ހައުސިން މިނިސްޓްރީއަކަށް ހުޅުމާލެ އިން ގޯތި ނުވިއްކޭނެ!

ހުޅުމާލެ އިން ގޯތި ވިއްކުމުގެ ގާނޫނީ ހައިސިއްޔަތެއް ހައުސިން މިނިސްޓްރީ އަށް ލިބިގެން ނުވާ ކަމަށް ގާނޫނީ ބައެއް ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.


ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކަން ނިންމައި ހައުސިން މިނިސްޓްރީން އިއްޔެ ވަނީ އާއްމުކޮށް ހުޅުވާލައިފަ އެވެ. ހުޅުމާލޭގެ ބިމުގެ އަގަށް ބަލާއިރު ނުއަގުގައި ވިއްކާ މިއިން ގޯއްޗެއްގެ އަގަކީ އެންމެ 400،00ރ. އެވެ.

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އެ މަޝްރޫއު ކުރިއަށް ނުގެންދަން އިއްޔެ އަންގައިފަ އެވެ. އެ އެންގުމާ ގުޅިގެން ފޯމު ދޫކުރުމާއި ބަލައިގަތުން މިއަދު ވަނީ މެދުކަނޑާލައިފަ އެވެ.

ހުޅުމާލެ އިން ގޯތި ވިއްކުން މަޑުޖައްސާލަން އަންގައި އޭސީސީން ފޮނުވި ސިޓީގައި ވެސް ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ބުނެފައިވެ އެވެ. އެއީ، ހުޅުމާލެ އިން ބިން ވިއްކުމަކީ ހައުސިން މިނިސްޓްރީ އަށް ކުރެވިދާނެ ކަމެއްތޯ ގާނޫނީ ގޮތުން ސުވާލު އުފެދޭ ވާހަކަ ކަން އޭސީސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

މި މައްސަލައިގައި، އެޗްޑީސީން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ހައުސިން މިނިސްޓްރީން ގޯތި ވިއްކަން އިއުލާންކުރީ އެ ކުންފުންޏަށް އެނގިގެންތޯ ނުވަތަ ނޫންތޯ ވެސް ނުބުނެ އެވެ. މީގެ ކުރިން، ހުޅުމާލެ އިން ބިން ވިއްކުން ކުރިއަށް ގެންގޮސްފައި ވަނީ މުޅިން ވެސް އެޗްޑީސީންނެވެ.

މިފަހަރު ނުއަގުގައި، ގޯތި ވިއްކަން ހައުސިން މިނިސްޓްރީން ހުޅުވާލުމަކީ ވެސް ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ.

ގޯތި ވިއްކުން އިއުލާންކުރަން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ އިއްޔެ ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު

ހުޅުމާލެ ދެ ވަނަ ފޭހުން މީގެ ކުރިން ވަނީ ބިން ވިއްކައިފަ އެވެ. އެކަމަކު އޭރު ފެށޭ އަގަކަށް ހަމަޖެއްސީ އަކަފޫޓެއް 3،000ރ އަށެވެ. އެ އަގުން ބަލާ ނަމަ 1،000 އަކަ ފޫޓެއްގެ ގޯއްޗެއްގެ އަގު 3 މިލިއަން ރުފިޔާއަށް އަރަ އެވެ. އެފަހަރު ގޯތިތައް ވިއްކީ އަކަފޫޓެއް 3،000ރ އަށް ވުރެ މާ ބޮޑު އަގެއްގަ އެވެ.

އާއްމުންގެ ހައްގުތަކާ ގުޅިފައިވާ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާ ގާނޫނީ ވަކީލުން ވިދާޅުވީ ހުޅުމާލެ އިން ބިން ވިއްކުމަކީ ހައުސިން މިނިސްޓްރީ އަށް ހައިސިއްޔަތު އޮތް ކަމެއް ނޫން ކަމަށެވެ. އެޗްޑީސީއަކީ ވަކި ކުންފުންޏަކަށް ވެފައި، އެ ކުންފުނީގެ ބެލުމުގެ ދަށުގައި އޮތް ބިންތަކެއް ވިއްކުމުގެ ހައްގު އެ މިނިސްޓްރީއަށް ނޯންނާނެ ކަމަށް ވެސް ވަކީލުން ވިދާޅުވެ އެވެ.

"އެއީ، އެޗްޑީސީގެ އަމިއްލަ ބިމެއް. މުޅި ހުޅުމާލެ ބިމުގެ ރަޖިސްޓްރީ އެޗްޑީސީ އަށް ހަދާފައި އޮންނައިރު، މިހާރު ހުޅުވާލި ބިމުގެ ރަޖިސްްޓްރީ ވެސް އޮންނާނީ އެޗްޑީސީ އަށް،" ނަން ހާމަނުކުރަން އެދިވަޑައިގެން ވާހަކަ ދެއްކެވި ވަކީލަކު ވިދާޅުވި އެވެ.

ފޯމު ހުށަހަޅަން ހައުސިން މިނިސްޓްރީގައި ކިޔޫ ޖެހިގެން. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މި މަޝްރޫއު އިއުލާން ކުރައްވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ ހުޅުމާލެއިން 400 ގޯއްޗަށް ހުޅުވާލީ، ތޮއްޖެހިގެން ދިރިއުޅޭ މާލޭގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔަކާއި ހިތްހަމަޖެހުމެއް ގެނެސްދޭން ކަމަށެވެ.

އެކަމަކު ވަކީލް ވިދާޅުވި ގޮތުގައި މިނިސްޓަރު އެ ފާހަގަކުރައްވާ ކެޓަގަރީއަށް އެކަމެއް ނުފެތެ އެވެ.

"މިއީ، ސޯޝަލް ހައުސިން ސްކީމެކޭ ބުނާއިރު، ސޯޝަލް ހައުސިންގެ ގޮތުގައި އެތަނުން ފްލެޓްތައް ވިއްކާފައި ހުރީ ވެސް އެންމެ ކުޑަކޮށް ދެ މިލިއަން ރުފިޔާ އަށް. އެކަމަކު ބިން މި ވިއްކަނީ ހަތަރު ލައްކަ ރުފިޔާ އަށް،" ވަކީލް ވިދާޅުވި އެވެ.

ހައުސިން އިން ބިން ވިއްކާލަން ހުޅުވާލިއިރު، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، ވެރިކަން ބަދަލުވުމުގެ މި މަރުހަލާ ތެރޭގައި އެއްވެސް ބިމަކާ ގުޅޭ މުއާމަލާތެއް ނުހިންގަން އެޗްޑީސީގެ ބޯޑުން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ ފާސްކޮށްފަ އެވެ. މި ނިންމުން ފަހުން ބަދަލުކުރި ކަން ނުވަތަ ބިން ވިއްކަން ހުޅުވާލީ އެޗްޑީސީއާ މަޝްވަރާކޮށްފައި ކަން ވެސް ނޫސްވެރިންނަށް ސުވާލުކުރަން ފުރުސަތު ނުދީ، ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަވުމުގައި މުއިއްޒު ވިދާޅެއް ނުވެ އެވެ.

"ބިން ވިއްކާނެ އަގަކީ ވެސް ހައުސިން މިނިސްޓްރީ އަށް ނުވަތަ ރައީސް އޮފީހަށް ވެސް ކަނޑައެޅޭނެ އެއްޗެއް ނޫން. އެއީ ވެސް އެޗްޑީސީގެ ނިންމުމެއް،" ވަކީލް ވިދާޅުވި އެވެ.

ހުޅުމާލެ ބިންތައް ވިއްކޭނެ އެންމެ ކުޑަ އަގަކީ ކޮބައިތޯ ބަލަން އެޗްޑީސީން ހުޅުވާލިއިރު ވެސް އެންމެ ކުޑަ އަގަކަށް އަކަ ފޫޓަކަށް ހުށަހެޅީ 3،000ރ. ކަން ވަކީލް ފާހަގަކުރެއްވި އެވެ. މިއާ އެކު ވަކީލުން ފާހަގަކުރައްވާ ކަމަކީ، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި، އަގު ކުޑަކޮށްގެން ގެއްލުން ދިނުމަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގައި ކަނޑައަޅާފައި ވުމެވެ.

މި މަޝްރޫއު ސަރުކާރުން މި އިއުލާން ކުރީ، ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވެވަޑައިގެން، ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތް ފެށިފަައިވާތީ އެއްވެސް އައު މަޝްރޫއެއް ނުފަށަން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ އޮފީހުން މުއައްސަސާތަކުގައި އެދެމުން އަންނަނިކޮށެވެ.