ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފައިވާ ކަން ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ، އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން 17 އަހަރުގެ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން ނިންމައި ހުކުމް ކުރަން ތައްޔާރުވެއްޖެ އެވެ.
ނިހާންގެ މައްޗަށް 2016 ގައި އިއްވި 17 އަހަރުގެ ޖަލު ހުކުމްގެ އިތުރުން އެހެން ތިން ދައުވާއެއް ދައުލަތުން ކުރި އިރު، އެ މައްސަލައިގައި ބޭއްވި އަޑުއެހުންތައް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ނިންމާލައިފަ އެވެ.
ދައުލަތުން ނިހާންގެ މައްޗަށް އުފުލީ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ކުރުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އާއި އަސްލެއް ނެތް އެއްޗެއް ސައްހަ ކަމަށް ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާ އެވެ.
ނިހާންގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވީ މާމިގިލީ ކޯޓު ހުޅުވައި އެ ކޯޓުގެ ލެޕްޓޮޕުން އީމެއިލްއަކަށް ވަދެ، ރައީސް ޔާމީން ހައްޔަރުކުރަން ނެރެފައިވާ އަމުރު ކަމަށް ބުނާ ލިޔުމެއް ޑައުންލޯޑްކޮށް، އެ ލިޔުމަށް ބަދަލުތަކެއް ގެނައިކަން ހެކިންގެ ބަހުން ސާބިތުވުމާ ގުޅިގެންނެވެ.
ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފައިވާ ކަން ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލައިގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ މައްޗަށް ވެސް 17 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އަދި އޭނާގެ މައްޗަށް އުފުލި އިތުރު ދެ ދައުވާއަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުންތައް ނިންމައި، އަންނަ އާދިއްތަ ދުވަހު ވަނީ ހުކުމް ކުރަން ނިންމައިފަ އެވެ.
މުހުތާޒްގެ މައްޗަށް ކުށް ސާބިތުވީ އދ. މާމިގިއްޔަށް ވަޑައިގެން، ރައީސް ޔާމީން ހައްޔަރު ކުރަން އަމުރެއް ހޯދަން އުޅުއްވިކަން ހެކިންގެ ބަހުންނާއި މުހުތާޒްގެ ފަރާތުން ދެއްކެވި ވާހަކަތަކުން ސާބިތުވާތީ އެވެ.