އިދިކޮޅު މެނިފެސްޓޯގެ ދީނީ ކަންކަމުގެ 99 ޕަސެންޓް ވާނީ ފުރިހަމަކޮށްފައި: ޝަހީމް

އަންނަ އާދިއްތަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުވެ، ވެރިކަން ކުރުމުގެ ފުރުސަތު ލިބިއްޖެ ނަމަ އަމަލު ކުރަން އިދިކޮޅު ކޯލިޝަނުން އެކުލަވާލާފައިވާ މެނިފެސްޓޯގައި ހިމެނޭ ދީނީ ކަންކަމުގެ 99 ޕަސެންޓަކީ މި ސަރުކާރުން ކޮށް ނިންމާފައިވާ ނުވަތަ ކުރަމުން އަންނަ ކަންކަން ކަމަށް، ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓު، މުހައްމަދު ސައީދު އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.


ދަރުބާރުގޭގައި ރޭ ބޭއްވި، އިލްމުވެރިންނާއި މުފައްކިރުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ޕީޕީއެމުން ނެރުނު މެނިފެސްޓޯގައި ހިމަނާފައިވާ ދީނީ ބަޔަށް ބައެއް މީހުން ފާޑުކިޔާ ކަމަށާއި އެކަމަކު އިދިކޮޅުގެ މެނިފެސްޓޯގައި ގިނަ ކަންތައްތަކެއް ހިމަނާފައިވީ ނަމަވެސް، އެއީ މުޅިން ވެސް މި ސަރުކާރުން ފުރިހަމަކޮށްފައިވާ ކަންތައްތައް ކަމަށެވެ.

އިދިކޮޅުގެ މެނިފެސްޓޯގައި ހިމަނާފައިވާ ދީނީ ބައެއް ކަންކަން

- އިސްލާމީ އުސޫލުތަކުގެ ތެރެއިން ދައުލަތް ހިންގުން

- މިސްކިތް ހިންގުމުގެ ނިޒާމާއި ހިދުމަތްތައް ހަރުދަނާކުރުން

- ކޮންމެ މިސްކިތެއްގައި ވެސް އެތަނުގެ ގަދަރު ނުގެއްލޭ ގޮތަށް ތައުލީމީ އަދި އިޖްތިމާއީ ހަރަކާތްތައް ހިންގުން

- އިސްލާމީ ތަޢުލީމުގެ ރޮނގުން ޔުނިވަސިޓީ ޑިގްރީ ހާސިލް ކޮށްފައިވާ އިމާމުން މިސްކިތްތަކަށް ހަމަޖެއްސުން

- ޒަކާތް ނެގުމާއި ބެހުން، ގާނޫނެއްގެ ދަށުން ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިޔުން

- ވަގްފު ފަންޑުތައް އުފައްދައި، އެ ބެލެހެއްޓުން ހަރުދަނާ ކުރުމަށް ގާނޫނީ ނިޒާމެއް ގާއިމްކުރުން

- ހަލާލް ސެޓްފިކޭޝަން ނިޒާމު

- ހައްޖުވުމަށް ޕެންޝަން ފަންޑު ބޭނުން ކުރެވޭގޮތް ހެދުން

ޝަހީމް ވިދާޅުވީ ދީނީ މައުލޫމާތު ދިނުމަށް، ރަށްރަށަށް ވާއިޒުން ފޮނުވާނެ ކަމަށް އިދިކޮޅުން ބުނާއިރު މިހާރު ވެސް އެކަން ގަވައިދުން ކުރާ ކަމަށެވެ. އަދި އިސްލާމީ ދައުވަތު ނުވަތަ ދީނީ ނަސޭހަތް ދިނުމުގައި، އެއްވެސް ސަރުކާރަކުން ނުދޭހާ މިނިވަންކަން މި ސަރުކާރުން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"[ދީނީ އިލްމުވެރިޔާ] ޑރ. އިޔާޒް އަބްދުލްލަތީފަކީ ސަރުކާރާ އިދިކޮޅު ވަރުގަދަ ފަހުލަވާނެއް. އެކަމަކު އެ ބޭފުޅާގެ އިސްލާމީ ދައުވަތަށް ސަރުކާރުން ހުރަހެއް ނާޅާ. އެއް ދުވަހު ފުރުގާން މިސްކިތުގައި އަނެއް ދުވަހު ހުޅުމާލޭ މިސްކިތުގައި، ބަރާބަރަށް، ތަރުތީބުން އެ ދަނީ އިމާމުކަން ކުރައްވައި ދަރުސް ދެއްވަމުން،" ދީނީ އިލްމުވެރިންނަށް ސަރުކާރުން ހުރަސް ނާޅާނެ ކަމުގެ ޔަގީންކަން ދެއްވަމުން ޝަހީމް ވިދާޅުވި އެވެ.

ކޮންމެ މިސްކިތެއްގައި ވެސް އެތަނުގެ ގަދަރު ނުގެއްލޭ ގޮތަށް ތައުލީމީ އަދި އިޖްތިމާއީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ދޭނެ ކަމަށް ބުނާ ވައުދަށް ފާޑު ވިދާޅުވަމުން، ދީނީ އިލްމުވެރިޔާ ވިދާޅުވީ މިސްކިތްތަކަކީ ހަމައެކަނި ދަރުސް ދިނުމާއި އަޅުކަން ކުރުމަށް ބޭނުން ކުރާ ތަންތަން ކަމަށާއި ބޭނުންހާ ކަމެއް އެތަނުގައި ނުކުރެވޭނެ ކަމަށެވެ. އަދި މިސްކިތްތަކަށް އެންމެ ފުރިހަމަ ގަދަރު ދެއްވީ ވެސް މި ސަރުކާރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޒަކާތް ނެގުމާ ގުޅޭގޮތުން ޝަހީމް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ޒަކާތުގެ ގޮތުގައި ލިބުނީ 14 މިލިޔަން ރުފިޔާ ކަމަށާއި އެކަމަކު މި ސަރުކާރުން ޒަކާތުގެ ގޮތުގައި 60 މިލިޔަން ރުފިޔާ ހޯދާފައިވާ ކަމަށެވެ. އެއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނައިން ޒަކާތް ލިބުނު ފަހަރު ކަމަށާއި އެހާ ފައިސާ ލިބޭ ވަރަށް މިހާރު މީހުންގެ ފުދުންތެރިކަން އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު އޮތީ ދީނީ ކަންކަމުގައި ނަމޫނާ ސަރުކާރެއްކަން ފާހަގަ ކުރައްވައި ޝަހީމް ވިިދާޅުވީ އެމްޑީޕީގެ ތިން އަހަރުގެ ވެރިކަން ނިމުނު އިރު ރާއްޖޭގެ ގިނަ މިސްކިތްތައް ހުރީ ވީރާނާވެފައި ކަމަށެވެ. އެކަމަކު އެކަން ހައްލު ކުރުމަށް މި ސަރުކާރުން ފަންޑުތަކާއި އިމާރާތްތައް ހަދައި، ފައިސާ ހޯދާފައިވާ ކަމަށް ވިދާޅުވި އެވެ.

އިސްލާމީ ފައިނޭންސް ސެންޓަރު ގާއިމު ކުރާނެ ކަމަށް އިދިކޮޅުން ވެފައިވާ ވައުދާ ގުޅާގޮތުން ޝަހީމް ވިދާޅުވީ އެ ފަދަ ތަނެއް މިހާރު ވެސް ހުރީ ގާއިމުކޮށްފައިވާ ކަމަށާއި އެކަމާ ގުޅުން ހުރި ކަމަކަށް ދެން އޮތީ އިސްލާމިކް ބޭންކިންގެ ހިދުމަތް ދޭން ފެށުން ކަމަށެވެ.

"އެކަމަކު އެކަން ލިޔެފައި އޮތީ ޕީޕީއެމްގެ މެނިފެސްޓޯގައި. ދެން އަންނަ ދައުރެއްގައި އިރާދަކުރެއްވިއްޔާ މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭންކިންގެ ހިދުމަތް ދޭނެ،" އޭނާ ވިދާޅުވި އެވެ.

އިސްލާމް ދީން ކުރިއެރުވުމަށް ކުރާނެ ކަންކަން، ޕީޕީއެމްގެ މެނިފެސްޓޯގައި ތަފްސީލުކޮށް ލިޔެފައެއް ނެތެވެ. އެކަމަކު އިސްލާމީ އުސޫލުތަކުގައި ހިފަހައްޓައި، އެކަން ކުރިއަރުވާނެ ކަމަށް އޭގައި ބުނެފައި ވެ އެވެ.