްސަލައެއްގަ އެވެ. އެއީ 2011ގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ 1.8 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މައްސަލައިގެ ތަހުގީގަށާއި ޖަލު ހުކުމަކަށް ފިލައިގެން އުޅޭތީ ހައްޔަރު ކޮށްގެން ވެސް ހާޒިރުކޮށްދޭން ކަރެކްޝަނަލް ސާވިސް އިން ފުލުހުންގެ ކިބައިން އެދިފައި ވާތީ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ޖަމީލާއި އަކުރަމް ހައްޔަރުކުރަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރެފައިވާކަން ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލައިގެ ތަހުގީގަށް ހާޒިރުވާން ދިން މުއްދަތުގައި އެކަން ނުކުރުމުން ތަހުގީގު ފުރިހަމަކުރުމަށެވެ.