އިންތިޚާބުން ނާކާމިިޔާބުވެވަޑައިގަތުމުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން، ރައްޔިތުންގެ ނިންމުމާ ދެކޮޅު ހައްދަވައި، ގައުމު ހަލަބޮލިކޮށްނުލެއްވުމަށް، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، ރައީސް އަބްދުﷲ ޔާމީނަށް މިއަދު ގޮވާލައްވައިފި އެވެ.
ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ އިބޫ މިއަދު ވަނީ ބައްދަލު ކުރައްވައިފަ އެވެ. މިއީ، ހަތް މަސްދުވަހު ޖަލުގައި އޮންނެވި މައުމޫން، މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކަފާލާތުން ދޫކޮށްލެއްވުމާ އެކު ދެ ބޭފުޅުން ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.
މައުމޫން ފައުންޑޭޝަން އޮފީހުގައި ބައްދަލުކުރެއްވުމަށް ފަހު، މައުމޫނާއެކު ނޫސްވެރިންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ ދެކޮޅަށް ރައްޔިތުން ނިންމި ގޮތް ވަރަށް ސާފު ކަމަށެވެ. އީސީން އާއްމުކުރި ދާއިމީ ނަތީޖާގައިވާ ގޮތުން އިންތިޚާބުގައި އިބޫ އަށް 134،705 ވޯޓު ލިބިވަޑައިގަތް އިރު، ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ އިބޫ އަށް ވޯޓުގެ 58.4 ޕަސެންޓް އަދި ރައީސް ޔާމީނަށް 41.6 ޕަސެންޓެވެ.
އިޚްލާސްތެރިކަމާ އެކު ރައީސް ޔާމީނަށް ދަންނަވާލަން ބޭނުން ވަނީ، އެމަނިކުފާނު އިސްވެ ހުންނަވައިގެން މާހައުލު ހަލަބޮލިކުރަން މަސައްކަތްޕުޅު ނުކުރައްވާށޭ. އެއަކަށް އަޅުގަނޑުމެން އަދި ރައްޔިތުން ވެސް ތިބީ ތަންދޭކަށެއް ނޫނޭ. --އިބޫ
އިބޫ ވިދާޅުވި ގޮތުގައި އެ ނަތީޖާއާއެކު ބަލި ގަބޫލު ކުރައްވައި، ސިޔާސީ ވާދަވެރިއެއްގެ ގޮތުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވުމަށް ފަހު ރޭ ފެނިވަޑައިގަތީ، ރައީސް ޔާމީން ޚިޔާލުފުޅު ބަދަލުކުރެއްވި މަންޒަރެވެ. ކުއްލި ގޮތަކަށް، އިންތިޚާބުގެ މައްސަލަތަކެއް ދައްކަވައި، ކޮމިޝަނުގެ މެމްބަރުންނަށް ބޮޑެތި ތުހުމަތުތަކާ އެކު ރައީސް ޔާމީން އިސްވެ ހުންނަވައި މަގުމައްޗަށް ނުކުތުން އިބޫ ސިފަކުރެއްވީ ގައުމު ހަލަބޮލިކަން ކުރައްވާ މަސައްކަތްޕުޅެއްގެ ގޮތުގަ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެއީ، ބަލައިގަނެވޭ ކަމެއް ނޫނެވެ.
"އަޅުގަނޑު ވަރަށް އިޚްލާސްތެރިކަމާ އެކު ރައީސް ޔާމީނަށް ދަންނަވާލަން ބޭނުން ވަނީ، އެ މަނިކުފާނު އިސްވެ ހުންނަވައިގެން މާހައުލު ހަލަބޮލިކުރަން މަސައްކަތްޕުޅު ނުކުރައްވާށޭ. އެއަކަށް އަޅުގަނޑުމެން އަދި ރައްޔިތުން ވެސް ތިބީ ތަންދޭކަށެއް ނޫނޭ،" އިބޫ ވިދާޅުވި އެވެ.
"ރައްޔިތުންގެ ނިންމުން ނިންމައިފި، ރައްޔިތުން ތިބީ އެ ނިންމުމާ އެއްކޮށް ކުރިއަށް ދާން. އެހެންވެ ރާއްޖޭގެ ގާނޫނު ތަންފީޒުކުރައްވާ ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ސިފައިންނާއި ފުލުހުން ވެސް އެބަޖެހޭ ނިންމުން ދަމަހައްްޓަން. އިންތިޚާބުވެފައި ހުރި ރައީސެއްގެ ގޮތުން އަޅުގނޑު ހުރިހާ ފަރާތްތަކަށް މި ގޮވާލަނީ، އެފަދަ ކަމަކަށް [ހަމަނުޖެހުމަކަށް] ފުރުސަތެއް ނުދެއްވާށޭ."
އިދިކޮޅު ޕާޓީތަކުން އިންތިޚާބާ ކުރިމަތިލީ، ބޮޑެތި ގޮންޖެހުންތަކަކާ އެކުގައި ކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ އިންތިޚާބުގެ ވޯޓުލުމާއި ވޯޓު ގުނުމުގެ ކަންކަން ވެސް ނިމިގެން ދިޔައީ މިނިވަންކަމާ އެކުގައި ކަމަށެވެ. ކޮންމެ ވޯޓު ފޮއްޓެއްގެ ކައިރީގައި އޮފިޝަލުންނާއި އޮބްޒާވަރުންނާއި ބައިނަލްއަގުވާމީ މޮނިޓަރުން ވެސް ތިބި ކަމަށާއި ކޮންމެ ފޮއްޓެގެ ކައިރީގައި އެ ދުވަހު ކަން ހިނގައިދިޔަ ގޮތުގެ ރިޕޯޓް ވެސް އެބައޮތް ކަަމަށް ވިދާޅުވި އެވެ.
"ވަރަށް ސާފުކޮށް އެނގެން އެބައޮތް، އެއްވެސް ދާއިރާއެއްގައި، ވޯޓަށް ނުފޫޒު ފޯރާނެ، އަދި ބަދަލުވާނެ އެއްވެސް ކަމެއް އެ ދުވަހު ހިނގާފައި ނެތް ކަން. އޭގެ އަލީގައި އިލެކްޝަންސް ކޮމިޝަނުން ނަތީޖާ އިއުލާންކޮށްފައި ވަނީ. އެއާއެކު ހަފުތާއެއްވެގެން ދިޔައިރު ވެސް އެފަދަ [ވޯޓު އޮޅުވާލި ކަމުގެ] ޝަކުވާއެއް، ރިޕޯޓެއް ވެސް ހުށަހަޅާފައި ނުވޭ،" އިބޫ ވިދާޅުވި އެވެ.
"ރައްޔިތުންނަށް އިޚްލާސްތެރިކަމާ އެކު ކަމެއް ކޮށްދެއްވުމުގެ ނިޔަތެއް މިއދު ވެސް ގެންގުޅުއްވާ ތަނެއް ނުފެނޭ. ވަރަށް ހިތާމަހުރި ކަމެއް. އިންތިޚާބުގައި ފެނިގެން އެ ދިޔައީ، ވޭތުވެދިޔަ ފަސް އަހަރު ރައީސް ޔާމީންގެ ވެރިކަމުގައި ކަންތައް ކުރެއްވި ގޮތް ރައްޔިތުން ގަބޫލު ނުކުރައްވާ ކަން،" އިބޫ ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރައީސް ޔާމީން ފަހަތަށް ޖެހިވަޑައިގަންނަވާ، ސުލްހަވެރިކަމާ އެކު ވެރިކަން ބަދަލުކުރުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަވަން ޖެހެ އެވެ. ރައީސް ޔާމީން، އެއާޚިލާފަށް، މަގާމްތަކަށް ރައިސް ޔާމީން، ބޭފުޅުން އައްޔަން ކުރެއްވުން ވެސް ގަބޫލެއް ނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.
ވެރިކަން ބަދަލުކުރަން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފުލުހުންނާއި ސިފައިން ވެސް އެހީތެރިކަން ފޯރުކޮށްދޭން ވެސް އިބޫ އެދިވަޑައިގަތެވެ.
ސިޔާސީ ހަތަރު ލީޑަރުން ގުޅިގެން އުފެއްދެވި އަދި އިންތިޚާބު ކާމިޔާބު ކުރެއްވި ކޯލިޝަންގެ ވެރިކަން ދެމިއޮންނާނީ، ރައްޔިތުންގެ ވެރިކަމެއްގެ ގޮތުގައި ކަމަށް އިބޫ ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ. އެ ކޯލިޝަން ބަދަހިކަމާ އެކު ދެމިއޮންނާނެ ކަމަށާއި ރައީސް މައުމޫނާ، ބައްދަލުކުރެއްވީ، ރައްޔިތުންނަށްޓަކައި ކުރިއަށް ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަން ކަމަށް ވެސް ވިދާޅުވި އެވެ.
ކެމްޕޭންގައި އިބޫގެ ވައުދުތައް ރައްޔިތުންނަށް ހަނދާންކޮށްދެއްވަމުން މިއަދު ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ދޫނުކޮށްލާނެ ދެ ކަންތައް އޮންނާނެ، އެއީ އިޚްލާސްތެރިކަމާއި ތެދުވެރިކަން. ރައްޔިތުންގެ ފައިސާ އަށް ޚިޔާނާތްތެރިއެއް ނުވާނަން. އެއާއެކު އެންމެ މުހިއްމު ވާޖިބެއް ކަމުގައި ދެކެނީ މި ކޯލިޝަން ދެމެހެއްޓުން."