ވަގުތީ ނަތީޖާ އިއުލާން ކުރީ ރައީސަށާއި ސަލާމަތީ ބާރުތަކަށް ކުރިން އެންގުމަށް ފަހު: ޝަރީފު

ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަން ފެށުމުގެ ކުރިން، އިންތިޚާބުގައި ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓު، ރައީސް އަބްދުﷲ ޔާމީނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހްމަދު ޝިޔާމާއި އޭރު އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒަށް ގުޅުއްވައި ނަތީޖާ ދެންނެވި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.


އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބު އޮޅުވާލި ކަމަށް އެ ކޮމިޝަނަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި، "ފަޓާސްބަރިއެއްހެން" ވަގުތީ ނަތީޖާ އިއުލާން ކުރި ކަމަށް އެއް ބަޔަކު ބުނަމުންދާ ކަމަށެވެ. އެއީ، ވަކި މަގްސަދެއް އޮވެގެން ކުރި ކަމެއް ކަމަށް ތުހުމަތު ކުރި ނަމަވެސް އެކަމުގެ ވެސް ހަގީގަތް ސާފުކޮށްދެއްވަން ޝަރީފް މިއަދު ވަނީ ވަގުތީ ނަތީޖާ ލިބުމާ އެކު އޭނާ އަމަލުކުރެއްވި ގޮތް ވިދާޅުވެ ދެއްވައިފަ އެވެ.

ރިޔާސީ އިންތިޚާބުގައި ވަކި ކެންޑިޑޭޓަކަށް ފަހިވާ އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ތަކުރާރުކޮށް ފާހަގަކުރެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ ނަތީޖާ ލިބިވަޑައިގަތުމާ އެކު ރައީސް ޔާމީނާއި ސަލާމަތީބާރުތަކުގެ އިސްވެރިންގެ އިތުރުން އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ވެސް ގުޅުއްވި ކަމަށެވެ. އޭނާގެ ފޯނު ކޯލަށް ޖަވާބު ނުދެއްވީ އިބޫ އެކަންޏެވެ. އެއީ، އިންތިޚާބުގެ ކާމިޔާބީގެ އުފާފާޅު ކުރެއްވުމުގައި އުޅުއްވުމުން ކަމަށް ވުން އެކަށީގެންވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އިންތިޚާބުގައި އެއްވެސް މަކަރެއް، އޮޅުވާލުމެއް ނެތް ކަން މިހާރު ސާފުވާނެ ކަމަށް ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސް ޔާމީން ބޮޑު ތަފާތަކުން ބަލިކޮށް، އިންތިޚާބު ކާމިޔާބު ކުރެއްވީ އިބޫ އެވެ.

އެމަނިކުފާނު އިންތިޚާބު ކާމިޔާބު ކުރެއްވީ 134،705 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ، 41.6 ޕަސެންޓެވެ. މިއީ، ރާއްޖޭގައި މިހާތަނަށް ބޭއްވި ރިޔާސީ އިންތިޚާބެއްގައި އެންމެ ފަރަގުބޮޑު ނަތީޖާ އެވެ.

ޝިޔާމާއި ނަވާޒްގެ ޖަވާބަކީ، ޝަރީފް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ނިންމުން، ގާނޫނާ އެއްގޮތަށް އާއްމު ކުރެއްވުމެވެ.

"ރައީސް ޔާމީނަށް ގުޅާފައި ވެސް އަޅުގަނޑު ދެންނެވިން މިއޮތީއޭ ނަތީޖާ، ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދަވާށޭ،" ރައީސް ޔާމީނުގެ ޒަމާންވީ އެކުވެރިޔާ، ޝަރީފް ވިދާޅުވި އެވެ.

ވަގުތީ ނަތީޖާ އިއުލާން ކުރެއްވުމުގެ ކުރިން ޝަރީފް، ރައީސް ޔާމީނާއި ސަލާމަތީބާރުތަކަށް ގުޅުއްވި ނަމަވެސް އެއީ ގާނޫނީ ގޮތުން އޭނާ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ނޫނެވެ. ވަގުތީ ނަތީޖާ އިއުލާންކުރަން ފެށުމުގެ ކުރިން އެއްވެސް މީހެއްގެ ނުވަތަ މުއައްސަސާއެއްގެ ހުއްދަ ހޯދަން ޖެހޭ ކަމަކަށް އެއްވެސް ގާނޫނެއްގައި ކަނޑައަޅައިފައެއް ނުވެ އެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ ރައީސް ޔާމީން، ފުރަތަމަ ގަބޫލުކުރައްވައި އިބޫ އަށް މަރުހަބާ ވެސް ވިދާޅުވި އެވެ. އެކަމަކު، ކޮމިޝަންގެ މެމްބަރުން ރިޝްވަތު ނެގި ކަމަށް ކުރި ތުހުމަތާ އެކު އިންތިޚާބުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ކަނޑައަޅައި އިންތިޚާބު ބާތިލްކޮށްދޭން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އެވެ. އިންތިޚާބު އޮޅުވާލީ ދެލި ފޮހެވޭ ގަލަންތަކަކާއި ލިޔެވޭ އަނގޮޓިތަކަކާއި ފާހަގަ ބަދަލުވާ ވޯޓު ކަރުދާސްތަކުން ކަމަށް ރައީސް ޔާމީންގެ ވަކީލުން ތުހުމަތު ކުރި އެވެ. އެކަމަކު ސުޕްރީމް ކޯޓުން ނިންމީ، އެ ކަންކަމާ ގުޅިގެން އިންތިޚާބު ބާތިލްކުރާނެ ތަނެއް ނެތް ކަމަށެވެ.

ރައީސް ޔާމީން ބަލިކޮށް އިބޫ އިންތިހާބު ކާމިޔާބުކުރައްވާފައި ވަނީ އެއްވެސް ހާލެއްގައި އިލެކްޝަންސް ކޮމިޝަނުން އެ ފަރާތަށް ފޭވާއެއްކޮށްގެން، ކާމިޔާބުކޮށްދޭން ކޮމިޝަނުން ވަކި ކަންކަން ރާވައި، ބައްޓަންކޮށްގެން ނޫން ކަން މިހާރު ސާފުވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.