އެކްޓިން ޕޮލިސް ކޮމިޝަނަރު ނަވާޒް (ކ) އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް ޝިޔާމް: ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުމަށް އިހުތިރާމް ކުރައްވާ ކަމަށް ދެބޭފުޅުން ވެސް ވިދާޅުވި.---ފޮޓޯ: ނިޝާން އަލީ/މިހާރު
26 ސެޕްޓެމްބަރ 2018 - 22:35
ކުރިއަށް އޮތް ފަސް އަހަރުގެ ރައީސަކީ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކަމަށް ރިޔާސީ އިންތިޚާބުގައި ރައްޔިތުން ލީ ވޯޓުން ނިންމާފައިވާތީ، އެ ނިންމުން އެގޮތުގައި ދަމަހައްޓާނެ ކަމަށް ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިން ދެންމެ ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އެހެން ގޮތަކަށް ބަދަލުކުރުމަށް ސިފައިންނާއި ފުލުހުން އެއްބާރުލުން ނުދިނުމަށް އެދި އެކި ފަރާތްތަކުން ގޮވައިލަމުން ދާތީ އެ ކަމާ ގުޅިގެން، އެމްއެންޑީއެފްގެ ޗީފް އޮފް ޑިފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް "މިހާރު" އަށް ވިދާޅުވީ ރައްޔިތުން ނިންމި ގޮތް ވަރަށް ސާފު ކަމަށާއި "ދެން ނިންމަން ޖެހެނީ ކޮން ގޮތެއް؟" ކަމަށެވެ.
"ރައީސް ވެސް ވަރަށް ސާފުކޮށް [އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރައްވާކަން] ވިދާޅުވެއްޖެ. ދެން ސިފައިންނަށް އޮންނާނީ ކޮން ގޮތެއްތޯ؟ މިއީ ދެން ވަރަށް ސާފު ކަމެއް ނޫންތޯ؟ ރައްޔިތުން އޮތީ ގޮތް ނިންމާފައި،" ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ދޮޅު އަހަރުގެ ސަރުކާރުން ފެށިގެން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ފުރުއްވަމުން ގެންދަވާ ޝިޔާމް ވިދާޅުވި އެވެ.
އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް މީޑިއާ އަށް ފޮނުއްވި އެސްއެމްއެސްއެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ނިންމި ގޮތް، ދިވެހި ފުލުހުން ދަމަހައްޓައި އެ ނިންމުމަށް އިހުތިރާމް ކުރާނެ ކަމަށެވެ.
'23 September 2018 gai beyvvunu Riyaasee Inthikhaabugai dhivehi Rayyithun ninmevigoi Dhivehi Fuluhun dhamahattaa eninmumah ihthiraam kuraanekan dhivehi lobuvethi rayyithun nah dhannavan.’ Acting Commissioner of Police Abdullah Nawaz
— Maldives Police (@PoliceMv) September 26, 2018
ފުލުހުންގެ ޓުވީޓް
ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން ބޮޑުތަނުން ބަލިކޮށް، އިދިކޮޅު ކެންޑިޑޭޓު އިބޫ ކާމިޔާބު ކުރައްވާފައިވާއިރު، އެ އިންތިޚާބާ ގުޅޭ ގޮތުން ސަލާމަތީ ބާރުތަކުގެ ބަސް މި އައީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުން ފަސްކޮށްދިނުމަށް އެދި ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ. އަދި އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދި ހައި ކޯޓަށް މައްސަލައެއް ހުށަހެޅުމަށް ޕީޕީއެމުން ތައްޔާރުވާ ކަމުގެ ވާހަކަތައް ވެސް ގަދަވެފައި ވަނިކޮށެވެ.
އިންތިޚާބީ ރައީސް އިބޫއާ، ނަވާޒް އިއްޔެ ބައްދަލުކުރައްވަނީ.---ފޮޓޯ: އެމްޑީޕީ
އެކްޓިން ޕޮލިސް ކޮމިޝަނަރު ނަވާޒް ވަނީ އިންތިޚާބީ ރައީސް އިބޫއާ އިއްޔެ ބައްދަލުކުރައްވައިފަ އެވެ. އިބޫގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައި ވަނީ އެއީ އިބޫގެ އަރިހަށް ނަވާޒް ކުރެއްވި އިހުތިރާމްގެ ޒިޔާރަތެއް ކަމަށެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުގެ މަގާމުގައި ހުންނެވި އިބޫ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ 58 ޕަސެންޓު ވޯޓާ އެކު ބޮޑު ތަފާތަކުންނެވެ. އިބޫ އަށް 134،616 (58.4 ޕަސެންޓް) ވޯޓު ލިބުނު އިރު، ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،132 (41.6 ޕަސެންޓް) ވޯޓެވެ. މިއީ މިހާ ބޮޑު ތަފާތަކުން ރާއްޖޭގައި ރައީސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮތް
01 October 2018
ކުރިންވެސް ހަމަ ތިގޮތް އޮތްދޯ ތިޔަ ދެމީހުންނަށްވެސް. އޭރު ކީއްވެގެންބާ ރައްޔިތުންގެ ނިންމުންތައް ދަމަހައްޓާ ރައްޔިތުންނާ އެކީ ތިބެން ބޭނުން ނުވީ. ގައިމު ރައްޔިތުންގެ ފައިސާއިން މުސާރައާ އެހެން ކަންތައްތައް ހަމަޖައްސައިދެނީ ރައްޔިތުންގެ މަޞްލަޙަތު ހިފަހައްޓައި ދޭން ވިއްޔަ. ވަކި މީހެއްގެ އަޅުންނަށް ވާކަށް ނޫން ވިއްޔަ
ޝޮކްތެރަޕީ
27 September 2018
ދެން ރައިސް ނަޝިދު މިޕާޓީން ބޭރުކުރަންވީ އޭރުން މިޤައުމު ހަމަޔަކަ އެޅޭނީ.
ބަަނި
27 September 2018
ޕޮލިހުންނާ އެމްއެންޑީއެފުން މިފަހަރުވެސް ހަދާނީ ބަންޑާރަނައިބު އަނިލް ބުނާގޮތައްތޯ ހަމަ އަހާލީ
ހަންދާންއެބަހުރި
27 September 2018
އަހަރުމެން ހަންދާންއެބަހުރި، ތިތާ ހުރެވޭނެބާ!
ޢަލްޤާޒީ
27 September 2018
ރައްޔިތުންގެ ނިންމަން ތަންފީޒު ވެގެންދާން އަހަރުމެން ބޭނުންވަނީ، ޤާނޫނީ ޙުދޫދުގެ ތެރެއިން ނެވެ.
އައިޖޭ
27 September 2018
ފުލުހުންނައި ސިފައިންގެ ސެކަންޑްލައިން އިން ފެށިގެން ދަށް ތިބީ ރައްޔތިުންގެ ނިންމުމަށް އިހުތިރާމް ކުރަގޮތާސް ކަމުން ގޮތް ހުސްވީ...ހަދަން އުޅުނު އެތި ނެހެދުނީ... ވެދުން
ޚިދުމަތްތެރި
27 September 2018
ސަލާމަތީބާރޭ ސިފައިންނާއި ފުލުހުންނަށް ނިސްބަތްކޮށް ނުކިޔަމާ ތޯއެވެ. ސިފައިންނާއި ފުލުހުންނަކީ ރާއްޖޭގެ ޤާނޫނު އަސާސީގައިވެސް ވަރަށް ސާފުކޮށް ލިޔެ ބަަޔާންކޮއްފައިވާ ގޮތުގެމަތިން ސަލާމަތީ ޚިދުމަތްދޭ ފަރާތްތަކެވެ. ވުމާއެކު، ސިފައިންނާއި ފުލުހުންނަށް އިޝާރާތްކޮށް ލިޔުއްވާއިރު އަދި ވިިދާޅުވާއިރު އެއީ ސަލާމަތީ ޚިދުމަތްދޭ ފަރާތްތަކެއް ކަމުގައި ލިޔުއްވާ އަދި ވިދާޅުވާށެވެ. ސިފައިންނާއި ފުލުހުންނަށް ސަލާމަތީބާރޭ އެއްގޮތަކަައްވެސް ނުކިޔުއްވާ ށެވެ.
ޚިދުމަތް
27 September 2018
ސަލާމަތީބާރޭ ސިފައިންނާއި ފުލުހުންނަށް ނިސްބަތްކޮށް އެއްގޮތަކަޑްވެސް ނުކިޔަމާ ބަހީ. ހަމަ އެކަނި ސަލާމަތީ ބާރަކީ އަޅަމެން ނެތުމުގެ ތެރެއިން ހައްދަވާ ގެންގުޅުއްވާ އަރަހުށި ހުސްތޯހިރުވަންތަ މަތިވެރި މާތް ރަސްކަލާނގެ، ސުބުޙާނަހޫ ވަތަާޢާލާ. ﷲ ސުބުޙާނަހޫ ވަތަޢާލާ ފިޔަވާ އެހެން އެއްވެސް ފަރާތަކީ ސަލާމަތީ ބާރެއް ކަމުގައި ޤަބޫލުކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. ސިފައިންނާއި ފުލުހުންނަށް ސަލާމަތީބާރޭ އެއްގޮތަކަައްވެސް ނުކިޔުއްވާ ށެވެ.
ރާއްޖެ ބިތުފަންގި
27 September 2018
ސަލާމަތީ ބާރުތަކުން އަބަދުވެސް އަމަލުކުރަންޖެހޭނީ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް.
ހަސަންސްސް
27 September 2018
ރަނގަޅު.. އެކަމަކުވެސް އެންމެ ފުރަތަމަ ޑިފެންސް ފޯސް ގެ ޗީފް އިއުލާނު ކުރީ ތިމްނަނާމެން އިލެކްޝަންގެ ނަތީޖާ ދަމަހައްޓާނަމޭ.. މަ ހިތަށް އަރަނީ މީ ގައުމުގެ ސިފައިނ ްކުރަން ޖެހޭ ކަމެއްހޭ؟؟ މީ ދާޚިލީ ކަމެއް... ކިހިނެއް ވެގެންބާ އެންމެ ފުރަތަމަ ސިފައިން ރައްޔިތުންގާތު އެ ވާހަކަ ބުނަން ޖެހުނީ؟؟؟
ކަންބޮނޑި
27 September 2018
ސަބަބަކީ ސުޕްރީމް ކޯޓުގެ ޢަމުރު ގައި އޮތް ކަންތައްވެސް އެއީ ޑިފެންސުން ކުރަންޖެހޭ ކަމެއް ނޫން. އެކަމަކު ޔާމީނު އެއަމުރު ތަންފީޒު ނުކުރުމަށް ގެންގުޅުނީ ސިފައިން. އެހެންވީމާ ޔާމީނަށް މިހާރު މެސެޖެއް އެދިނީ. ދެން ޔޭސް ސަރ އޭ ނުބުނާނަމޭ، ވެރިކަން ބަދަލުކުރީ ރައްޔިތުންނޭ.