ހިޔާލު ތަފާތުވިޔަސް ނަމަވެސް އެއްބަނޑުއެއްބަފާ ކަމާއި އުހުއްވަތްތެރިކަމުގެ ގުޅުންތަކަށް އެއްވެސް ހީނަރުކަމެއް އައުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ހިޖުރީ އާ އަހަރާ ގުޅިގެން ރައީސް އާންމުކުރެއްވި ހިތާބުގައި، އިސްލާމްދީން ހިމާޔަތްކޮށް ކުރިއެރުވުމަށް ކޮނޑުގައި އެޅިފައިވާ ޒިންމާގެ މަތިން ހަނދާންކޮށް، އެ ޒިންމާ ފުރިހަމައަށް އަދާކުރުމުގެ އަޒުމް އާ ކުރުމަށް އިލްތިމާސްކުރެއްވި އެވެ.
ރަސޫލާ މައްކާ ދޫކުރައްވައި މަދީނާ އަށް ކުރެއްވި މަތިވެރި އަދި ތާރީހީ ހިޖުރައިގެ ހާދިސާ އަކީ އިސްލާމީ މަތިވެރި ޖިހާދެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެ ހާދިސާގެ ހަނދާންތައް އައުކުރައްވައިފަ އެވެ.
ހިޖުރީ އާ އަހަރުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަހުންނާއި އުހުތުންނަށް ރައީސް ވަނީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފަ އެވެ.