ބްރިޖްގެ އެއްވެސް ލޭނެއް ބަންދުކުރަން ހުއްދައެއް ނުދެން: މުއިއްޒު

ސިނަމާލޭ ބްރިޖްގެ އެއްވެސް ލޭނެއް ބަންދުކުރަން ހުއްދަ ދީފައިނުވާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެެއްޖެ އެވެ.


މުއިއްޒު އެގޮތަށް ވިދާޅުވީ ބްރިޖް މަސައްކަތަށް އެޅި ވަގުތީ ޕްލެޓް ފޯމްގެ ބައިތައް ނެގުމަށްޓަކައި ހޯމަ ދުވަހުން ފެށިގެން ބްރިޖްގެ ބައެއް ލޭންތައް ބަންދު ކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން އިއްޔެ އިއުލާން ކޮށްފައި ވަނިކޮށެވެ.

މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބްރިޖްގެ އެއްވެސް ލޭނެއް ބަންދުކުރަން ހުއްދަ ދީފައި ނުވާނެ ކަމަށެވެ.

މިނިސްޓަރު މުއިއްޒުގެ ޓްވީޓް

ބްރިޖްގެ މަސައްކަތް ކުރި ޗައިނާގެ ސީސީސީސީ ކުންފުނިން ކުރިން ބުނެފައިވަނީ ޕްލެޓްފޯމްގެ ބައިތައް ނެގުމަށްޓަކައި ބްރިޖްގެ އުތުރު ފަރާތުގެ ބައެއް ލޭންތައް ބަންދު ކުރަންޖެހޭ ކަމަށެވެ. އެކަމަކީ ވަރަށް ބުރަ އަދި ބޮޑު މަސައްކަތެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ރަސްމީކޮށް ހުޅުވި ބްރިޖަކީ ޗައިނާ ސަރުކާރުގެ 116 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އަދި 72 މިލިއަން ޑޮލަރުގެ ލޯނު އެހީގެ އިތުރުން ދިވެހި ސަރުކާރުގެ ބަޖެޓުން 12 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން އެޅި ބްރިޖެކެވެ.