އެއް މިލިއަން ވަނަ ޓޫރިސްޓަށް ތުރުކީ މީހެއް

މި އަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ޓޫރިސްޓަކަށް ތުރުކީ ވިލާތުގެ ފިރިހެނަކު ހޮވިއްޖެ އެވެ.


ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މިލިއަން ހުރަސްކޮށް ދާން ފެށި ފަހުން ކޮންމެ އަހަރަކު ވެސް އެއް މިލިއަން ވަނަ ޓޫރިސްޓް ކަނޑައަޅަން ހާއްސަ ހަފުލާއެއް އެއާޕޯޓްގައި އޮވެ އެވެ. އެގޮތުން މިއަދު ވެސް ވަނީ ތުރުކީގެ އެ މީހާއަށް، އެމްއެމްޕީއާރުސީން ހާއްސަ މަރުހަބާއެއް ކިޔާފަ އެވެ.

ތުރުކީގެ މި މީހާ ރާއްޖެ އައީ މީގެ ދެ ދުވަސްކުރިން ކައިވެނިކޮށްގެން، އޭނާގެ އަންހެނުންނާ އެކު މީރު އައިލެންޑް ރިސޯޓްގައި ހަނީމޫން ހޭދަކުރާށެވެ.

އެއް މިލިއަން ވަނަ ޓޫރިސްޓާއި އޭނާގެ ލޯބިވެރިޔާ، ވީއައިޕީ ލައުންޗަށް ގެންދަނީ

ދެމަފިރިންނަށް ލިބުނު ހާއްސަ ހަދިޔާތަކުގެ ތެރޭގައި މޫވެންޕިކުން ދިން ޗުއްޓީ ޕެކޭޖަކާއި ޓީއެމްއޭ އިން ދިން ދަތުރެއްގެ އިތުރުން ދިރާގުގެ 100 ޖީބީގެ ޑޭޓާ ޕެކޭޖެއް ވެސް ހިމެނެ އެވެ.

އެއް މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔަން ވެލާނަ އިންޓަނޭޝަނަލް އެއާޕޯޓްގައި ސަގާފީ ކުޅިވަރު އޮތެވެ.

އެ ދެމަފިރިންނަށް މަރުހަބާ ކިޔުމަށް ހާއްސަ އައިޓަމެއް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގައި އޮތެވެ. އެތަނަށް އެ ދެ މީހުން ދިއުމުން މަރުހަބާ ކިޔުމަށް ޓޫރިޒަމް މިނިސްޓަރުގެ ނައިބު ހުސެއިން ލިރާރާއި އެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދާއި އެމްއޭސީއެލް އަދި ސިވިލްއޭވިއޭޝަން އޮތޯރިޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަދައްކަމުން އެ މީހާ ބުނީ ރާއްޖެ އައިއިރު އެފަދަ އުފާވެރި، މަރުހަބާ ކިޔާނެ ކަމަށް ހީނުކުރާ ކަމަށެވެ. އަދި މިއީ ލިބުނު ވަރަށް ބޮޑު ހައިރާން ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑުމެންނަށް މިއަދު ފެނުނީ ރާއްޖެ އައިތަނުން ވަރަށް އުފާވެރި މޫނުތަކެއް. އަޅުގަނޑުމެން ވަރަށް އުފާވި މިފަދަ ޝަރަފެއް ލިބުމުން،" އަލަށް ރާއްޖެއައި ދެމަފިރިން ބުންޏެވެ.

އެ މީހާ ބުނީ ރާއްޖޭގައި ހޭދަކުރާ ކުރު ޗުއްޓީއަކީ ވަރަށް އުފާވެރި ދުވަސްތަކަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި މޫވެންޕިކުން ދިން ޗުއްޓީ ޕެކޭޖް ގަބޫލުކޮށް އަންނަ އަހަރު ރާއްޖެ އަންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.