މި މަހު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި، ވެރިކަމުގެ ދެ ވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން ހޮވިވަޑައިގަތުމާއެކު، ދ. ހުޅުދެލީ ރައްޔިތުން ހުށަހެޅި ކަންކަން ކޮށްދެއްވާނެ ކަމަށް ރަނިން މޭޓު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެ ރަށުގެ ރައްޔިތުންނަށް މިއަދު ވައުދުވެވަޑައިގެންފި އެވެ.
ހުޅުދެއްޔަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ޝަހީމް ވިދާޅުވީ އެ ދަތުރަކީ ރައީސް ޔާމީން ވިދާޅުވެގެން އެ ރަށަށް ކުރެއްވި ދަތުރެއް ކަމަށެވެ. ހުޅުދެލީ ރައްޔިތުން އެދުނީ، އެ ރަށުގައި މިސްކިތެއް އަޅައި ބަނދަރު ބޮޑުކޮށް ސްކޫލްގެ ކްލާސް ރޫމް އިތުރުކުރަން ކަން ފާހަގަކުރައްވައި ވިދާޅުވީ އެއީ ރައީސް ޔާމީންގެ ދެ ވަނަ ދައުރެއްގައި ފުއްދަވައި ދެއްވާނެ ކަންކަން ކަމަށެވެ. އެ އުއްމީދުގައި ރައްޔިތުން ތިއްބެވުމަށް އޭނާ އެދިވަޑައިގަތެވެ.
"އިރާދަކުރެއްވިއްޔާ މި ރަށުގެ ރައްޔިތުން ހުށަހެޅި ގޮތަށް، އެކަންކަން ރައީސް ޔާމީން ފުއްދަވައި ދެއްވާނެ،" ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބު ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ އެވެ. އެކަމުގައި ހުޅުދެލީ ރައްޔިތުންގެ ވެސް ތާއީދާއި ވޯޓު ރައީސް ޔާމީނަށް ދެއްވަން ވެސް ޝަހީމް އެދިވަޑައިގަތެވެ.
ޝަހީމް ގެންދަވަނީ ދ. އަތޮޅުގެ އެކި ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވަމުންނެވެ. މި ދަތުރުތަކުގައި ވަކި ޕާޓީއެއް، ނުބައްލަވައި ހުރިހާ ރައްޔިތުންނާ ބައްދަލުކުރައްވަން އިދިކޮޅު ޕާޓީތަކުގެ ހަރުގެތަކަށް ވެސް ވަދެވަޑައިގަންނަވަ އެވެ. އަދި ރައްޔިތުންނަށް ތަރައްގީ އޮތީ ރައީސް ޔާމީނާ އެކު ކަމަށް ވިދާޅުވެ އެ ފަޅި އަށް އެރުމަށް ދައުވަތު ދެއްވަ އެވެ.