މަސައްކަތް ހުއްޓާލާނީ އިންސާފު ލިބުނީމާ: އަބްދުއްރަހީމް

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު އިލެކްޝަންސް ކޮމިޝަނުން އޮޅުވާލާފައިވާ ކަމަށާއި ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތް ހުއްޓާލައްވާނީ އިންސާފު ލިބުމުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.


"އޮޅުވާލި ވޯޓު" ނަމުގައި ޕީޕީއެމުން ސިލްސިލާ ގޮތެއްގައި ބާއްވާ އަޑުއިއްވުމުގައި އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންނަށް އިންސާފު ލިބެންދެން މަސައްކަތުގައި ދެމިހުންނަވާނެ ކަމަށެވެ. އަދި ޕީޕީއެމުން މިހާރު ކުރާ މަސައްކަތަކީ ރައްޔިތުންގެ ހައްގުގައި ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް، އިއްޔެ ރާއްޖެ ވަޑައިގަތުމާ ގުޅިގެން އެކަމަނާ އަށް މަރުހަބާ ދަންނަވަން ރައީސް ޔާމީން ރަސްމީ ފާލަން ދޮށުގައި..---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ރިޔާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވި ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. ރައީސް ޔާމީނާ ވާދަ ކުރައްވައި ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބުކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް 134،705 ވޯޓު ލިބިވަޑައިގަތެވެ. އެކަމަކު، އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް، ޕީޕީއެމުން ކޮންމެ ރެއަކު ދަނީ އަޑުއުފުލަމުންނެވެ.

ރިޔާސީ އިންތިޚާބުގެ ކުރިންނާއި ވޯޓުލުން އޮތް ދުވަހު، އިލެކްޝަންސް ކޮމިޝަނުން އިސްވެ އޮވެ، "ޝައްކެއް ނެތް މިންވަރަށް" ނަތީޖާ އޮޅުވައިލަން މަސައްކަތް ކުރި ކަމަށް ބުނެ، އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވައި، އިންތިޚާބު ބާތިލް ކުރުމަށް އެދިވަޑައިގެން ރައީސް ޔާމީން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އަދި އެ މައްސަލައިގައި ކޯޓުގައި ބޭއްވި އަޑުއެހުންތައް ނިމި، ހުކުމަށް ވަނީ ތައްޔާރުވެފަ އެވެ.

ރައީސް ޔާމީން ރާއްޖެ ދޫކުރައްވައި ފިއްލަވަން އުޅުއްވާ ކަމަށް ތުހުމަތުކޮށްފައި ވާތީ އެކަމާ ގުޅޭ ގޮތުން އަބްދުއްރަހީމް ރޭ ވިދާޅުވީ ރައީސް ޔާމީން ފުރިޔަ ނުދީ ހިފަހައްޓާފައި ވަނީ އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލައަށް ބިނާކޮށް ކަމަށް ބުނެ، ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.

އެހެންވެ، މިފަދަ ވާހަކަތަކަށް މުއައްސަސާތަކުން ޖަވާބުދާރީވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަސްޓް ލޭޑީ ފާތުން އިއްޔެ ރާއްޖެ ވަޑައިގަތުމުން މަރުހާބާ ދަންނަވަން އެއްވި މީހުންނާ އެކަމަނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"މި ވާހަކަތައް ދައްކަވާ ބޭފުޅުންނަކީ ދުވަހަކު ވެސް ތެދެއް ހައްދަވާ ބޭފުޅުންނެއް ނޫން. އެބޭފުޅުން ތެދެއް ހެދެން އޮތް ތަނެއްގައި ވެސް ތެދެއް ނަހަދާނެ، ހަދާނީ ދޮގު،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން، ރާއްޖެއިން ބޭރުގެ އެއްވެސް ގައުމަކަށް ރައީސް ޔާމީނަށް އެތެރެ ނުވެވޭ ގޮތަށް ހަމަޖެއްސި ކަމަށް ބުނެ، ވާހަކަ ދައްކަނީ ޕީޕީއެމްގެ ތެރޭގައި ބައިބައިވުން އުފެއްދުމަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެ ވާހަކަތަކުން ޕީޕީއެމް މެމްބަރުންގެ އަޒުމަށް ބަދަލު އައިސްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދަންނަވާލަން އޮތީ ރައީސް ޔާމީން އެއްވެސް އިރެއްގައި ފިއްލަވާކަށް ރާއްވަވާފައި ނެތޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެކަމުގެ އެންމެ ބޮޑު ހެއްކެއްގެ ގޮތުގައި އަބްދުއްރަހީމް ދެއްކެވީ، ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އިއްޔެ ހެނދުނު ރާއްޖެ ވަޑައިގަތުމެވެ. އަދި ރައީސް ޔާމީން ފިއްލަވަން އުޅުއްވި ނަމަ، އަނބިކަނބަލުން ގައުމަށް ގެންނަވަންވީ ކީއްވެތޯ އަބްދުއްރަހީމް ސުވާލު ކުރެއްވި އެވެ.

"އޭގެން އެނގިގެން ދިޔަ އެއްޗަކީ ރައީސް ޔާމީން ހުންނެވީ ވަރަށް ސާބިތުކަމާ އެކު ރައްޔިތުންނާ އެކީގައި ކަން. އެފަދަ ހިތްވަރު ގަދަ ލީޑަރަކު ރާއްޖޭގެ ތާރީޚުގައި ދެކިފައެއް ނުވޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.