މައުމޫނާ، ގާސިމް ބައްދަލުކުރެއްވުމަށް ފަހު ދެ ބޭފުޅުން ފޮޓޯއަކަށް ހުއްޓިވަޑައިގެން. --އަހްމަދު ނިޝާތު/މިހާރު
07 އޮކްޓޯބަރ 2018 - 13:46
ރައީސް އަބްދުﷲ ޔާމީނަށް ބޮޑު ތަފާތަކުން ނާކާމިޔާބުވެވަޑައިގެންނެވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރަނީ، އަމިއްލަ އެދުމުން ފޯވެފައި ތިބި މަދު ބައެއް ކަމަށް ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ސިޔާސީ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަން، ކުރީގެ ރައީސް މައުމޫންއާ އެކު ބޭއްވެވި ބައްދަލުވުމަކަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، މި ފަސް އަހަރު ރައްޔިތުންނަށް ބިރުދައްކައި އަނިޔާވެރިވި ގޮތަށް، އިންތިޚާބުގެ ނަތީޖާ ވެސް ގަބޫލުނުކޮށް، އޮޅުވާލުންގަނޑެއްގެ ތެރޭގައި ރައްޔިތުން ބައިތިއްބަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން ސާފުކޮށް ބަސް ބުނުމުން އެކަމާ ދެކޮޅު ވެވޭނީ ކޮން މުއައްސަސާއަކަށްތޯ ގާސިމް ސުވާލު އުފެއްދެވި އެވެ.
އޭނާ މިހެން ވިދާޅުވީ، ވޯޓުގައި އޮޅުވާލުންތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް، އިންތިހާބު ބާތިލްކުރަން ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހަޅަން އުޅޭ ކަމަށް ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް، މަދު ބަޔަކާ އެކު ކޮންމެ ރެއަކު އެ ޕާޓީން ދަނީ އަޑުއުފުލަމުންނެވެ.
ގާސިމް ވިދާޅުވި ގޮތުގައި މުޅި ދުނިޔެވެސް ވަނީ އިންތިޚާބުގައި ދިވެހިންގެ ނިންމުން ބަލައިގެންފަ އެވެ.
"އަމިއްލަ އެދުމުން ފޯވެފައިވާ މަދު ބަޔަކު ފިޔަވައި އެހެން އެންމެން ނަތީޖާ ގަބޫލުކޮށްފި ހެޔޮ ހިތުން. އެމަނިކުފާނު [ރައީސް ޔާމީންގެ] ރަނިން މޭޓު، ޑރ. ޝަހީމް ވެސް ގަބޫލުފުޅު ކުރައްވައިފި. ދެން ކާކުތޯ ނުކުރަން ހުރީ. އެހެންވީމާ ތިމަންނައަކީ އެހާ އަވަހަށް ބަލި ގަބޫލުކުރާނެ މީހެއް ނޫނޭ ވިދާޅުވިޔަސް ބަލިވީމާ ދެން ޖެހޭނީ ބަލި ގަބޫލުކުރަން،" ގާސިމް ވިދާޅުވި އެވެ.
"ނަސޭހަތާ އެކު އަޅުގަނޑު ދަންނަވާނީ، މަނިކުފާނުއޭ ތިއީ ވަރަށް ބޮޑު ގޯހެކޭ. ގޮތްދޫނުކުރައްވައި ތިހެން ހުއްޓަސް މުޅި ރައްޔިތުންގެ ނިންމުން އަނބުރައި ބޮލާލައި ޖެހޭނެވަރުގެ އެއްވެސް ބާރެއް އިންސާނެއް ލިބިގެން ނުވޭ."
ގާސިމާއި މައުމޫން މިއަދު ބައްދަލުކުރައްވަނީ
އޭނާ ވިދާޅުވީ ސެޕްޓެމްބަރު، 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓުލުމާއި ވޯޓު ގުނުން ދިޔައީ، މިނިވަންކަމާ އެކުގައިކަން ބައިނަލްއަގުވާމީ އޮބްޒާވަރުންގެ ރިޕޯޓުތަކުން ވެސް ފެންނަން އެބަހުރި ކަމަށެވެ. މިހާލަތުގައި، އިންތިޚާބު ބާތިލްކުރަން ކޮންމެ ކޯޓަކަށް ދިޔަ ކަމުގައި ވިޔަސް އެއްވެސް ހުކުމެއް ނާންނާނެ ކަމަށް ވިދާޅުވި އެވެ.
"ކިހިނެއްތޯ އެކަން ކުރާނީ؟ އަޅުގަނޑަކަށް ނޭނގެ އެކަން ކުރާނެ ގޮތެއް. ރައްޔިތުންގެ ނިންމުމާ ދެކޮޅަށް ނިންމައިފި ނަމަ ދެން އޮތީ ހުރިހާ ރައްޔިތުން ބަނޑަށް ޖެހުން. ބައިނަލްއަގުވާމީ ގައުމުތަކުން ވަގުތުން ދަތިކުރުމުގެ ފިޔަވަޅުއަޅާނެ. އެއީތޯ ބޭނުންވާ ގޮތަކީ؟" ގާސިމް ވިދާޅުވި އެވެ.
ވަކި ބޭފުޅަކު ވެރިކަމުގައި ބެހެއްޓެވުމަށް ރައްޔިތުންނަށް އެ ހާލު ޖައްސަން ތަރުހީބުދޭނީ ކޮން މުއައްސަސާއަކުންތޯ ގާސިމް އެއްސެވި އެވެ.
"ބަޔަކު ރާވައިގެން ގޮސް އެއްޗެއް ހުށަހެޅިއަސް ކޯޓުތަކުގައި ތިއްބެވި ފަނޑިޔާރުން ވެސް ބައްލަވާނެ ދެއްތޯ؟" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވަމުންދިޔަ މިންވަރު އެނގި ހާމަވީ އިންތިޚާބުން ރައީސް އަބްދުﷲ ޔާމީން ބަލިވުމުންނެވެ. ނުހައްގުން ބަންދުކޮށް، އަނިޔާދެމުން ދިޔަ ގިނަ ބަޔަކު ވަގުތުން ކޯޓުތަކުން ދޫކޮށްލީ ކަމަށް ވިދާޅުވި އެވެ.
"ޖުޑިޝަރީ އަށް ބާރުފޯރުވަނީ ކޮން ފަރާތެއް ކަން ރައްޔިތުން ނިންމަވާށޭ. ކާކުކަން، ކޮން ފަރާތަކުން ކަން ނުފޫޒު ފޯރުވަމުން ދިޔައީ،" ގާސިމް ވިދާޅުވި އެވެ.
އިންތިޚާބުގައި އޮޅުވާލުމެއް ނުހިމެނޭ ކަމަށް ގާސިމް ދެއްކެވި ވާހަކަ އަށް ތާއީދު ކުރައްވައި މައުމޫން މިއަދު ވެސް ފާހަގަކުރެއްވި ކުރެއްވި ގޮތުގައި ވޯޓު ލުމާއި ގުނުން ވެސް ދިޔައީ އެންމެންގެ ކުރިމަތީގަ އެވެ. އެއްވެސް ގޯހެއް ނުހިނގާ ކަމަށާއި އެފަދަ ކަމެއް ހިނގި ކަމުގެ ޝަކުވާއެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.
އިންތިޚާބުގެ ދާއިމީ ނަތީޖާ ވެސް އިއުލާންކުރި ފަހުން، ބޮޑެތި އޮޅުވާލުންތަކެއް ފެނުނު ކަމަށް ބުނުމުން އެކަން ގަބޫލުކުރާނީ ކިހިނެއްތޯ މައުމޫން ސުވާލު އުފެއްދެވި އެވެ.
"އޮނަރަބަލް ގާސިމް އެ ވިދާޅުވި ގޮތަށް އެއީ، ދުނިޔޭގެ އެއްވެސް ގައުމަކުން ވެސް، އެއްވެސް މުއައްސަސާއަކުން ވެސް ބަލައިގަންނާނެ ކަމެއް ނޫން. އެކަން އޮތީ ނިމިފައި. ވަގުތީ ނަތީޖާ ވެސް އިއުލާންކޮށްފި، ދާއިމީ ނަތީޖާ ވެސް އިއުލާންކޮށްފި. އެހެންވީމަ އެއާދޭތެރޭގައި މީހަކު ކުރާނެ ކަމެއް ނޯންނާނެ، އެއީ ރަނގަޅަށް ހިނގާފައި އޮތް ކަމެއް ވީމަ،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އިންތިޚާބުގައި އޮޅުވާލުން ހިމެނޭ ކަމަށް ފަތުރަނީ ދެކޮޅުޖެހޭ ވާހަކަތަކެއް ނޫނެވެ. އެހެންވީމަ، ކޯޓަކަށް މައްސަލަ ހުށަހެޅިއަސް، މިހާރު އޮތް ނަތީޖާއާ ފުށުއަރާނެ ގޮތަކަށް ނިންމާނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟުހަސދު
08 October 2018
ލާރިއާހެދި ކޮންމެ ފިޔަވަޅެއް އަޅާމީހު ން އެހެން ބުނީމަ ވަރަށް ހުތުރު ދޯ
އަބުޅޯ
08 October 2018
ދެން ގާސިމް. މިއޮއް ހުރިހާ ދުވަހު ލިއްލާހިއަށްޓަކައޭ ގޮވަގޮވާފަ އެންމެފަހުން މިހާރު ދިވެހިންނަށް އެނގި ސާބިތުވެއްޖެ ލިއްލާހިއަށްޓަކާ ކަލޭ ކުރި ހަމަ އެއްކަމެއްވެސް ނެތްކަން. އަމިއްލަ އެދުމުން ފޯވެފައިވާ މިންވަރަކީ އިޒުރޭލު މީހުން ފަލަސްތީނު މީހުންގެ ލެޔަށް ފެންބޮވައިގެންފައިވާ މިންވަރާ އެއްފަދަ. މިކަން ނޭނގޭ ހަމަ އެކަކުވެސް މިހާރަކު ދިވެހިންގެ ތެރޭގައި ނޫޅޭނެ.
ދޮންބީފާނު
08 October 2018
ހާދަ ވަރަކަށް ސޭޓަށް އެންމެންގަނޑު ބަވަނީ. އަޅެ ހަމްދަރުދީވަން.
ސަރުދާރު
07 October 2018
ބަލަ މަކަލެޔަށް ދޭލާރިއަށް ވާރޭ ވެހޭތަ! ޖާސިމް މެންގެ އެއްވެސް އެދުމެއް ނެތް! ކަލޭގެ މުއްސަދިކަމުގެ ބާރު ރައްޔިތުންނަށް ތިދައްކަނީ! އަދި އިތުރަށް މުައްސަދި ވާނެ ގޮތް ތަނަވަސް ކުރަން ތިއުޅެނީ ނުވިސްނޭ މީހުން އުޅެފާނެ ކަލޭފަހަތުން
މަގޭ އައިޝާ
08 October 2018
މީނާގެ މުއްސަނދިކަމުން ރައްޔިތުންނާއި ގައުމަށް ޖެހޭ މުސީބާތްތަކުން މިންޖު ކުރައްވާފާނދޭ.
ޝިޔާމު
07 October 2018
ރައްޔިތުން ވާވެއްދުމަކީ އެންމެ ބޮޑު އޮޅުވާލުން
ކަޅު ނަޖީބު
07 October 2018
ނަތީޖާއާއިމެދު ކަންބޮޑުވުން އިންތިހާއަށް ...އޮޑި ދޯނި ފަހަރުދީ މީހުން ހައްލާލައިގެން ކަންކޮށްފައި އެބަހުރި
ހޫން
07 October 2018
ގާސިމު ތިވާހަކަ ދައްކަން އެންމެ ރަނގަޅީ .ލޮލް.އަމިއްލަ އެދުންވެސް ބޮޑު މީހެއް
ހަގީ
07 October 2018
އަމިއްލައެދުމުގެ ވާހަކަ ދައްކަން މިބޭ ރަގަޅޭ.. މުޅި ގައުމުގަ ގާރޫނު ހެދިގެން އުޅޭއިރު
ހޯނު
07 October 2018
ސަރުކާރުތައް ވައްޓަން ގިނަ ޚަރަދާއި މަސައްކަތާއި ވަގުތު ހޭދަކުރުމުގެ ބަދަލުގައި ވިޔަފާރި ކުރެއްވުމުގައި ކުރިޔަށް ވަޑައިގަންނަވާ. ސިޔާސީ ކަންކަމުން ދުރަށް ވަޑައިގަންނަވާ! މިޤައުމަށް މިހާ ބޮޑު ގެއްލުމެއް ލިބެން މިޖެހުނީވެސް މަނިކުފާނު މަނިކުފާނުގެ ޑޮމެއިން އިން ބޭރުން މަސައްކަތް ކުރައްވަން އުޅުއްވާތީ!
ޤާދިރު
07 October 2018
ޔާމީނު ވެރިކަމުން ބޭލުމަށްޓަކައި އިނދިކޮޅުން ކުރި ހުރިހާ މަސައްކަތެއް ފޭލުވީމާ، މިކަން ހުއްޓާލާ 18 ގެ އިންތިހާބަށް ތައްޔާރުވުމަށް އިބޫ ބުނުމުން މައުމޫނު ބުނީ އަދި ތިމަންނައަށް އެއްފުރުޞަތު ދޭށޭ. އެފުރުޞަތުގައި 1 ފެބުރުއަރީގަ ސްޕްރީމް ކޯޓުގެ އަމުރު ނުކުތީ. ކޯޓްތަކަށް ނުފޫޒު ފޯރުވަނީ ކޮންބައެއްކަން އެނގިއްޖެއެއްނުނުން..