އެމެރިކާގެ އިސް ޑިޕްލޮމެޓް އެލިސް، އިބޫ އަދި ފޮރިން ސެކްރެޓަރީއާ ބައްދަލުކުރައްވައިފި

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ދެކުނު އަދި މެދުތެރޭ އޭޝިއާގެ ކަންކަން ބަލަހައްޓާ ބިއުރޯގެ އިސްވެރިޔާ އެލިސް ވެލްސް، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަދި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރާ މިއަދު ބައްދަލު ކުރައްވައިފި އެވެ.


އިބޫ އާއި އެލިސްގެ ބައްދަލުވުމާ ގުޅޭ ތަފްސީލެއް އިބޫގެ އޮފީހަކުން އަދި ހާމައެއް ނުކުރެ އެވެ.

ރާއްޖެ އާއި ސްރީ ލަންކާއަށް އެލައިސް ކުރައްވާ ދަތުރުގައި އޭނާ ރާއްޖެ ވަޑައިގަތީ އިއްޔެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި އިދިކޮޅު 12 މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުންނާ މިއަދު ބައްދަލުކުރައްވާފައި ވެ އެވެ.

ފޮރިން ސެކްރެޓަރީ ސަރީރާ ބައްދަލުކުރައްވައި އެލިސް ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ޓެރަރިޒަމް ހުއްޓުވުމާއި ޑިމޮކްރަސީ ހަރުދަނާކުރުން ހިމެނެ އެވެ.

އެމެރިކާގެ ޑިޕްލޮމެޓް އެލިސް، ފޮރިން ސެކްރެޓްރީ ސަރީރާއި މިއަދު ބައްދަލުކުރައްވަނީ.--- ފޮޓޯ: ފޮރިން މިނިސްޓްރީ

އެލިސް ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހާއި ޑިފޭންސް މިނިސްޓަރު އާދަމް ޝަރީފާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިިނީއާ ވެސް ބައްދަލުކުރައްވަން ހަމަޖައްސައިފަ އެވެ.

އެމެރިކާއިން ޖޯޑަން އަށް ކުރިން ކަނޑައަޅާފައިވާ ސަފީރުގެ މަގާމު ވެސް އަދާ ކުރެއްވި އެލިސް، ދެކުނު އަދި މެދުތެރޭ އޭޝިއާގެ ކަންކަން ބަލަހައްޓާ ބިއުރޯގެ އިސްވެރިއަކަށް ހަމަޖެއްސީ މިދިޔަ އަހަރު އެވެ. އެ މަގާމަކީ އެމެރިކާގެ ސެކްޓްރީ އޮފް ސްޓޭޓްގެ ސީދާ ބެއްލެވުމުގެ ދަށުން އޮންނަ މަގާމެކެވެ.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބަށް ފަހު، ބޭރުގެ ބައެއް ގައުމުތަކާއި ޖަމާއަތްތަކުގެ ސަފީރުންނާއި ވަފުދުތައް ރާއްޖެއަށް ޒިޔާރަތްކޮށް ސިޔާސީ އިސްބޭފުޅުންނާ ބައްދަލުކޮށްފައި ވެ އެވެ. ޔޫރަޕިއަން ޔޫނިއަން އާއި އިނގިރޭސި ވިލާތުގެ ވަފުދެއް ވެސް ރާއްޖެއަށް ޒިޔާރަތްކޮށް، ވެރިކަން ބަދަލުވުމުގެ މަރުހަލާ ހިނގަމުންދާ ގޮތާ ބެހޭގޮތުން މަޝްވަރާ ކޮށްފައިވެ އެވެ.