ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމުން ލިބުނު މިންވަރެއްް ލިބުނީ ހިޔާލުފާޅުކުރީތީ ކަމަށް އެމްޑީޕީގެ ނައިބު ރައީސް އަދި ޔުނައިޓެޑް އޮޕޮޒިޝަންގެ ޝެޑޯ މިނިސްޓަރު މުހައްމަދު ޝިފާޒް މިރޭ ވިދާޅުވެއްޖެ އެވެ.
ބޮޑުތަކުރުފާނުމަގުގައި ހުންނަ އެމްޑީޕީ ހަރުގެ ކުރިމަތީގައި "އަބުރުގެ ޖަލްސާ"ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ މީގެ 12 އަހަރު ކުރިން އޮގަސްޓް 12 ވަނަ ދުވަހު ރާއްޖޭގެ ރައްޔިތުން ނުކުތީ ބަދަލަކަށް ބޭނުންވެގެން ކަމަށެވެ. ޝިފާޒް އެ އިޝާރާތްކުރެއްވީ އޮގަސްޓް 12، 2004 ވަނަ ދުވަހު ޖުމްހޫރީ މައިދާނަށް ގިނަ ބަޔަކު އެއްވެ ސަރުކާރާ ދެކޮޅަށް ފާޑުކިޔައި ހެދި ދުވަހަށެވެ. އެ ދުވަހުގެ އެެއްވުން ޖެހިގެން އައި ދުވަހަށް ދެމިގެން ދިއުމުން ސިފައިން ނުކުމެ، ބާރުގެ ބޭނުންކޮށްގެން ރޫޅާލީ އޮގަސްޓް 13 ވަނަ ދުވަހު މެންދުރު ފަހު އެވެ.
ހިޔާލުފާޅުކުރުން ހަނިކޮށް މަޖިލީހުން ފާސްކުރި ގާނޫނަށް ފާޑު ވިދާޅުވަމުން ޝިފާޒް ވިދާޅުވީ ހިޔާލުފާޅުކުރުން ނިގުޅައިގަންނާކަށް ރާއްޖޭގެ ރައްޔިތުން ބޭނުން ނުވާ ކަމަށެވެ.
"އަޅުގަނޑުމެން ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން އެއްް އަހަރު ވަންދެން ޖާގަދީގެން ބަލަން ތިބިން. ގާނޫނު އަސާސީން ރީތި ވެރިކަމެއް ކޮށްދޭނެ ކަމަށް ޖާގަ ދީގެން ތިބިން،" އެކަމަކު ކަންތައް ވީ އެހެން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވީ "އެވަރުން ވެސް ތިބީ އެެއްޗެކޭ ނުބުނެ، އެކަމަކު ގަޔާ ދިމާލަށް އައިމަބަލަން ނުތިބެ ނުކުތީ" ކަމަށެވެ.
"ގާނޫނު އަސާސީގެ ބާރުތައް ނެތިކޮށްލަމުން ދިޔައީ. އެހެންވެ ގާނޫނު އަސާސީގެ ދިފާއުގައި ނުކުތީ. ރައީސް ޔާމީނަށް އުނދަގޫ ކޮށް ހަދާކަށް ނޫން ނުކުތީ،" އޭނާ ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވީ ދިވެހިންގެ އަތުން ނިގުޅައިގަތް ހައްގުތައް ދޫކޮށްލަން ބޭނުން ނުވާ ކަމަށެވެ. އަދި މި ވަތަން އެދޭ ގޮތަށް މި ގައުމުގެ ވެރިން ދީލާކަށް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިވަތަން އެދޭ ގޮތަށް މިގައުމުގެ ވެރިން ދީލާލަން އެބަ ޖެހޭ،" ޝިފާޒް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާ ކުރިޔަށް ގެންދިޔައިރު އާޓިފިޝަލް ބީޗް ތެރޭގައި ގޮނޑި އަތުރައިގެން އިށީނދެގެން ބަޔަކު ތިއްބާ ގޮނޑިތައް އެތަނުން ނަގަން ފުލުހުން އިންޒާރުދީފައިވެ އެވެ. އަދި ފުލުހުން ދިން އިންޒާރާ ގުޅިގެން އެތަނުގައި ހުރި ގޮނޑިތައް ނަގާފައިވެ އެވެ.