ރައީސް ޔާމީން ކުށެއް ނުކުރައްވާ، ހަދަން ވާނީ 96،000 މީހުންގެ ޖާގައިގެ ޖަލެއް: ފަލާހު

ރައީސް އަބްދުﷲ ޔާމީން ކުށެއް ކުރައްވާފައި ނުވާނެ ކަމަށާއި އިދިކޮޅު ފަރާތްތަކުން އެމަނިކުފާނު ޖަލަށް ލާ ނަމަ، ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވޯޓު ދިން 96،000 މީހުން ލެވޭ ވަރުގެ ޖަލެއް ހަދަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.


ރައީސް ޔާމީންގެ ސަރުކާރުން ހިންގި ކަމަށް ބުނާ ގާނޫނާ ހިލާފު ކަންކަން ބަލައި ތަހުގީގު ކުރުމަށް އިދިކޮޅު ބައެއް ބޭފުޅުން ވަނީ ގޮވާލައްވައިފަ އެވެ. މި މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބޮޑު ތަނުން ބަލިވެފައިވާއިރު، އިދިކޮޅު ބައެއް ބޭފުޅުން ވިދާޅުވަނީ، ރައީސް ޔާމީނަށް ފިއްލެވުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި އެމަނިކުފާނަށް އޮތީ ޖަލުގެ ކުޑަގޮޅި ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާހު ވިދާޅުވީ ރައީސް ޔާމީނަކީ ރާއްޖޭގައި ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން ދިވެހިންގެ އެންމެ ތާއީދު ބޮޑު ސިޔާސީ ލީޑަރު ކަމަށެވެ. އަދި ރައީސް ޔާމީން ޖަލަށްލާނެ ވާހަކަ ވިދާޅުވުމަކީ އިދިކޮޅު ފަރާތްތަކުން ކުރި ހުވަޔާ ހިލާފުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން ތ.ވޭމަންޑު އަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔަން އެއްވި ބަޔަކާ ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ފަލާހު ވިދާޅުވި ގޮތުގައި ރައީސް ޔާމީން ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި އިރު، އެއްވެސް ކުށެއް ނުކުރައްވަ އެވެ. އަދި ރާއްޖެ އަށް އެންމެ ބޮޑު ހިދުމަތެއްކޮށް ދެއްވި ލީޑަރަކީ ރައީސް ޔާމީން ކަމަށް ވެސް، އެމަނިކުފާނު ދިފާއު ކުރެއްވުމުގައި އެންމެ ބޮޑަށް އުޅުއްވި މެމްބަރު ވިދާޅުވި އެވެ.

ރައީސް ޔާމީން ގައުމަށް ކޮށްދެއްވި ފަދަ ހިދުމަތެއް އިދިކޮޅު ފަރާތްތަކަށް ނުކުރެވޭނެ ކަމުގެ "100 ޕަސަންޓު ޔަގީންކަން" އެބައޮތް ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.

"ރައީސް ޔާމީން ޖަލަށް ގެންދާ ކަމަށްވާނަމަ، އިދިކޮޅު ފަރާތްތަކަށް ދަންނަވާލަން އޮތީ އެންމެ ފުރަތަމަ ވެސް 96،000 މީހުން ލެވޭ ވަރުގެ ޖަލެއް އެބޭފުޅުން އަޅާށޭ،" ފަލާހު ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ ވެރިކަން ތިއޮތީ ލިބިފައި. އަޅުގަނޑުމެންގެ ހިތުގައި ކުޑަ ވެސް ބިރުވެރިކަމެއް ނެތް. އަޅުގަނޑުމެން ޖަލަކަށް އެމްޑީޕީ އަކަށް ނުލެވޭނެ. އަޅުގަނޑުމެން ކުށެއް ކޮށްފައެއް ނޯންނާނެ. އެހެންވީމަ ތަކުރާރުކޮށް މި ދަންނަވަނީ އެކަހަލަ ބިރު ދައްކަން މަސައްކަތް ނުކުރާށޭ."

ޕީޕީއެމްގެ މެމްބަރުންނަށް ބިރު ދައްކަމުންދާ ކަން ފާހަގަ ކުރައްވައި ފަލާހު ވިދާޅުވީ ރާއްޖެ އިން މިނިވަން ކަން ނެތިގެންދާ ކަމުގެ އިހްސާސް މިދިޔަ ތިން، ހަތަރު ދުވަހުގެ ތެރޭގައި ކުރެވިފައިވާ ކަމަށެވެ. އަދި މަގުމަތިން ނާމާން އެތައް ކަމެއް ހިނގަމުންދާ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ނިންމާލުމަށް ބޭއްވި ހާއްސަ ކެމްޕެއިން ރެލީގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ފަލާހު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ބައެއް ކައުންސިލަރުންނަށް ހީވެފައި އޮތީ "ރަސްކަމެއް" އަންނަން އުޅޭ ކަމެވެ. އެކަމަކު، ކައުންސިލަރުންނަކީ އެންމެ ދެތިން އަހަރަށް ހޮވޭ ބައެއް ކަން ފާހަގަ ކުރައްވައި، ފަލާހު ވިދާޅުވީ ކައުންސިލަރުންނަކީ ރައްޔިތުންނާއެކު މާހައުލަށް ނުކުންނަން ޖެހޭ ބައެއް ކަމަށެވެ. އަދި ކައުންސިލަރުން މަސައްކަތް ކުރަންވާނީ ގާނޫނާއި ގަވައިދުތަކުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.

ފަލާހު ވަނީ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ރައްޔިތުންނަށް ފައިދާ ހުރި ހުރިހާ ކަމެއްގައި ޕީޕީއެމުން އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އިދިކޮޅު ފަރާތްތަކުން ގުޅިގެން ހުށަހަޅާ ބަޖެޓު ވާން ވާނީ ރައްޔިތުންނަށް ފައިދާ ހުރި ކަންކަން ހިމެނޭ ބަޖެޓަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޕީޕީއެމް މެމްބަރުން މަޖިލިހުގެ ތެރޭގައި މަސައްކަތް ކުރައްވާނީ ޒިންމާދާރު ކަމާއެކީގައި ކަމަށް ވިދާޅުވި އެވެ.

"މަޖިލިސް ތެރޭގައި ހަޅޭއްލަވައި މޭޒުތަކަށް އަރައި، ގޮނޑިތަކަށް އަރައި، ފުމެ ނުހަދާނަން. އެއަށްވުރެ، އަޅުގަނޑުމެން ޒިންމާދާރުވާނެ،" ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ނައިބު ލީޑަރުކަން ކުރައްވާ ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވި ގޮތުގައި އަދިވެސް ރައީސް ޔާމީން މި ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު މާތް ﷲ މިންވަރުކޮށް ދެއްވާނެ އެވެ. އަދި ރައީސް ޔާމީނާއެކު ފަހަތުގައި ނުތިއްބަވާ ރައްޔިތުން ރައީސް ޔާމީނާއެކު ކުރިއަށް ދިއުމަށް ވެސް ފަލާހު ވަނީ އެދިވަޑައިގެންފަ އެވެ.

ޕީޕީއެމުން ގާނޫނު މުގުރާލައި މަގުމަތި ހަލަބޮލިކޮށް، މީހުންނަށް އަނިޔާވެރިވާނެ ބަޔަކަށް ނުވާނެ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، އަދި ރައްޔިތުންގެ މަޖިލިހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވީ އަންނަ ނޮވެމްބަރު 17 ވަނަ ދުވަހު، ރައީސް ޔާމީން ވެރިކަން ދޫކޮށްލައްވާނީ ވަރަށް ފަހުރުވެރި ރައީސެއްގެ ގޮތުގައި ކަމަށެވެ. ރައީސް ޔާމީން ވެރިކަން ދޫކޮށްލައްވަނީ ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 90 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގައި ނިންމާފައި ކަމަށް އޭނާ ވިދާޅުވި އެވެ.