ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިންގާފައިވާ އެންމެ ބޮޑު ކޮރަޕްޝަން، އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތް، ނުހުއްޓުވުނީ ނިޒާމުގެ މައްސަލައަކުން ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން ރޭ ދެއްކެވި ވާހަކަފުޅަށް، ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް މިއަދު ރައްދު ދެއްވައިފި އެވެ.

ގައުމީ ޔުނިވަސީޓީ، އެމްއެންޔޫ އިން، އިންތިޒާމްކޮށްގެން ބޭއްވި "ރިޔާސީ ބަހުސް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ޓުއަރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގުމުގެ ފުރުސަތު ލިބުނީ އެމަނިކުފާނުގެ ވެރިކަމުގެ ވައްޓަފާޅި ގެންގުޅުއްވާ ގޮތުން ނޫން ކަމަށެވެ.

އެއީ ނިޒާމުގެ މައްސަލައެއް ކަމަށާއި އެފަދަ ބޮޑު ޚިޔާނާތެއް ހިނގާކަން ނިޒާމްގެ ތެރެއިން އެނގުނު ނަމަ ވަޒީރު ކަމުގައި ވެސް އަދީބު ނުބަހައްޓަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެކަމަކު އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލަތައް ތަހުގީގުކުރަން ފެށުމުން، އޮޑިޓް ގާނޫނަށް އިސްލާހު ގެނެސް މަގާމުން ބޭރުކޮށްލި ނިޔާޒް ވިދާޅުވީ އެ ހިޔާނާތުން ރެކިވަޑައިގެންނެވޭނެ ހަމަ އެއްގޮތެއް ވެސް ރައީސް ޔާމީނަށް ނޯންނާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ވާހަކަފުޅު ދެއްކެވީ ރައްޔިތުންނަށް އޮޅުވާލައި، އެމަނިކުފާނަކީ "މައުސޫމް" ބޭފުޅެއް ކަން ދެއްކެވުމަށެވެ. އެކަމަކު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

"ހިނގައިދިޔަ ކަންކަމަށް ބަލާއިރު، މާލިއްޔަތުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން [އެ ހިޔާނާތަށް] މަގު ކޮށްޓަވައި ދެއްވި،" މިހާރު ސްރީ ލަންކާގައި ދިރިއުޅުއްވާ ނިޔާޒް ވިދާޅުވި އެވެ.

ރާއްޖޭގެ ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކުރުމާއި ފައިސާ ބަލައިގަތުމުގެ ކަންކަން އޭރު ކުރަމުން އައީ ޓޫރިޒަމް މިނިސްޓްރީ އާއި މީރާ އިން ކަމަށް ވިޔަސް، އޭނާ ވިދާޅުވި ގޮތުގައި، ޓޫރިޒަމް ޕްރޮމޯޓްކުރަން އުފެއްދި އެމްއެމްޕީއާރުސީގެ ދަށަށް އެ ހުރިހާ ކަމެއް ބަދަލުކުރީ ވެސް މި ސަރުކާރުގައި ކަމަށެވެ. އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތަށް މަގުފަހިވި ކަންކަން ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވަމުންދާ ކަން ރައީސްގެ ސަމާލުކަމަށް ގެންނެވުމުން ވެސް އެކަމަށް އިޖާބައެއް ނުދެއްވި އެވެ. ބަދަލުގައި ހޯއްދެވީ، އެ ޚިޔާނާތް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ކަމަށް ވިދާޅުވެ މިސާލެއްގެ ގޮތުން ނިޔާޒް ނެންގެވީ ގާނޫނަށް ބަދަލު ގެނެސްގެން އޭނާ މަގާމުން ވަކިކުރި މައްސަލަ އެވެ.

ވަޒީރަކު އާދަޔާ ޚިލާފަށް ފައިސާ ގެންގުޅުއްވައި ޕާޓީ އަށާއި މަޖިލީހުގެ މެމްބަރުންނާއި އެހެން ވެސް ސަރުކާރުގެ ކަންކަމުގައި ޚަރަދުކުރައްވާއިރު، އެއީ ކޮން ތަނަކުން ހޯއްދަވާ ފައިސާއެއްތޯ ބެއްލެވުމަކީ ރައީސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށް ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގައި އަމަލުކުރަމުން އަންނަ އާއްމު އުސޫލަކީ ރައްޔިތުންގެ މަޖިލިސްތަކުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް އިދިކޮޅު ޕާޓީއެއްގެ މެމްބަރަކު ހުރުން ކަމަށް ވުމާ އެކު ރައީސް ޔާމީންގެ ވެރިކަމާ ހަމައަށް ރާއްޖޭގައި ވެސް އެ އުސޫލު ހިފެހެއްޓި އެވެ. ބޭނުމަކީ، އޭނާ ވިދާޅުވި ގޮތުގައި، ދައުލަތުގެ މާލިއްޔަތުން ހިންގާ ޚަރަދުތަކާއި މައްސަލަތަކަށް އޭރެއްގެ ސަރުކާރު ޖަވާބުދާރީ ކުރުވުމެވެ.

"އެކަމަކު ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމާ އެކު، މަޖިލީހުގެ 'ނާޖާއިޒު ނުފޫޒު'ގެ ބޭނުން ހިއްޕަވައިގެން ކިހިނެއްތޯ ހެއްދެވީ؟ މާލިއްޔަތު ކޮމެޓީގެ މުގައްރިރު ކަމަށް އެމަނިކުފާނުގެ ޕާޓީގެ ޕީޖީ ލީޑަރު ހަމަޖެއްސެވީ. ބޭނުމަކީ ކޮބައިތޯ؟ ޖަވާބުދާރީ ކުރުވޭނެ ފުރުސަތުތައް ބަންދުކުރުން،" ނިޔާޒް ވިދާޅުވި އެވެ.

މާލިއްޔަތު ގާނޫނަށް ބޮޑެތި ބަދަލު ގެނެސް ލޯނު ނަގައި ރައްޔިތުންގެ ބޮލުގައި ބޮޑެތި އަދަދުތަކުން ދަރަނި އެޅުވީ ރައްޔިތުންގެ ބަހެއް ހޯއްދަވައިގެންތޯ ނިޔާޒް ސުވާލު ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަރަންޏަށް ޒިންމާވުމުގެ ގާނޫނަށް އަމަލުކުރުން ފަސްކުރީ ވެސް މި ސަރުކާރުގަ އެވެ.

އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބައިވެރިވެވަޑައިނުގަތުމުން، އެމަނިކުފާނު ގިނިކަންޏާ ކުރިއަށް ގެންދެވި "ބަހުސް"ގައި އިތުރުން ރައީސް ވިދާޅުވީ އެފަދަ ކޮރަޕްޝަންތައް ހުއްޓުވުމަކީ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުގެ ޒިންމާއެއް ކަމަށެވެ. އަދި ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އެފަދަ މައްސަލައެއް ނުބެއްލެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެއީ ރައީސަށް ރައީސްގެ ގޮނޑީގައި އިނދެގެން ބެލޭނެ ކަމެއް ނޫން،" އެކި މުއައްސަސާތައް ހަދައި ދައުލަތުން ހިންގަނީ ޒިންމާތަކެއް ހަވާލުކޮށްގެން ކަމަށް އިޝާރަތްކުރައްވައި، އެމަނިކުފާނު ވިދާޅުވި އެވެ.