ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 400 ގޯތި ގަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލުމާ އެކު، ހައުސިން މިނިސްޓްރީ ކައިރީގައި ބޮޑު ކިއުއެއް މިއަދު ދަމާލައިފި އެވެ.
އާ އުސޫލެއް އެކުލަވާލައި، އެ އުސޫލުތައް ހާމަކުރުމަށް ފަހު ގޯތި ވިއްކަން އިއުލާންކުރަން އޭސީސީން އެންގި ނަމަވެސް، އަލުން ފޯމު ބަލައިގަންނަން ހައުސިން މިނިސްޓްރީން މި ފެށީ އެގޮތަށް އެކަން ނުކޮށެވެ. އެކަމަކު ގެދޮރު މައްސަލަ ބޮޑު މާލޭ ރައްޔިތުންގެ އެތައް ހާސް ބަޔަކަށް، ހައުސިން މިނިސްޓްރީން ކަން ކުރަމުން އަންނަ ގޮތާ މެދު ވިސްނައެއް ނުލެވެ އެވެ.
އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ފޯމު ލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެހެންވެ، އިއްޔެ ހަވީރުން ފެށިގެން ރޭ ވަރަށް ދަންވަންދެން ވެސް ގިނަ އަދަދެއްގެ ބަޔަކު ފޯމު ހުށަހަޅާފައިވެ އެވެ.
މިއަދު ހެނދުނު ވެސް އޮފީސް ހުޅުވުމުގެ ކުރިން އެތައް ސަތޭކަ ބަހަކު ތިބީ އަނެއްކާވެސް ކިޔޫގަ އެވެ.
ގޯއްޗެއްގެ އަގު ހަތަރު ލައްކަ ރުފިޔާއަށް ހަމަޖައްސައިގެން ފޯމު ބަލައިގަތުން މިދިޔަ ހަފްތާގައި ކުރިއަށް ގެންދަނިކޮށް އެކަން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެވެ. އެކަމަކު ފަހުން، އެ ހުއްދަ އޭސީސީން އޮތީ، ވަކި ޝަރުތުތަކާ އެކު، ދީފަ އެވެ.
މިނިސްޓްރީން ނިންމީ 1000 އަކަފޫޓުގެ 400 ގޯތި، އަކަފޫޓެއް 400ރ. ގެ ރޭޓުން ވިއްކާ ގޮތަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި 400 ގޯތި ލިބޭ މީހުން ކަނޑައަޅާނީ ދަރުބާރުގޭގައި ބާއްވާ ގުރުއަތުލުމެއްގަ އެވެ. އެކަން އޮންނާނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.