ފާރިސްގެ އިސްތިއުނާފް މައްސަލައިގެ ހުކުމް މާދަމާ އިއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހަތަރު މަހަށް ޖަލަށް ލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލައިގެ ހުކުމް މާދަމާ އިއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.


ފާރިސް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ދައުލަތުން އުފުލި ޝަހްސު އޮޅުވާލުމުގެ ދައުވާ ސާބިތުވުމުންނެވެ.

އެ މައްސަލަ ފާރިސްގެ ފަރާތުން އިސްތިއުނާފް ކުރުމުން މިމަހު ހައި ކޯޓުން ވަނީ އެ މައްސަލާގެ ހުރިހާ އަޑުއެހުންތަކެއް ނިންމާލައިފަ އެވެ. އެ މައްސަލާގެ އަޑުއެހުން ތާވަލް ކޮށްފައިވަނީ މާދަމާ ހެނދުނަށެވެ.

ފާރިސްގެ މައްޗަށް ހަތަރު މަހުގެ ޖަލު ހުކުމް އަޔަސް، އޭނާގެ މެމްބަރު ކަމުގެ ގޮނޑިއެއް ނުގެއްލެ އެވެ. މެމްބަރުކަމުގެ ގޮނޑި ގެއްލޭނީ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައުމުންނެވެ. އެ މައްސަލާގެ އިސްތިއުނާފް ނިމެންދެން ފާރިސް މިހާރު ހުންނެވީ ކަފާލާތުގެ ދަށުން މިނިވަންކޮށްފަ އެވެ. ހައި ކޯޓުން މިމަހު އޭނާ މިނިވަންކުރީ ޑިޕޮސިޓްގެ ގޮތުގައި 40،000ރ. ކޯޓުގައި ބެހެއްޓުމުންނެވެ.

ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ފާރިސްގެ މައްޗަށް ސާބިތުވެފައި ވާއިރު، ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތުގެ ދައުވާއެއް ވެސް ދައުލަތުން ފާރިސްގެ މައްޗަށް ކުރެ އެވެ. އެ ދެ މައްސަލަ ދަށު ކޯޓުން އަދި ނުނިމެ އެވެ.