ސުޕްރީމް ކޯޓުގެ ނިންމުމަށް އެމެރިކާއިން މަރުހަބާ ކިޔައިފި

ރިޔާސީ އިންތިޚާބު ބާތިލް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމަށް އެމެރިކާއިން މަރުހަބާ ކިޔައިފި އެވެ.


އެމެރިކާ އިން އެ ނިންމުމަށް މަރުހަބާ ކިޔާފައި ވަނީ ސްރީ ލަންކާގައި ހުންނަ އެމެރިކާ އެމްބަސީގެ އެންމެ އިސްވެރިއެއްގެ ގޮތުގައި މިވަގުތު ހުންނެވި ރޮބަޓް ހިލްޓަން ކުރެއްވި ޓްވީޓެއްގަ އެވެ.

އޭނާގެ ޓްވީޓްގައި ވަނީ ސުޕްރީމް ކޯޓުގެ ނިންމުމަށް އެމެރިކާ އިން މަރުހަބާ ކިޔާ ކަމަށާއި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ވެރިކަމުގައި ގުޅިގެން މަސައްކަތް ކުރަން އެ ގައުމުން ބޭނުންވާ ކަމަށެވެ.

ރޮބަޓްގެ ޓްވީޓް

އެމެރިކާއިން ސްރީލަންކާ އާއި ރާއްޖެ އަށް ކަނޑައަޅާފައި ކުރިން ހުންނެވި ސަފީރު އަތޫލް ކެޝަޕްގެ ދައުރު މިިދިޔަ ޖުލައި މަހު ހަމަވުމުން އެމްބަސީގެ އެންމެ އިސްވެރިއެއްގެ ގޮތުގައި މިހާރު ހުންނެވީ ރޮބަޓް އެވެ. ހުސްވެފައިވާ ސަފީރު ކަމުގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކޮށްފައި ވިޔަސް، އޭނާ މަގާމުގެ ޒިންމާތަކާ އަދި ހަވާލުވެ ވަޑައެއް ނުގަންނަވަ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަށް އެމެރިކާ އިން މަރުހަބާ ކިޔާފައިވާއިރު، އިންތިޚާބަށް ފަހު އެ ގައުމުގެ ޚާއްސަ ޑިޕްލޮމެޓެއް ކަމަށްވާ އެލިސް ވެލްސް ވެސް ވަނީ ރާއްޖެ ވަޑައިގެން އެކި ފަރާތްތަކާ ބައްދަލު ކުރައްވައިފަ އެވެ. އަދި ރައްޔިތުންގެ ނިންމުން ގަބޫލު ނުކުރަން އުޅޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އެމެރިކާ އިން ކުރިން އޮތީ ދީފަ އެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭ ވެސް ކުރިން ވަނީ އިބޫއަށް ގުޅުއްވައި، މަރުހަބާ ވިދާޅުވެފަ އެވެ.