މިހާރު ހިނގަމުންދާ މާރާމާރީތަކާ ސިޔާސީ ކަމަކާ ގުޅުމެއް ނެތް: ފުލުހުން

މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ދުވަސްވަރު ބޮޑެތި މާރާމާރީތައް އާއްމުވެފައިވީ ނަމަވެސް، އެކަމާ ސިޔާސީ އެއްވެސް ކަމަކާ ގުޅުމެއް ނެތް ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ.


ވަޅިން ހަމަލާދީ އުމުރުން 14 އަހަރުގެ ކުއްޖަކު މާލޭގައި ރޭ މަރައިލުމާ ގުޅިގެން، ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، މިހާރު ހިންގަމުންދާ މާރާމާރީތައް ސިޔާސީ ކަންކަމާ ގުޅުވައިގެން ބައެއް މީހުން ވާހަކަ ދައްކަމުންދާ ކަމަށެވެ. އެކަމަކު އެކަމުގައި ސިޔާސީ އެއްވެސް މީހަކު ބައިވެރިވެ، ނުވަތަ އެ މީހުން އަންގައިގެން މާރާމާރީތައް ނުހިންގާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ޔަގީންކަން އަރުވަން މިހާ ހިސާބަށް ބެލިބެލުމުން މިކަންކަމަކީ ސިޔާސީ އެއްވެސް މީހަކު ބައިވެރި ނުވާ ކަމަށް. އަދި އެއީ އެ މީހުން އަންގައިގެން ކުރާ ކަމެއްކަން ވެސް ފާހަގަވެފައެއް ނުވޭ. އެހެންވެ، މިއީ ހަގީގަތާ ހިލާފު ވާހަކައެއް،" ޝިފާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިލްތިމާސްކުރަން މި ފަދަ ވަގުތެއްގައި، ގައުމު ހަލަބޮލިވާ ފަދަ ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް."

ޝިފާން ވިދާޅުވީ، މާޒީއަށް ބަލާއިރު، އެކި އަހަރުތަކުގައި ހިންގާފައިވާ ސިޔާސީ އެކި ކަންކަމުގެ ސަބަބުން މަގުމަތި ހަލަބޮލި ކުރަން ފުރުސަތު ލިބިފައިވާ ކަމަށެވެ. އެގޮތުން ތަފާސް ހިސާބުތަކަށް ބަލާއިރު، 2012 އާއި 2013 ވަނަ އަހަރު ހިނގާފައިވާ ސިޔާސީ ކަންކަމުގެ ސަބަބުން މަގުމަތީގައި މާރާމާރީތައް ހިންގާފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މި ފަހަކުން ގިނަ މާރާމާރީތަކެއް ހިންގާފައިވާއިރު، ޝިފާން ވިދާޅުވީ އެކަމާ ގުޅުން ހުރި 32 މީހަކު ހައްޔަރުކުރި ކަމަށެވެ. އަދި އޭގެ ތެރެއިން 17 މީހަކު އަދިވެސް ފުލުހުންގެ ބަންދުގައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާން ވިދާޅުވި ގޮތުގައި އެހެން އަހަރުތަކާ ބަލާއިރު، މި އަހަރު އެކި މަރާމާރީތަކުގައި މަރާލި މީހުންގެ އަދަދު މަދެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ތިން ޒުވާނަކު މަރާލާފައިވާއިރު، އެހެން އަހަރުތަކުގައި އެ އަދަދު މާގިނަ ކަމަށާއި އެހެންވެ، މިއީ މި ފަދަ ބޮޑެތި ކުށްތައް ކޮންޓްރޯލް ކުރެވިފައިވާކަން އަންގައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން ވަނީ ގައުމު އަމަން އޮމާންކަމާއެކު ބޭއްވުމަށް، ފުލުހުންނާ އެކުގައި މަސައްކަތް ކުރުމަށް އާއްމުންނަށް ގޮވާޅާފަ އެވެ.